Advertisement

ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދޭން ގޮވާލައިފި

24 މާރިޗު 2022 - 10:52 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކޮންސްޓްރަކްޝަން މަސައްކަތުގައި ބިދޭސީ މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ: ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ވެސް ރޯދަ މަހު ދޭ އިނާޔަތް ގާނޫނުން ލިއްބައިދޭ. --- އަދަދު ފައިލް ފޮޓޯ


ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދޭން ގޮވާލައިފި

24 މާރިޗު 2022 - 10:52 1

ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރޯދަ މަހު ދޭންޖެހޭ ހާއްސަ އިނާޔަތް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން ގޮވާލައިފި އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު މިއަހަރުގެ ރޯދަ މަސް ފެށޭއިރު، އެލްއާރުއޭ އިން ކުރި އިއުލާނެއްގައި ބުނީ ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި، ރޯދަ މަސް ފެށުމުގެ ކުރިން 3,000ރ. ދޭންޖެހޭނެ ކަމަށް ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"ނަމަވެސް ބައެއް ފަރާތްތަކުން ރަމަޟާން މަހުގެ އިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވޭ،" އެ އިއުލާނުގައި ބުންޏެވެ.

އެހެންކަމުން، ވަޒީފާ ދީގެން މުވައްޒަފުން ގެންގުޅޭ އެންމެހާ ފަރާތްތަކުން ވެސް، ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް ދިނުމަށް އެލްއާރުއޭ އިން ވަނީ ގޮވާލައިފަ އެވެ.

ވަޒީފާއާބެހޭ ގާނޫނުގައި ރޯދަ މަހުގެ އިނާޔަތާބެހޭ މާއްދާގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި، ރޯދަ މަސް ފެށުމުގެ ކުރިން 3,000ރ. ދިނުން ލާޒިމުކޮށްފަ އެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާ ފަރާތްތައް ވެސް ހިމަނަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމު މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދިނުމަކީ ވަޒީފާދޭ ފަރާތަށް އިހުތިޔާރު ލިބިގެންވާ ކަމެއް ކަމަށް ގާނޫނުގައި ބުނެ އެވެ. އެ އިހުތިޔާރުގެ ދަށުން، ރޯދަ އިނާޔަތް ދިނުމުގައި ޕަބްލިކް ސެކްޓާގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނާ މެދު އަމަލުކުރަން ޖެހެނީ ދިވެހި މުވައްޒަފުންނާ މެދު އަމަލުކުރަން ބަޔާން ކޮށްފައިވާ ގޮތުގެ މަތީންނެވެ.

ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ޖެހެނީ ގާނޫނުގެ ދަށުން ދިވެހި މުވައްޒަފުންނާ މެދު އަމަލުކުރަން ނިންމާ އުސޫލުގެ ދަށުންނެވެ.

ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި އަހަރުގެ ރޯދަ މަހަށް ދޭންޖެހޭ ހާއްސަ އިނާޔަތް، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.