about 2 hours 0
ލީވާން އަލީ ނާސިރު
ކައުންސިލް އިންތިހާބުގައި މީހަކު ވޯޓުލަނީ؛ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމުގައި ހުރި ހުރަސްތަކާ ގުޅިގެން ކަންބޮޑުވުން ވަނީ ފާޅުކޮށްފައި -- ފޮޓޯ: އަދަދު ފައިލް
about 2 hours 0
އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓު (ރެފަރެންޑަމް) ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލާން ހުރަސްތަކެއް ހުރުމުން އެކަމާ ގުޅިގެން ހަތަރު ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކަންބޮޑުވުން ފާޅުކުރީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަނުންނެވެ.
އެ ހަތަރު ޖަމިއްޔާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަނުން މިހާރު ހަމަޖައްސާފައިވާ އިންތިޒާމުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން ކަށަވަރުވާނެފަދަ އިންތިޒާމުތަކެއް ނޫންކަން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޖަމިއްޔާތަކުންނާއި އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.
ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި އިންތިޒާމުތަކަށް އެކަށީގެންވާ ބަދަލުތައް އިލެކްޝަންސް އިން ނުގެންނަ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.
"އިންތިހާބާ ގުޅޭ މައުލޫމާތު ފުރިހަމައަށް ލިބިގަތުމުގެ ފުރުސަތާއި މިނިވަންކަމާއި އެކު ވޯޓުލެވޭނެފަދަ ނިޒާމެއް ގާއިމުވެފައި ނެތުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ ވޯޓުލުމުގެ ހައްގު އޭގެ ފުރިހަމަ މާނައިގައި ބޭންކުރުމަށް އޮތް ހުރަހެއް،" ޖަމިއްޔާތަކުން ބުންޏެވެ.
އެ ޖަމިއްޔާތަކުން ބުނީ އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންތިހާބުގައި ވޯޓުލުމަށް ގިނަ ހުރަސްތަކެއް އެބަހުރި ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާކީވެދާފަދަ ގޮތަކަށް ބާއްވާ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ނުވާނެކަން ފާހަގަކޮށް އެ ޖަމިއްޔާތަކުން ބުނީ ގާނޫނުއަސާސީއަށް ބަދަލު އަންނާނެފަދަ ވޯޓަކާ ގުޅޭ މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ނުވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެގޮތުން އިންތިހާބާ ގުޅޭ ހުރިހާ ރަސްމީ މައުލޫމާތެއްގައި މޯލްޑިވިއަން ސައިން ލެންގުއޭޖް ހިމަނައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ދޭހަވާނެފަދަ ގޮތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޓެމްޕްލޭޓް ވޯޓުލާ ކޮންމެ މަރުކަޒަކުން ލިބޭނެކަން ކަށަވަރު ކުރުމަށް ޖަމިއްޔާތަކުން ގޮވާލި އެވެ.
އޭގެއިތުރުން އިންތިހާބީ އޮފިޝަލުންނާއި ހޮޓްލައިން މުވައްޒަފުންނަށް ކަމާ ގުޅޭ ތަމްރީންތައް ދީ، ވޯޓުލާ ދުވަހުގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކާ މަޝްވަރާކޮށް ހުރި ހުރަސްތައް ވެސް ނައްތާލަން ޖަމިއްޔާތަކުން ގޮވާލި އެވެ.
ކައުންސިލް އިންތިހާބާއި ރެފަރެންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 294،937 މީހުންނެވެ. އޭގެތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 144،527 މީހުންނަކީ އަންހެނުންނެވެ.
ރެފަރެންޑަމް ވޯޓު ނަގަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންނަށް ފެންނަ ގޮތަކާ ގުޅޭގޮތުންނެވެ. އެ ވޯޓު ނަގަނީ ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަސް ކަމަށްވާ އެޕްރީލް 4، ގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment