ދިގު ވާހަކަ: ގޮތް ހުސްވެފައި

ދިގު ވާހަކަ: ގޮތް ހުސްވެފައި

(ހަތަރު ވަނަ ބަޔާ ގުޅޭ)

"ވަރަށް ގަދަކޮށްފިއޭ ދޯ." ޖެއްސުމުގެ ރާގުގައި އިފާޝާ ބުނެލި އެވެ.

އަހަންނަށް ބެލުނީ މާބޮނޑި ދިއްކޮށްގެން ހުރި މީހާގެ މޫނަށެވެ. މާބޮނޑީގައި ހިފަން ހަނދާން ވެސް ނެތިފައި ހުރެވުނީ އެވެ. އެ ހިނިތުންވުމުން ހިތަށް އާދަޔާ ޚިލާފު އިހުސާސްތަކެއް ވެރިވަމުންދާތީ އެވެ. އެ މައުސޫމު މޫނުމަތިން ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެއް އަހަންނަށް ލިބޭކަމުގެ އިހުސާސް ކުރެވޭތީ އެވެ. އާއެކެވެ. އަހަރެންގެ ކުރިމަތީގައި އެ ހުރީ ޔާރިޝެވެ. މޭކަޕު ކޮށްދޭން އައި ޒުވާނާ އެވެ.

"ތޭންކްސް." އަހަންނަށް މާބޮނޑީގައި ހިފައިލެވުނެވެ.

"ޝަފާކަﷲ." ޔާރިޝް ހިނިތުންވެލި އެވެ.

އަހަންނަށް ހުރެވުނީ ޤަބޫލުކުރާން ނޭނގިފަ އެވެ. ބުނެދޭން ނޭނގޭ ކަހަލަ އުފާވެރި އިހުސާސެއް ކުރެވޭތީ އެވެ. އިރުއިރު ކޮޅާ ނޭފަތުގައި އިނގިލި ޖައްސާލެވެ އެވެ. ނޭފަތް ފޮހެލެވެ އެވެ. ތުންފަތާ ކުޅެލެވެ އެވެ. ކަނާއަތު ޝަހާދަތް އިނގިލިން ތުންފަތުގައި ކޮށްޓާލެވެ އެވެ.

ޔާރިޝްއާއި އަހަންނަށް ފުރުސަތު ދިނުމަށް ފަހު އިފާޝާ ދިޔައީ ބޭރަށެވެ. ޔާރިޝަށް މެޚްމާންދާރީ އަދާކުރުމަށް ކޮންމެވެސް އެއްޗެއް ގަންނަން ކަމަށް ހެދިގެންނެވެ. ހަގީގަތުގައި އޭނާ އަހަންނަށް ފުރުސަތު ފަހިކޮށްދިނީކަން އަހަންނަށް ވިސްނުނެވެ. އެކަން އަހަންނަށް ޔަގީން ވެސް ކުރެވުނެވެ.

"އަސްލު ޗާންސް ހޯދައިދޭން މި ދަނީ. އަހަރެން އަންނަންދެން ތިބޭތި." އިފާޝާ ބޭރަށް ނުކުންނަމުން އަހަންނާ ދިމާއަށް ބަލައިލަމުން ބުނެލި އެވެ.

އިފާޝާ ދިޔުމުން އަހަރުމެން އެތެރެއަށް ވަނީމެވެ. ޔާރިޝްއާ ދައްކަންވީ ކޮން ވާހަކައެއް ކަން އަހަންނަކަށް ނޭނގުނެވެ. ނުވިސްނުނެވެ. ސިކުނޑީގައި އެނބުރެމުން ދަނީ އޭނާގެ ފިރިހެންވަންތަ ސޫރަ އެވެ. ނޭފަތުގައި ހަރުލައިފައިވަނީ އޭނާގެ މީރު ވަހެވެ. އޭނާއަކީ އަހަންނަށް ޚާއްޞަ މީހަކަށްވާ ސަބަބެއް އަހަންނަކަށް ވެސް ނުވިސްނުނެވެ. ހަމަ އެ ނޭވާގައި ހިތަށް އަރަމުން ދިޔަ އެވެ. ޔާރިޝްއަށް ވެސް އަހަރެން ޚާއްޞަ ވެއްޖެތާ އެވެ. އެހެން ނޫންނަމަ ހާލުބެލުމުގެ ކޯޓެއް ލައިގެން މާބޮނޑިއެއް ހިފައިގެން އޭނާއެއް އަހަރެން އުޅޭ ގެ ހޯދައިގެން ނައީހެވެ. އޭނާ އެ އައީ ކޮންމެ ވެސް ކަމެއް ހިތުގައި އޮތީމަ އެވެ. އަހަންނާ މެދު ކޮންމެ ވެސް ޚާއްޞަ ނަޒަރަކުން ބެލެވުނީމަ އެވެ. އަހަރުމެންނަކީ ރައްޓެހިންނެއް ނޫނެވެ. ރަހުމަތްތެރިކަމެއް އަހަރުމެންގެ ދެމުގައި ނެތެވެ. ދެމީހުން ދިމާވީ އެންމެ ފަހަރަކު އެވެ. އެއީ ވެސް އިއްތިފާގަކުންނެވެ. ރަސްމީ ހައިސިއްޔަތަކުންނެވެ. އެގޮތަށް ކިތައްމެ ބަޔަކާ ދިމާވެ އެވެ. އެކަކު ވެސް މާބޮނޑިއަކާއި ގެޓްވެލް ސޫން ކާޑެއް ހިފައިގެން ނާދެ އެވެ.

"މާބޮނޑި ވަރަށް ރީތި. ކާޑު ވެސް. ޝުކުރިއްޔާ." އިނގިރޭސިބަހުން އަހަރެން ބުނެލީމެވެ.

"ރީތި ކުދިންނަށް މާ އަބަދުވެސް ރީތިވާނެ." ޔާރީޝްގެ ބަސްމަގުގައި ހުރީ ފަށުވި ގޮތެކެވެ.

އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ވާހަކަދައްކަމުންދާ ގޮތުން ފާޑަކަށް ލަދުގަންނަ ގޮތްވީ އެވެ. ނަމަވެސް އެކަން ނުދައްކާ ވޭތޯ ބަލަން މަސައްކަތް ކުރީމެވެ.

"ރީތި މީހުން ދޭނީ ވެސް ރީތި އެއްޗެހިތާ ދޯ." އަހަރެން ބުނެލީމެވެ.

"ރީތި ޤައުމުތަކުގައި އުޅޭ ކުދިން ދައްކާނީ ވެސް ރީތި ވާހަކަ ދޯ." ޔާރިޝް ތައުރީފު ކުރީ އަހަންނަކަށް ނޫނެވެ.

"މި ޤައުމު ވަކިން ހުތުރީތަ؟ މިތަން މާ ހިތްގައިމެއްނު. މާ ތަހުޒީބެއްނު." އަހަރެން އުޅުނީ ޔާރިޝް ފެށި މައުޟޫއާ ދުރަށް ދެވޭތޯ އެވެ.

"އާނ! އެކަމަކު ދިވެހިން މާރީތި." ޔާރިޝްގެ އަމާޒު ސީދާ ވެފައި ހުޝިޔާރެވެ.

"އެހެންތަ؟ ކޮބާ އަންހެނުން؟" އަހަރެން މައުޟޫއު ބަދަލުކޮށްލީމެވެ.

"އެ މަގާމު އޮތީ ހުސްކޮށް." ޔާރިޝް ބަލައިލީ ސީދާ އަހަރެންގެ ލޮލަށެވެ.

"އޯހް. ނަސީބުގަދަ. ޝިކާރަވެރިއަކަށް ނުވެވުނު ދޯ." އަހަރެން ހީނލީމެވެ.

"ޝިކާރައަކަށް ކަޅި އަޅަނީ. މަޅިއަށް ބާރު ނުވަނީ. އެކަން ކުރަން ނޭނގެނީ." ޔާރިޝް ވެސް ހީނލި އެވެ.

