Advertisement

އެމީ؛ ހިތި ފޮނި ހަޔާތެއްގައި، މާޔޫސްކަމާ މާ ދުރުގައި

10 އޭޕްރީލް 2022 - 10:19 2

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


އެމީ؛ ހިތި ފޮނި ހަޔާތެއްގައި، މާޔޫސްކަމާ މާ ދުރުގައި

10 އޭޕްރީލް 2022 - 10:19 2

ގިނަ އުއްމީދުތަކަކާ އެކު ދުނިޔެއަށް އަންނަ ތުއްތު ދަރިފުޅުގެ ކިބައިގައި ނުކުޅެދުންތެރިކަމެއް، ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ކަންތައްތަކެއް ހުރިކަން އެނގޭ ހިނދުކޮޅަކީ މަޔަކަށް، ނުވަތަ ބަފަޔަކަށް ފަސޭހަ ވަގުތުކޮޅަކަށް ނުވާނެ އެވެ. އާއިލާގެ މުސްތަގުބަލާއި ދަރިފުޅުގެ ކުރިމަގާ މެދު ހާސް ބޮޑުވެ އެތަކެއް ހިޔާލު ތަކަކުން އެ ކުޑަ ހިނދުކޮޅުގައި ހިތް ކުދިކުދިކޮށްލައި އެތައް ވިސްނުމެއްގެ ތެރެއަށް ފައްތާލާނެ އެވެ.

އައިޝަތު އެމީލާ، (އެމީ) ގެ ތަޖުރިބާ ވަކި ތަފާތެއް ނޫނެވެ. ފުރަތަމަ ލިބުނު ދަރިފުޅު އައިޝާ އަކީ ޑައުންސިންޑްރޯމް ހުންނަ ކުއްޖެއްކަން އެނގި ހިތުގެ މައްސަލަތަކެއް ހުރިކަން އެނގުނު ހިސާބުން އޭނާގެ ދުނިޔެއަށް އެރީ ލޮޅުމެކެވެ. އެ ލޮޅުން ބޮޑުވެ، ހަޔާތް ފުށުން ޖެހި ހުވަފެންތައް ވިހާލި ވެގެން ދިޔައީ ދެވަނަ އަށް ލިބުނު ފިރިހެން ދަރިފުޅު އާއިޝް، ހެލިފެލިވުމަށް ހުރަސް އަޅާ "ސެރެބްރަލް ޕަލްސީ" އަށް ޑައިގްނޯސްވި ހިސާބުންނެވެ.

ހާއްސަ އެހީއަށް ބޭނުންވާ ދެ ދަރިންނާއެކު ކުރަންޖެހުނު ރާޅު ގިނަ ދަތުރުގައި ކުރި ތަޖުރިބާއާ އެކު، އެމީ މިހާރު މަސައްކަތްކުރަނީ އޭނާ ފަދަ މައިންނަށް އުފާވެރި، ލުއި ދިރިއުޅުމެއް ހޯދައިދިނުމުގެ މަގުސަދުގަ އެވެ.

ހަތެއްކަ އަހަރު ކުރިން، ހާއްސައެހީ އަށް ބޭނުންވާ މީހުންނަށްޓަކައި ވިލިމާލޭގެ ޒުވާނުންތަކެއް އުފެއްދި "ވިލިޖޯލި" ޖަމިއްޔާގެ ހިންގާ ކޮމެޓީގެ ޕޭރެންޓް ސަޕޯޓް ހަރަކާތުގެ އެންމެ އިސް ހިންގުންތެރިއަކީ އެމީ އެވެ. ސުވާލާއި ޖަވާބު ހިމެނޭ މި އާޓިކަލް ގައި މި ގެނެސްދެނީ އެމީއާއެކު ހޭދަކުރި ގަޑިއެއްހާ އިރު ދެކެވުނު އެންމެ ހާއްސަ ވާހަކަތަކެވެ.

އެމީ އާއި އެމީގެ މަސައްކަތާއި މީހުންނަށް ތި ފޯރުކޮށްދޭ އެހީތެރިކަމާ ބެހޭގޮތުން ދެތިން އެއްޗެއް ކުރުކޮށް ބުނެދެވިދާނެތަ؟

އެމީ އަށް 33 އަހަރު. ރަސްމީ ވަޒީފާއަކަށް ނުދަން. މިހާރު މި އުޅެނީ ވިލިޖޯލީގެ ޕޭރެންޓް ސަޕޯޓް ގުރޫޕްގެ އިސް ހިންގުންތެރިއަކަށް.

"ވިލިޖޯލި" ޕޭރެންޓް ސަޕޯޓް ގްރޫޕަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޕޭރެންޓުންނަށް ދިމާވާ ތަފާތު ކަންކަން ހިއްސާކުރަން އޮންނަ ޕްލެޓްފޯމެއް. ބެލެނިވެރިންގެ އުދާސްތައް ހިއްސާކުރުމާއި ދަތިވާ ކަންކަމުގައި އެހީތެރިކަން ހޯދައި، ކަންކަން ދަސްކުރުމުގެ ފުރުސަތު ދޭ ޕްލެޓްފޯމެއް. މި ޕްލެޓްފޯމްގައި އެމީގެ މަސައްކަތަކީ އެ ހުރިހާ ކަމެއް ލީޑް ކުރުން. ސެޝަން ތައް ރޭވުމާއި ޕޭރެންޓުންނަށް ގުޅުމާއި އެމީހުންގެ ބައިވެރިވުން އިތުރުކޮށް އެމީހުންނަށް މިބުނި ކަންކަމުގައި އެހީތެރިވުމަކީ އެމީގެ މަސައްކަތް.

އެންމެ ބޮޑު ގޯލް އަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ތަހައްމަލުކުރާ އުނދަގޫތައް އެމީ އަށް ވީ ވަރަކުން ލުއިކޮށްދިނުން.

އެހެންވީމަ، އެކަހަލަ ކަންކަން އަމިއްލަ އަށް ސްޓަޑީކޮށް ހޯދައިގެން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހުރި ފުރުސަތުތަކާއި ފަރުވާގެ ކަންކަމުގައި ކަންތައްތައް ކުރަންވީ ގޮތް ޕޭރެންޓުންނަށް ކިޔައިދިނުމާއި، އާއިލާ ތަކަށް ނަފްސާނީ ސަޕޯޓް ދިނުން މިހާރު މި ކުރާ މައިގަނޑު ކަމަކީ.

ދެން ޕީޓީއޭގެ މެންބަރަކަށް ވާތީ، އާދައިގެ ކުދިންގެ ބެލެނިވެރިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑު އަހައިގެން އިންކްލޫސިވް އެޑިއުކޭޝަންގެ ޕޮޒިޓިވް ފަރާތަށް ފޯކަސްކުރުމުގެ މަސައްކަތް ވެސް އެމީ އަމިއްލަ އަށް އިސްނަގައިގެން ކުރަން.

އެންސްޕާއިން ކުދިންނަށް އެހީ ހޯދުމުގެ ކަންކަމުގައި ވެސް، އެކަން ކުރަން އުނދަގޫވާ ބެލެނިވެރިންނަށް، އެމީ އަމިއްލައަށް ފޯމު ފުރައިގެން ގޮސް ލައިދީ އެހީ ލިބެންދެން އަޕްޑޭޓް ބަލައި އެކަންކަން ވެސް ކޮށްދެން.

އެމީ ބޭނުންވަނީ މީހަކު އެހީއަކަށް ބޭނުންވާއިރު އެންމެ ފުރަތަމަ ހަނދާންވާ ނަމަކަށް އެމީގެ ނަން ވާން.

