Advertisement


(ދެ ވަނަ ބަޔާ ގުޅޭ)

ރީމާގެ އިޝާރާތަށް އޭނާ އިށީނެވެ. ލުއި ހިނިތުންވުމަކާއެކު އޭނާ ބަލައިލީ ސީދާ ހަމްދާނުގެ ދެ ލޮލަށެވެ.

"ޝަރުވާން، ޝަރޭ ކީމަ ރަނގަޅު ވާނެ." ޝަރުވާން އަމިއްލަ ތައާރަފެއް ދެމުން ސަލާމަށް އަތް ދިއްކޮށްލީ ހަމްދާނަށެވެ.

"މިއީ ހަމްދާން." ހަމްދާނަށް ބަލަން އިނދެ ރީމާ ބުނެލި އެވެ.

"ޝަރޭ ކިހިނެއް؟ އަދިވެސް ހިތުގައި ވިކަނީ އެ ހަނދާންތައްތަ؟" ހަމްދާން ދަތްކުނޑި ވިކައިގަތް ނަމަވެސް އެކަން މޫނުމަތިން ނުދައްކަ އެވެ.

"ޗީ، އެ އަހަރުމެން ކަހަލަ މީހުންނަށް އެއްވެސް އެއްޗެއް ނޫނެއްނު. އަހަންނަށް އެ ނުވޭ ޗިޕުހަށް ވެސް." ޝަރުވާން ލާނެތް ފާޑަކަށް ހީނލި އެވެ.

"ކުރިން ދަންނަންތަ ދެ މީހުން؟" ރީމާ ނޭނގޭ ކަމަށް ހެދެމުން އަހައިލި އެވެ.

"މި އީތަ ރީމާ ތި ބުނާ ކުއްޖަކީ؟" ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ހަމްދާނު ކޮށްލީ ސުވާލެކެވެ.

ރީމާ ގާތަށް ހިނިއަ އެވެ. އޭނާ އަނގަމަތީ އަތް އަޅައިގެން އިނދެ ހޭންފެށި އެވެ. ހީވަނީ ދުވަހަކު ހީލާނެ ފުރުސަތު ނުލިބިވާ މީހަކަށް ހީލާނެ ފުރުސަތެއް ލިބުމުން ހޭން ފެށިހެންނެވެ.

"ކިހިނެއް މިވީ؟" ހައިރާންކަމާއެކު ޝަރުވާނު ބަލައިލީ ސީދާ ހަމްދާނުގެ މޫނަށެވެ.

"ރީމާއަކަށްނު އެނގޭނީ!" ހަމްދާނު ޖަވާބު ދޭން ބޭނުން ނުވީ އެވެ.

ފާޑަކަށް ރަކިވެ ޖެހިލުން ވެފައި ހަމްދާން އިނީ އެވެ. ހަގީގަތުގައި އޭނާ ވީ ފޫއްސެވެ. އެތަނަށް ޝަރުވާނު އައުމުންނެވެ. ޝަރުވާނަކީ އޭނާގެ ރައްޓެއްސެއް ނޫނެވެ. ދުޝްމަނެއް ވެސް ނޫނެވެ. ދެކެފަރިތަ ތިމާގެ މީހެއް ވެސް ނޫނެވެ. ނަމަވެސް އެ ދެ މީހުންގެ ދެމެދުގައި ކަންތައް ތަކެއް ވަނީ ހިނގައިފަ އެވެ. ވާހަކަތަކެއް ވަނީ ބަދަލުކުރެވިފަ އެވެ. އެއް ނަޒަރަކުން ބަލާއިރު، ޝަރުވާނަކީ މާ ބާރު ގަދަ މީހެކެވެ. ކެރޭ މީހެކެވެ. ކުޅަދާނަ މީހެއް ވެސްމެ އެވެ.

ޝަރުވާނުގެ ކެރުންތެރިކަން ފެށިގެން އަންނަނީ އޭނާގެ ރީތިކަމާ ހަމައިންނެވެ. އަންހެން ކުދިން އަޅައިގަންނަ ސިފަތަކާ ހަމައިންނެވެ. އެ ސިފައަކާއެކު އޭނާގެ ހުޝިޔާރުކަމުގެ ސަބަބުން އޭނާ މަޝްހޫރުވެފައި ވަނީ ހިޔަޅުކަން ގަދަ މީހެއް ގޮތުގަ އެވެ. އެއީ ބައެއް މީހުން ކާމިޔާބީ މިންކުރާ ގޮތެކެވެ. ގިނަ ރަހުމަތްތެރިންނަށް ބާރު ފޯރާ އޭނާއަށް ތަބާވުމެވެ. އިނގިލިން ކޮށްލެވޭ ހަރަކާތަކުން ކަންކަން ފުރިހަމަ ވެގެން ދިޔުމެވެ. ގިނަ ފަހަރު މިކަން ފެށޭ ހިސާބަކީ ލޯތްބެވެ. ބޭނުންވުމެވެ. ގަދަ ކަމުން ނަމަވެސް ހާސިލުކުރާން ހިތް ގޮވުމެވެ.

ބައެއް މީހުން ޖަހައިލާ ފުށްޓަތްކަކުން ދުނިޔެ އެނބުރިލަ އެވެ. ދުނިޔޭގެ ކުލަތައް ބަދަލުކޮށްލެވެ އެވެ. ދުވާލު ރޭގަނޑަށެވެ. ރޭގަނޑު ދުވާލަށެވެ. އަންހެން ކުދިންނަށް އެކަން ވަނީ މޮޅު ކަމަކަށެވެ. ގަޓު ކަމަކަށެވެ. ކެރުންތެރި ކަމަކަށެވެ. ނަމަވެސް، އެއީ ހަގީގަތެއް ނޫނެވެ. އަސްލެއް ނެތް ހިޔާލުތަކެކެވެ. ކުލަ ނުވާ އަވާމެންދުރެވެ. ވިސްނެނީ ހަމަބިމަށް ތިރިވެވުނީމަ އެވެ. ހަގީގަތް އެނގުނީމަ އެވެ.

ޝަރުވާނާއި ހަމްދާނުގެ މައްސަލަ ވެސް ފެށެނީ އެހައި ހިސާބުންނެވެ. ހަމްދާނުގެ ލޯބިވެރިޔާ، ނަޒީހާއާ ހަމައިންނެވެ. މިކަމުގައި ނަޒީހާ މައްސަލައެއް ނެތެވެ. މައްސަލައަކަށް ވަނީ ދޭއްގެ ތެރެއަށް އެކެއް ވަންނާން ޖެހުމުންނެވެ. އެހައި ހިސާބުން ނަންބަރު ބޯޑު ބަދަލުކުރާން މަޖުބޫރު ވަނީ ތިނަކަށެވެ. އެއީ ޝަރުވާނެވެ. ޝަރުވާނުގެ ލެންސަށް ނަޒީހާ އަރާ ހިސާބުންނެވެ.

ޔުނިވަސިޓީގެ ދަރިވަރުންގެ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ހުޅުމާލޭގެ ސެންޓުރަލް ޕާކުގައި ބޭއްވި ހާއްސަ ހަފުލާ ހުށަހަޅައިދޭން ޖެހުނީ ނަޒީހާއަށެވެ. އެއީ ޓީވީތަކުން ދުރަށް ފޮނުވަމުން ދިޔަ އިޖުތިމާއީ ހަރަކާތެކެވެ. މީހުންގެ މަގުބޫލުކަމާއި ސަމާލުކަން އިޝްތިހާރުކުރުމުގެ ހުނަރުވެރިކަމުން ހޯދާފައިވާ ހަފުލާއެކެވެ.