"އެހެންތަ؟" އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

ޔާރިޝް އެ ދައްކަނީ އަހަރެންގެ ވާހަކަ ހެއްޔެވެ؟ އޭނާ ހާދަ ހުޝިޔާރޭ ހިތަށް އެރި އެވެ. ވަރަށް ކެރޭ މީހެކޭ ހިތްބުނެލި އެވެ. ސާފުކޮށް ސީދާކޮށް ހިތުގެ ވާހަކަތައް ބުނަން ކެރޭނީ ވަރަށް ކެރޭނީ ވަރަށް މަދު މީހަކަށެވެ. ޔާރިޝްގެ ހިތް ހުޅުވާލަން ކެރޭތޯ ބަލައިލަންވީއޭ ހިތަށް އެރި އެވެ.

"ކޮބައިތަ ތިޔަ ނަސީބު ވެރިޔާގައި ހުންނަންވީ ސިފަތަކަކީ؟" އަހަރެން އަހައިލީމެވެ.

ޔާރިޝް އަހަރެންގެ މޫނަށް ބަލައިލަމުން އިސް ޖަހައިލި އެވެ. ދެވަނަ ފަހަރަށް އަހަރެންގެ މޫނަށް ބަލައިގެން އިނދެ ލަސްލަހުން ބުނެލި އެވެ.

"އެންމެ މުހިއްމު ސިފައަކީ ކިޔަމަންތެރިވުން. މަކަރު ނެހެދުން. އޮޅުވާ ނުލުން،" ޔާރިޝް ހިންދިރުވާލި އެވެ. "ޤުދުރަތުގެ ތަސްވީރުގައި އަމިއްލަ ފިހިން ކުލަ ޖައްސާ މުޅި ތަސްވީރު ބަނަކޮށް ނުލުން."

ޔާރިޝްގެ ޖުމުލަ ފުރިހަމަ ކޮށްލުމާއެކު އަހަންނަށް ބަލައިލެވުނެވެ. އޭނާ ފަހުން އެ ބުނީ ކީކޭކަން ދޭހަ ނުވީމަ އެވެ. އެ ވާހަކައިގެ ފަހަތުގައި ބޮޑު ވާހަކައެއް ފޮރުވިފައި އޮންނާނެ ކަމަށް ޤަބޫލުކުރެވުނީމަ އެވެ.

"ކީކޭ؟" އަހަންނަށް ނުވިސްނުމުން އަހައިލީމެވެ.

"މި ބުނީ، ކަނޑައެޅިގެން އެއީ ގޯހެއްކަން އެނގޭއިރު ވެސް އެކަމެއް ކޮށްގެން ތިމާއަށް ލިބެން އޮންނަ ނިޢުމަތްތަކާއި ތަނަވަސްކަމާއި ހިތްހަމަ ޖެހުމާ ދެކޮޅަށް ދުވާ މީހުންނަކީ ބަދުނަސީބުވެރިޔެކޭ." ޔާރިޝް އަޒުމާއެކު ބުނެލި އެވެ.

ޔާރިޝް އެ ދެއްކި ވާހަކަ އަމާޒުކުރީ ސީދާ އަހަންނަށޭ ހިތަށް އެރި އެވެ. އޭނާ އެ ބުނަނީ އަހަރެންގެ ވާހަކަ ހެއްޔެވެ؟ ނޫނީ އޭނާގެ އަމިއްލަ ތަޖުރިބާއިން ކަމެއް ހިއްސާކުރީ ހެއްޔެވެ؟

"ވަރަށް ބޮޑު ވާހަކައެއް. ހިތި ތަޖުރިބާއެއް ކުރެވުނީބާ؟" އަހަންނަށް ހިންދިރުވާލެވުނެވެ.

ޔާރިޝް އަހަރެންގެ މޫނަށް ބަލައިގެން އިރުކޮޅެއް ވަންދެން އިނުމަށްފަހު މަޑުމަޑުން ބޯ ހަރަކާތްކޮށްލި އެވެ. އަހަންނަށް ވެސް ބަލައިލެވުނީ ސީދާ އޭނާގެ ލޮލަށެވެ. އެއީ ކޮން ވާހަކައެއްހޭ އަހައިލާ ކަހަލަ ގޮތަކަށެވެ. އެ ވާހަކަތައް ކިޔައިދޭންވީނުހޭ ބުނާ ފަދަ މޭރުމަކުންނެވެ.