އެމީގެ ދެ ކުދިންނަކީ ވެސް ހާއްސަ އެހީއަށް ބޭނުންވާ ދެކުދިން. ބޮޑު ދަރިފުޅަކީ ޑައުން ސިންޑްރޮމް ހުރި ކުއްޖެއް. ދެވަނަ ދަރިފުޅަކީ ސެރެބްރަލް ޕަލްސީ ހުރި ކުއްޖެއް. މި ކަންކަން އެނގުމާއި، ވިދިގެން ކުރި ތަޖުރިބާތައް ހިއްސާކުރެވިދާނެތަ؟

ދެ ކުދިން ވެސް ޑައިގްނޯސް ވީ ވިހައިގެން ތިން ވަރަކަށް މަސް ފަހުން. ދޮންތި (އައިޝާ) އަކީ ޑައުންސިންޑްރޮމް ހުރި ކުއްޖެއްކަން އެނގުނު ހިސާބުން ހިތުގެ މައްސަލަތަކެއް ވެސް ހުރިކަން އެނގުނު. އަހަރެއް ވީތަކާ އޮޕަރޭޝަން ކޮށްގެން އެކަން ރަނގަޅުކޮށްގެން ދެން މަސައްކަތް ކުރީ ދަރިފުޅު ވީހާވެސް ނޯމަލް، އުފާވެރި ކުއްޖެއްގެ ގޮތުގައި ގެންގުޅެން. އެކަމަށްޓަކައި ވަރަށް ބޮޑަށް މީހާ އެވެއާ ކުރިން. ކަންކަން އުނގެނި ދަސްކުރިން.


ދޮންތިއަށް ދިހަ އަހަރު ވީ ފަހުން ދެވަނަ ދަރިފުޅަކަށް ތައްޔާރުވާން ފަށައިފިން. ބޭނުންވީ ދޮންތިއަށް އަޅާލާނެ މަދަދުވެރި އެއް ހޯދައިދިނުން. އެހެންވެ ޕްރެގްނަންސީ އަކަށް ވެވޭނެ އެންމެ ބޮޑަކަށް ތައްޔާރުވިން. މެންޓަލީ، ފައިނަންޝަލީ ވެސް. ކެއުން ވެސް ބަދަލުކުރިން.

ޕްރެގް ވުމުގެ ކުރިން ފޮލިކް އެސިޑް ކާން ފައްޓަން ޑޮކްޓަރަށް ދިއުމުން އެފަހަރު ހޮސްޕިޓަލުން ހަލާކުވެފައި ހުރި ޒާތެއްގެ ބޭހެއް ދީގެން އެވެސް ކެވުނު. ފަހުން އެ ނުކާން އެންގީ. އެކަން އެހެންވީމަ، ބޭހުގެ އަސަރު ފިލާތޯ ދުވަސްކޮޅެއް ކޮށްފައި ހަ މަސް ކޮށްފައި އަނެއްކާވެސް ދަރިއަކު ހޯދަން ތައްޔާރުވާން ފެށީ. ބަނޑު ބޮޑުވެގެން ހުރިހާ ކަމެއް ގަވާއިދުން ކުރަމުން، އެންމެ ކުދި ކަންކަމުގައި ވެސް ޑޮކްޓަރުންގެ ލަފާ ހޯދަމުން އައީ.

ސްކޭން ތަކުން ވެސް ދަރިފުޅު ފެންނަނީ ނޯމަލްކޮށް. ހުރިހާ ކަމެއް ނޯމަލް.

މައްސަލަ ޖެހުނީ ވިހަންވީ ވަގުތު އައި ހިސާބުން.

ހޮސްޕިޓަލަށް ދިޔައީ ކޮންމެވެސް ވަރަކަށް ބްލީޑް ވާން ފެށީމަ. ދެން އެޑްމިޓްކޮށް، ވިހަންދެން މަޑުކުރުވާފަ އޮތީ. ދަރިފުޅުގެ ބަރުދަނުގައި 3.5 ހުރި ވާހަކަ ބުނީމަ ބުނިން ބޭނުންވަނީ އޮޕަރޭޝަން ކުރާށޭ. ބުނީމަ ވެސް ބުނީ ނޫނެކޭ ވިހޭނެ އޭ. ދެން އެހެން އޮވެގެން ލަސްވެގެން ގޮސް ދަރިފުޅުގެ ބޯ ތާށިވީ. އޭރު އޮތީ ވިއްސާ ކޮޓަރީގަ. ދެން އެމަޖެންސީގަ އޮޕަރޭޝަން ކުރަން ގެންދަން އެހެން ފްލޯ އަކަށް ގެންދަން އުޅެގަތީ. ލިފްޓުގައި ވެސް ވި ދިހަ ވަރަކަށް މިނެޓު. އޭރުވެސް ދަރިފުޅު މި އޮތީ ބޯ ތާށިވެފަ.