އެރޭ ނަޒީހާ އަޅައިގެން ހުރީ އޭނާ ކުރިން ނާޅާ ކަހަލަ ގަޔަށް ބާރު ހެދުމެކެވެ. ކަށިމައްޗާ ހަމައަށް ހުރި އެ ހެދުމުގައި އޭނާ ފެންނަނީ އާދަޔާ ހިލާފު ނަލަކޮށްނެވެ. މީހުންގެ ހިތްތައް އޭނާއަށް ލެނބޭ ފަދަ ގޮތަކަށެވެ. އަލަށް ފިޔަޖަހައިލި ނަޒީހާގެ ހުށަހެޅުމާ މެދު ތައުރީފު ނުކުރާ އެކަކު ވެސް އެރޭ ނެތެވެ. ނަޒީހާގެ ވާހަކަ އެންމެ ފުރަތަމަ ޝަރުވާނު އެހީ ވެސް ރީމާ ގާތުގަ އެވެ. ރީމާއަކީ ޔުނިވަސިޓީގެ ދަރިވަރަކަށް ވާތީ އެވެ. ރީމާއަކީ ޝަރުވާނުގެ ތިމާގެ މީހަކަށް ވީތީ ދެ މީހުން އެ ކަހަލަ ވާހަކަތައް ކޮންމެ ވެސް ވަރަކަށް ދައްކަ އެވެ. ބައެއް ކަންކަމުގައި ރީމާ ވެސް ޝަރުވާނުގެ އެހީ ހޯދަ އެވެ.

ކަން ދިމާވީ އަދި މާ ރަނގަޅަށެވެ. ނަޒީހާއާ މެދު ރީމާގެ ހިތުގައި ގަޓަރި ޖަހައިލެވިފައިވާ އިހުސާސްތަކަށް ތަސައްލީއެއް ހޯދޭނެ ފަހި ގޮތަކަށް އެކަން ވުމުންނެވެ. ނަޒީހާއަކީ ކާކުކަން ރީމާ ވަރަށް ރަނގަޅަށް ޝަރުވާނަށް ކިޔައިދިނެވެ. އޭނާގެ ޝައުގުވެރިކަމާއި އޭނާގެ މިޒާޖާއި ލޯބި ކުރާ ކަންތަކަށް ދާންދެން ހިއްސާކުރި އެވެ.

"އަހަންނަށް ހީވަނީ ރީތި ފުރިހަމަ ކޮންމެ މީހެއްގެ އެހައިމެ ކަމު ނުދާ އެތައް އުނި ސިފަތަކެއް ހުންނާނެހެން." ކަންފަތުގައި ފޯނު ޖައްސާލައިގެން އިނދެ ޝަރުވާނު ވާހަކަ ދައްކަމުން ދިޔަ އެވެ.

ޝަރުވާނު އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެ އިނީ ނަޒީހާ އެވެ. އެއީ ވިލިމާލޭ ފެރީ ޓާމިނަލް އަމާންވެފައި އޮތް ވަގުތެކެވެ. ފެރީގެ އިންތިޒާރުގައި ނަޒީހާ އިނީ ފޫހިވެފަ އެވެ.

"އާނ! އެ ވާހަކަ މި ބުނީ. މިހާރު މި އުޅޭ ކުދިންނަށް ރީތި ސިފައެއް ލިބި، ހުނަރެއް ލިބޭ އިރަށް ތިމާއަކީ އެންމެ ކާމިޔާބު މީހާކަމަށް ނިންމާތީތާ މައްސަލައަކީ!" ޝަރުވާނު ފޯނުން ދައްކަމުން ދިޔަ ވާހަކަތައް ތީރުތަކެއް ފަދައިން ހެރެމުން ދިޔައީ ސީދާ ނަޒީހާގެ ހިތަށެވެ.