ޔާރިޝް އެދުނީ ފެންތަށް ޓަކަށެވެ. އަހަރެން ދެ ފިކުރެއްގައި އިނދެ ތެދުވީމެވެ. ލަސްފިޔަވަޅުތަކެއްގައި ޒިންކާ ދިމާއަށް ދެވުނީ ސުވާލުތަކުން ސިކުނޑި ފުރޭ ހާލުގަ އެވެ. އަނެއްކާ ޔާރިޝްއަކީ ކާކު ހެއްޔެވެ؟ އޭނާއަށް އަހަރެން ފެނިގެން އެ އައީ ކަމެއް ހޯދަން ހެއްޔެވެ؟ ނޫނީ އޭނާއަށް އަހަރުމެންގެ ސިއްރު ހަގީގަތްތައް އެނގެނީ ހެއްޔެވެ؟ އޭނާ އެ ދެއްކީ ކިހާ ބޮޑު ވާހަކައެއް ހެއްޔެވެ؟ އޭނާ އެ ބުނަނީ ސީދާ އަހަންނަށް އަމާޒުކޮށް ބުނި ވާހަކައެއް ނޫން ހެއްޔެވެ؟

ފިކުރުތަކުން ބަރުވަމުން ދިޔަ ހިތަކާއެކު ފެންތަށި ހިފައިގެން އައިސް ޔާރިޝްގެ ކުރިމައްޗަށް ހުއްޓިލީމެވެ. އަދި ޔާރިޝްއަށް ފެންތަށި ދިއްކޮށްލީމެވެ. އަހަރެން އުއްމީދު ކުރީ ފެންތަށި ގެންނަން ޔާރިޝް ބުނި ބުނުމުގެ ފަހަތުގައި ފޮރުވިފައިވާ ހަރަކާތްތައް އޭނާގެ ފަރާތުން ފެންނާނެ ކަމަށެވެ. ފާޑަކަށް އަހަންނަށް އެކަމަށް އިންތިޒާރު ވެސް ކުރެވުނެވެ.

އެހެންވެ ލޯ މަރައިލެވުނެވެ. ފެންތަށީގައި ކަމަށް ހީކޮށް ޔާރިޝް އަހަރެންގެ އަތުގައި ހިފައިލި އެވެ. އޭނާގެ އިނގިލިތަކުން އަހަރެންގެ އިނގިލިތަކާ ކުޅެމުން ސީދާ އަހަރެންގެ އަތް ތިލައިގައި ހިފައިލި އެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔަ ގޮތަށް އޭނާ ފެންތަށީގައި ހިފާ އަހަރެންގެ އަތުގައި ހިފައި އޭނާގެ ގާތަށް ދަމައިލި އެވެ. އަހަރެން ހުރީ އެ ހަރަކާތަށް ތައްޔާރު ވެގެންކަމުން ސީދާ ގޮސް ޔާރިޝްގެ މޭގައި ތަތްވެލީމެވެ. މަޑުމަޑުން ލޯ މަރައިލީމެވެ. ޔާރިޝްގެ މީރު ވަހުން ހިތް ފުރައިލީމެވެ.

މީހަކު ކަރުކެހިލި އަޑަށް އަހަރެން ލޯ ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ ޔާރިޝް އެވެ. އަހަންނަށް ހައިރާންކަމާއެކު ބަލައިލެވުނެވެ. ޔާރިޝް ފެންތަށީގައި ހިފީ ތަށީގެ ތުންވަރީގަ އެވެ. އަހަންނަށް ހިފައިގެން ހުރެވުނީ ތަށީގެ ފުލުގަ އެވެ. ޔާރިޝް ކަރުހެލީ އަހަރެން ތަށިން ދޫކޮށް ނުލައިގެންނެވެ.