ދެން ގެންގޮސް ދަރިފުޅު ނެގި އިރު ސިކުނޑީގެ އެއްބައި ހަލާކުވެފަ ހުރީ.

އެދުވަސްކޮޅު ވަރަށް އުނދަގޫވި އެކަން ބަލައިގަންނަން. ސަބަބަކީ ވަރަށް ޕްލޭން ކޮށްގެން ވަރަށް އުންމީދާއެކު ދަރިފުޅު ހޯދީ. ބައެއްގެ ކަން ފަސޭހަ ވެގެން ދަރިފުޅު ނުކުޅެދޭ ކުއްޖަކަށް ވީމަ ނޭނގުނު ވީ ގޮތެއްވެސް. މުޅިން މާޔޫސްވީ ދިރިއުޅުން މަތިން.

އާއިޝްގެ ޑައިގްނޯސިސް އާއެކު އުފުލަންޖެހޭނެ ތަކުލީފާއި ކުރިމަގަށް ހުރި އެކި ކޮޅުތަކާމެދު ވިސްނޭނެކަން ޔަގީން. އެހެންވީމަ އެ ހަގީގަތަށް ހޭނެން މަސައްކަތްކުރީ ކިހިނެއް؟

ދެ ކުދިން އެއްކޮށް އެއް ގޮދަޑިއެއްގައި ތިބޭތަން ފެނުނީމަ ދެމީހުންގެ ހިތަށް މިހާރުވެސް އުނދަގޫވާ ފަހަރުތައް އާދޭ. ފިރިމީހާ ވެސް، އެމީ ވެސް ވަރަށް ހިތްދަތިވާ ފަހަރުތަކުގަ ހިތަށް އަރާ ކީއްވެގެން ބާއޭ މިހެން މިވީ. ކިތަންމެ ހިތްވަރު ކުރިޔަސް އޭތި އާދޭ.

އާއިޝް އަކީ ނޯމަލް ކުއްޖެކޭ ހީވި ހިސާބުން ހުރިހާ ކަމެއް ދެން ރަނގަޅުވީ އޭ ހިތަށް އެރީ. އެކަމަކު ބަލި ޑައިގްނޯސްވި ހިސާބުން މީހާ ބަދަލުވެއްޖެ.

އެމީ އަކީ، ބޮޑު ދަރިފުޅު ލިބުނީއްސުރެެ ދަރިފުޅުގެ ކަމެއް ވަކި ގަޑިއެއްގައި ކުރަން ޖެހިއްޖެނަމަ ހަނދާން ނެތޭ މީހެއް ނޫން. އެކަމަކު އާއިޝްގެ ކަންތައްތައް އެގުނީމަ، ބޭސް ދޭ ވަގުތު ވެސް ހަނދާން ނެތޭ. ނަފްސާނީ ގޮތުން މީހާ މުޅިން ވަރުބަލިވި.

އޭރު، ބައެއް ފަހަރަށް ހިތަށް އަރާ ކީއްވެ ބާއޭ އެމީ އަށް އާއިޝް ލިބެންވީ. ނުހޯދުނު ނަމައޭ ވެސް ހިތަށް އެރި.

މީހަކާވެސް ވާހަކަ ދައްކާކަށް ބޭނުމެއް ނުވޭ. ވިހައިގެން ފުރަތަމަ ދުވަސްކޮޅު ކޮޓަރި ތެރޭގައި އާއިޝް ގޮވައިގެން އުޅޭ އިރުގައި އަލަށް ދަރިއަކު ލިބިގެން އުޅޭ މަންމައަކަށް ކުރެވޭ އުފާވެރި އިހުސާސްތަކެއް ވެސް ނުކުރެވޭ.

ދޮންތި ލިބުމުން ނަފްސާނީ ބަލިތަކާ ބެހޭ ގޮތުން ވަރަށް ގިނަ ކަންކަން ކިޔެވިން. އެހެންވީމަ ވަކި ހިސާބަކުން އެނގިއްޖެ މި ދަނީ ޑިޕްރެޝަން އާ ދިމާލަށް ކަން. ދެން ވަރަށް ހިތްވަރުކޮށްފައި އަނެއްކާ ވެސް ތެދުވީ.