ހަގީގަތަކީ ޝަރުވާނު ފޯނުން މީހަކާ ވާހަކަ ނުދައްކާ ކަމެވެ. އޭނާގެ ބޭނުމަކީ ނަޒީހާއަށް އަސަރުކުރާ ބީދައިން ވާހަކަ ބައްޓަންކޮށް އޭނާގެ މައްޗަށް ހަމުދަރުދީ އުފައްދައިގެން އޭނާއާ ވާހަކަ ދެއްކުމެވެ. އެހެންވެ އޭނާގެ ބަސްމަގު ބައްޓަން ކުރަމުން ދިޔައީ އެ ގޮތަށެވެ. އެ ރާގަށެވެ. ނަމަވެސް ބަލަން ހުންނަ މީހަކަށް އިހުސާސް ވާނީ ޝަރުވާނު ފޯނުން ވާހަކަ ދައްކާ ކަމެވެ. ޚުދު ނަޒީހާއަށް ވެސް ވިސްނުނީ އެހެންނެވެ.

"ނޫނޭ، އަހަރެން ނުބުނަން އަހަންނަކީ ރީތި މީހެކޭ. ފުރިހަމަ މީހެކޭ. އެކަމަކު ވަރަށް ގިނަ މީހުން ތިޔަހެން ބުނޭ. ކަމުދާ ވާހަކަ ވެސް. މާތްﷲ އަހަންނަށް ދެއްވި ސިފައާމެދު އަހަރެން ހިތްހަމަ ޖެހޭ. އެކަމަކު ފަހުރުވެރިއެއް ނުވަން." ޝަރުވާނުގެ ރާގު ބަދަލުކޮށްލި އެވެ. "ދެން އަހަންނަކީ އަންހެނަކު ފެންނަ އިރަށް އެ ގޮތަށް ދުވެގަންނަ މީހެއް ނޫން. އަހަންނަކީ ކާކުކަން ރަނގަޅަށް އެނގޭނެ. އަހަރެން ޝައުގުވެރިވާ ކަންކަމާއި ޝައުގުވެރި ނުވާ ކަންކަން ވެސް. އެކަންކަން ކިޔައިދޭކަށް ނުޖެހޭނެ ދޯ."

ނަޒީހާ ބަލައިލީ ޝަރުވާނުގެ މޫނަށެވެ. ޝަރުވާނަށް އެކަން އެނގުނެވެ. އެހެންވެ އޭނާ ވެސް ފޯނުގައި ވާހަކަ ދައްކަން އިނދެ ނަޒީހާގެ މޫނަށް ބަލައިލި އެވެ. އެއާއެކު ލުއި ގޮތަކަށް ހިނިތުންވެލި އެވެ.

"ކާކު ބުނި އެއްޗެއްތީ؟ ކޮންތާކު؟ އެއީ އަހަރެންގެ ބިޓެއް ނޫނޭ. ދަންނަ ކުއްޖެއް ވެސް ނޫން." ޝަރުވާނުގެ މޫނު މަތީގައި ބޮޑު ހިނިތުންވުމެއް ކުރަހައިލި އެވެ.

ނަޒީހާ ޝައުގުވެރިކަމާއެކު ޝަރުވާނުގެ މޫނަށް ބަލަން އިނެވެ. އޭނާގެ ވާހަކަ ދެއްކުމުގެ ރާގާއި ހަރަކާތްތަކުގައި ގާތްކަމެއް އިހުސާސްވާތީ އެވެ. ޝަރުވާނުގެ ބައެއް ލަފުޒުތަކުން އޭނާގެ އިހުސާސްތަކަށް އަސަރުތަކެއް ކުރަމުންދާތީ އެވެ.

"އާނ! ފުރިހަމަ ރީތި ކުއްޖެއް. ބަލައިލާ ގޮތުން ވެސް ހީވަނީ އަހަރެން ވެސް ގަނޑުވެދާނެހެން. އެހައި ވެސް ފުރިހަމަ. ޗާލު. ފުން ދެ ލޮލާއި ތޫނު ކަޅިރަވައިން ނަފުސު ކަތިލަމުން އެ ދަނީ. އެއަށްވުރެ ފުރިހަމަ ހިނިތުން ވުމެއް. ކޮންމެ މީހަކަށް ވެސް އުފާވެރިކަން ގެނުވައިދޭ ފަދަ ހިތްގައިމު ހިނިތުންވުމެއް." ޝަރުވާނު ބަލައިލީ ސީދާ ނަޒީހާގެ ދެ ލޮލަށެވެ.