ދެމަފިރިންގެ ދިރިއުޅުމަށް ވެސް ގޮންޖެހުން ބޮޑު ކަންތައްތަކަކަށް މިފަދަ ތަޖުރިބާތައް ވޭ. މިހާރު ތި ތަޖުރިބާކުރާ އުފާތަކާއި ކާމިޔާބު ދިރިއުޅުން ހޯދަން އޭރު ދެމަފިރިންގެ ވިސްނުން ބައްޓަންކުރީ ކޮން ގޮތަކަށް؟

ދެމީހުން ވެސް ވަރަށް ބޮޑަށް މަސައްކަތްކުރިން ޕޮޒިޓިވްކޮށް ވިސްނަން. ދީނީ ވާހަކަތައް އަޑު އަހައިގެން ދެއްވި ދެ ދަރިންނަކީ ވެސް ރަހުމަތެއްގެ ގޮތުގައި ބަލައިގަންނަން ވަރަށް މަސައްކަތް ކުރިން.

އިރާދަކުރެއްވިއްޔާ އެކަން ދެމީހުންނަށް ވެސް ކުރެވިއްޖެ. ފިރިމީހާ ވެސް ކުދިންގެ ކަންތައްތަކުގައި ނުކޮށްދޭނެ ކަމެއް، ނުވާނެ ގުރުބާނީ އެއް ނޯންނާނެ. އެހާ ސަޕޯޓިވް. ފައިސާގެ ގޮތުން، ނުވަތަ ނަފްސާނީގޮތުން ދޭންޖެހޭ ހުރިހާ އަޅައިލުމެއް ފިރިމީހާގެ ފަރާތުން ލިބޭ. އެހެންވީމަހެން ހީވަނީ ދެމީހުންނަށް މިހާ ހިތްވަރާއެކު ކުރިއަށް ދެވެނީ.

ކުދިންގެ ކަންކަމުގައި އާއިލާ ނުވަތަ އެކުގައި ދިރިއުޅޭ މީހުންގެ އެހީތެރިކަން ހޯދަނީ ކިހިނެއް؟

ދޮންތި އަކީ ޑައުންސިންޑްރޯމް ކުއްޖަކަށް ވާތީ، ދެވަނަ ދަރިފުޅަކު ހޯދަން ޕްލޭން ކުރީ ވެސް ދޮންތި އަށް ވަރަށް ގިނަ ލައިފް ސްކިލް ދަސްކޮށްދީފައި. އެމީ އަބަދުވެސް މަސައްކަތްކުރީ ދޮންތި އަށް އެކަނި އުޅެވޭ ވަރު ކޮށްދޭން. އެ އަޒުމުގައި ކުރި މަސައްކަތުން ހަތަރު އަހަރު ވީ އިރު ދޮންތި ހުރީ ޕޮޓީ ޓްރެއިން ކުރެވިފަ. ގްރޭޑް ތިނަކާ ހަމައަށް ދިޔަ އިރު އެކަނި ހުރިހާ ކަމެއް ކުރާނެ. އަމިއްލަ އަށް ފެން ވެރުމާއި، ބޮލުގައި ފުނާ އެޅުން ކަހަލަ ހުރިހާ ކަމެއް އެކަނި ކުރާނެ. ނުވަ އަހަރުގައި ދޮންތި ބުރުގާ ވެސް އަޅުވައިފިން.

އާއިޝް ލިބުނު އިރު ދޮންތި އަށް އަމިއްލަ އަށް ކަންކަން ކުރެވޭތީ ބަލަހައްޓަން ހުންނަ މީހަކަށް ބުރައަކަށް އެކަން ނުވާ ވަރުވެފަ ހުރީ. އެހެންވީމަ އާއިޝްގެ ކަންކަން އެމީ އަށް ދޮންތި އާ މެދު ނުވިސްނައި ކުރެވޭ.


ތަނަކަށް ދާއިރު ނުވަތަ އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރާއިރު، އާއިޝް ބެލުމަށް ގޭގެ މީހުންގެ އެހީ ވެސް ހޯދަނީ އެ މީހަކަށް ބުރަ ނުވާ ގޮތަށް. މިސާލަކަށް، އެމީ ތަނަކަށް ދަންޏާ ދާނީ އާއިޝްގެ ކަންތައްތައް ކޮށްދީފައި، ކާން ދީފައި. އެގޮތަށް މެނޭޖް ކުރުމުން އާއިލާގެ އެހީ ހޯދުމުގައި ވެސް ވަރަށް ފަސޭހަ.

ބޮޑު ދަރިފުޅަށް ހާއްސަ އެހީބޭނުން ވިޔަސް، އަމިއްލައަށް ދިރިއުޅުމެއްގައި އުޅެވޭ ކުއްޖަކަށް އެމީ އެވަނީ އޭނާ ތައްޔާރުކޮށްފައި. އެކަމަކު އާއިޝްގެ ކުރިމަގު އޮތީ ކޮން ގޮތަކަށް ކަމެއް ނޭނގޭ އިރު އެކަން ހޭންޑްލް ކުރަނީ ކޮން ކިހިނެއް؟

އަދިވެސް އުންމީދު ކަނޑައެއް ނުލަން. އާއިޝް އަށް ނުހިނގޭނެއެކޭ އަދިވެސް ގަބޫލުކުރާކަށް ބޭނުމެއް ނޫން. އާއިޝް އަށް ފަސް އަހަރު ފުރެންދެން އެކަމަށް މަސައްކަތް ކުރާނެ ފުރުސަތު އެބަ އޮތް. ކޮންމެ ދުވަހަކު މި ކުރަނީ އެކަން. އެހެންވީމަ އުންމީދެއް ދުލެއް ނުކުރަން. ކޮންމެވެސް ދުވަހަކުން އާއިޝް ވެސް ނަގާ ކޮޅަށް ޖެހޭނެއޭ ހިތް ބުނަނީ.

އެމީ ފަދައިން ތިކަހަލަ ދިރިއުޅުމެއްގައި އުޅޭ މަޔަކަށް ނުވަތަ އާއިލާ އަކަށް ދޭނީ ކޮން ނަސޭހަތެއް؟

އެހީ ހޯދާށޭ. އަމިއްލަ އާއިލާއާއި އެހީތެރިވާން ތިބި މީހުން ބަލައިގަންނާށޭ.

ސިއްހަތަކީ އެންމެ މުހިންމު ކަންތައް. ނަފްސާނީ ދުޅަހެޔޮކަމަކީ ހަމަ އެވަރަށް މުހިންމު ކަމެއް. މާ ބޮޑަށް ހިތާއި ހައްޓަށް ބުރަވާ ނަމަވެސް ހޯދަންވީ އެހީތެރިކަން. އެއީ ތެރަޕީ ވިޔަސް، އެމީ މެން މި ހިންގާ ޕޭރެންޓް ސަޕޯޓް ގްރޫޕް ވިޔަސް، ކޮންމެވެސް ގޮތެއް ހޯދާށޭ.

އަބަދުވެސް އެމީގެ ހިތުގެ ފުނުން ބުނަން ބޭނުންވާ ވާހަކައެއް އޮވޭ. މިއީ ވަރަށް ބޮޑަށް ރަހުމާއި ކުލުނާއި އޯގާތެރިކަން ދަސްކޮށްދޭނެ ދަތުރެއް. ކިތަންމެ ކުޑަ އެހީއަކީ ވެސް ވަރަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެއް. މީހެއްގެ ދިރިއުޅުމަށް އެ ބަދަލު ގެނެވޭނެ ވަރުގެ ގާބިލުކަން މި ދަތުރު ކަނޑައްތުކުރާ ކޮންމެ މީހެއްގެ ވެސް ހުންނާނެ. ވަރަށްގިނަ ގޮންޖެހުންތައް އަންނާނެ، އެކަމަކު ހިތްވަރު އާކޮށް، އަޒުމް އާކޮށް ހިތްތިރިކަން ހިޔާރުކުރުމުން ދިރިއުޅުމަކީ ވަރަށް ރީތި އެއްޗެއްގެ ގޮތުގައި ފެންނާނެ.