ނަޒީހާގެ ގައިން ހީނބިހި ނަގައިގަތެވެ. އޭނާއަށް ޝަރުވާނުގެ ދެ ލޮލުގެ ތެރެއަށް ފީނާ ގަނެވުނެވެ. ހިޔާލުތައް އުދުހިގެން ދިޔައީ މާ ދުރަށެވެ. ދިޔަރެސް މަތީ ބީހެމުން ދިޔަ މަޑުމޮޅި ރާޅު ތަކާ ދިމާ އަށެވެ. އެ ފަދަ ހިތްގައިމު ވެށްޓަކާ ދިމާއަށެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އޭނާއަށް މީން ދުވަހަކު އެފަދަ ތައުރީފެއް މީހަކު ނުކުރެ އެވެ. އަމުދުން އޭނާ ދެކެ ލޯބިން އުޅޭ ހަމްދާނު ވެސް އެފަދަ މޭރުމަކުން އެއްޗެކޭ ނުބުނެ އެވެ.

ޝަރުވާނު ވެސް ނަޒީހާއާ ދިމާއަށް ބަލަން އިނެވެ. އޭނާގެ މަޅީގައި ނަޒީހާ ޖެހުނުކަން ޔަގީން ވުމުން ކަންފަތުން ފޯނު ނައްޓައިލި އެވެ. ޝަރުވާނު ދެ ތިން ހަރަކާތްކޮށްލުމުން ވެސް ނަޒީހާ ގޮތެއް ހަދައި ނުލި އެވެ. އެހައި ހިސާބުން ނަޒީހާގެ ހިޔާލުތައް މާ ދުރުގައި އުޅޭކަން ޝަރުވާނު ޔަގީންކުރި އެވެ. ޝަރުވާނު ކޮޅަށް ތެދުވެލި އެވެ. އޭނާ ދެ އިނގިލިން ނަޒީހާގެ މޫނަށް ޗޮކެއް ކަނޑައިލި އެވެ.

ނަޒީހާއަށް ސިހިފައި ކޮޅަށް ތެދުވެވުނެވެ. ލިބުނު ކުއްލި ސިހުމާއެކު ނަޒީހާއަށް ބައްދާލެވުނީ ސީދާ ޝަރުވާނުގެ ގައިގަ އެވެ. އޭނާގެ ބޯ ޖެހުނީ ޝަރުވާނުގެ ތަނަވަސް މޭގަ އެވެ. ނަޒީހާއަށް އެތެރެއަށް ނޭވާ ދަމާލެވުނެވެ. ޝަރުވާނުގެ ގައިން ދުވަމުން ދިޔަ މީރު ވަސް ނަޒީހާގެ ސިކުނޑިއާ ހަމައަށް ފޯރި އެވެ. ޝަރުވާނުގެ ދެ އަތުން ނަޒީހާގެ ބުރަކަށީގައި ޖައްސާ ބާރުކޮށްލި އެވެ. އޭނާގެ މެޔާލައި ނަޒީހާ ފިއްތައިލި އެވެ. ނަޒީހާއަށް ކުރެވުނީ އާދަޔާ ހިލާފު އިހުސާސެކެވެ. އޭނާ ބޭނުންވީ އެގޮތުގައި އެތައް އިރަކު ހުންނާށެވެ. ނަޒީހާގެ ކަންފަތުގައި ޖެހުނީ މަސްހުނި އަޑުތަކެކެވެ. ފެރީގެ އިންޖީނުގެ އަޑެވެ. ފެރީން ފައިބަމުން ދިޔަ މީހުންގެ ހުނުމާއި ވާހަކަ ތަކުގެ އަޑެވެ.

ނަޒީހާ މަޑުމަޑުން ދުރަށް ޖެހިލި އެވެ. އިސް ޖަހައިލައިގެން ހުރެ އެވެ. ޝަރުވާނު އެ ހުރި ގޮތަށް ހުރީ އެވެ. ފާޑެއްގެ ލާނެތް ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ކުރަހާލައިގެންނެވެ.

"ސޮރީ." ނަޒީހާ ލަސްލަހުން ބުނެލި އެވެ.

"ކީއްވެ؟"

"ގަސްތަކު ނޫން." ނަޒީހާ ހިންދިރުވާލި އެވެ.

"މައްސަލައެއްތަ؟ އެހެން ނޫނަސް ބޭއިހުތިޔާރުގައެއްނު. އެ ގޯހެއް ނޫން. މައްސަލައެއް ނޫން،" ޝަރުވާނު އަތް ދިއްކޮށްލި އެވެ. "މީހުން ހީކުރާނެ އަހަރުމެންނީ ދެ ލޯބި ވެރިން ކަމަށް. ދެންމެ ވަރަށް ބަލައިފި އެންމެން. ހަގު ކޮށްލައިގެން ތިބީމަ. ދެން ނޫންކަމަށް ހެދެން އުޅެންޏާ އަނެއްކާ މާ ބޮޑަށް ބަލާނެ. އިހަށް މި ވަގުތުކޮޅަށް ހިނގާ އެގޮތަށް އުޅެލަން. އެހެން ނޫނީ ވަރަށް ގޯސްވާނެ. ފޮޓޯ ނަގާ މީސްމީޑިއާގަ ޖަހައިލާނެ."

ޝަރުވާނުގެ ވާހަކަތައް އިވިފައި ނަޒީހާ ދެ ލޯ ބޮޑުވި އެވެ. އޭނާ ބަލައިލީ ސީދާ ޝަރުވާނުގެ މޫނަށެވެ. ދެ ބުމަ ކައިރިކޮށްލަމުންނެވެ.

"މައްސަލައެއް ނޫނޭ. ހިފާ މަގޭ އަތުގައި. އެހެން ނޫނީ ހީވާނީ ދެ މީހުން މައްސަލަ ޖެހިގެން އުޅޭހެން." ޝަރުވާނު އަތް ދިއްކޮށްލި އެވެ.

ނަޒީހާ ވިސްނައިލި އެވެ. ޝަރުވާނުގެ ވިސްނުމަށް އޭނާއަށް ތާއިދު ކުރެވުނެވެ. ކަންކަން އެގޮތަށް ބަދަލުވެގެން ދިޔައީތީ އެ ނޫން ގޮތެއް ނެތްކަމަށް ވިސްނުނެވެ. އެހެންވެ އޭނާ ހިފައިލީ ޝަރުވާނު ދިއްކޮށްލި އަތުގަ އެވެ. އަތުގައި ހިފައިލުމާއެކު ޝަރުވާނު އޭނާއާ ގާތަށް ނަޒީހާ ދަމައިގަތެވެ. މަޑުމަޑުން އޭނާގެ ގައިގައި ބައްދާލި އެވެ. ނަޒީހާއަށް މަޖުބޫރުވީ ޝަރުވާނުގެ ކޮންމެ ހަރަކާތަކަށް ރުހުން އޮތްކަން ދައްކައިދޭށެވެ. އެންމެ ފަހުން، ޝަރުވާނުގެ މޫނު ނަޒީހާގެ މޫނާ ކައިރިކޮށްލި އެވެ. ބަލާ މީހަކަށް ސިފަ ވާނީ އެއީ ދެ ލޯބިވެރިން ކަމެވެ. އެމީހުން މިސްރާބު ޖެހީ ފެރީއާ ދިމާއަށެވެ. ފެރީއަށް ދިޔައީ ވެސް ދެ މީހުން އަތު ގުޅައިލައިގެން އެކަކު އަނެއްކެއްގެ ގައިގައި އޮޅުލައިގަނެގެން ތިބި ގޮތަށެވެ. (ނުނިމޭ)