ދެން ކުރިން އަހަންނަށް އެ ފެނުނީ ކޮން މަންޒަރެއް ހެއްޔެވެ؟ އެއީ އަހަންނަށް ހީވި ގޮތެއް ހެއްޔެވެ؟ ޔާރިޝް އަހަރެންގެ އިނގިލިތަކާ ކުޅެ އެ ޖެހީ ކޮން ސަކަރާތެއް ހެއްޔެވެ؟ އާއެކެވެ. އެއީ އަހަންނަށް ހީވި ހީވުމެކެވެ. އަހަރެން އެ ކަމަށް ބޭނުންވެފައި ހުރުމުން މެސްމަރައިޒްވީ ހެއްޔެވެ؟ ލޯ މަރައިލުމުން އެ ތަސްވީރު ސިކުނޑީގައި ކުރެހުނީ އެހެންވީމަ އެވެ. ފާޑަކަށް ލަދުގަންނަ ގޮތްވި އެވެ. ދެވަނަ ސިކުންތުގައި ހިތަށް އެރީ އަހަރެންގެ ހިތެއް ޔާރިޝަކަށް ނުފެންނާނެ ކަމެވެ. އެހެންވެ ހިތްހަމަ ޖައްސައިލެވުނެވެ. ނޭވާއެއް ބޭރުކޮށްލެވުނެވެ.

"ހުވަފެނެއް ބެލީތަ؟" ޔާރިޝް ލާނެތް ގޮތަކަށް ބުނެލި އެވެ.

"ރީތި މީހެއް ކުރިމަތީ ބަހައްޓައިގެން ކޮން ހުވަފެނެއް. އަސްލަށް ބަލަނީ." އަހަރެން ވެސް ބޭނުންވީ ސަކަރާތް ޖަހައިލާށެވެ.

މަޑުމަޑުން ޔާރިޝްގެ ވައްޓަފާޅި ދެނެގަނެ އޭނާއާ ގާތްގުޅުމެއް އުފައްދާށެވެ. ޔާރިޝްއަކީ ދުރު މީހެއްކަން މިހާރު އެއްގޮތަކަށް ވެސް އަހަންނަށް އިހުސާސެއް ނުކުރެވެ އެވެ. އޭނާގެ ވާހަކަތަކުން އެ ދުރުކަން ކެނޑެމުން ގޮސް އެއްކޮށް ކަހަލައިން މިހާރު ކެނޑިއްޖެ އެވެ.

"ކޮބާ ކިޔައިދޭން އުޅުނު ވާހަކަ؟" އަހަރެން އިސްވެ އަހައިލީމެވެ.

"ކޮން އިރަކުން ފިރިމީހާ އަންނާނީ؟" ޔާރިޝް އަހައިލި އެވެ.

"ފިރިމީހާ؟ ނޫރު؟" އަހަންނަށް އަނގަހުޅުވާލެވުނެވެ.

"ފައިޒާން." ޔާރިޝް ބުނެލި އެވެ.

"ކިހިނެއް ޔާރިއަށް އެނގުނީ؟" އަހަންނަށް ލިބުނު ސިހުމާއެކު ދެ ލޯ ބޮޑުކޮށްލެވުނެވެ.

"ދެން ހޯދަން އުޅޭ މީހަކަށް އެނގޭނެއްނު." ޔާރިޝް ބުނެލި އެވެ.

"ކިޔައިދީބަލަ. ކީއްވެ ހޯދަން އުޅުނީ؟" އަހަރެން ހާސްވާން ފެށި އެވެ.

"އަހަންނަކަށް ނޭނގެ އަހަންނަށް ދިވެހި ކުދިން ރީތިވާ ސަބަބެއް. ދިވެހި އަންހެން ކުދިންގެ ޖާދޫގައި އަހަރެންގެ ނަފުސު ބަނދެވޭ ގޮތެއް. ދިވެހި ކުއްޖަކު ފުރަތަމަ ފެނިލާއިރަށް ވެސް އަހަންނަށް ހިތް ދޫކޮށްލެވޭނެ. އަހަރެންގެ ނަފުސު ކޮންޓްރޯލުކޮށް ހިތް މައިތިރި ކުރާން އުޅުނަސް އެކަމެއް ނުވޭ." ޔާރިޝް ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

"މާނައަކީ ނަފުސު އޮޔާ ދަނީއޭތަ؟" އަހަންނަށް ހީނލެވުނެވެ.

ޔާރިޝް ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އޭނާއާ ދިމާއަށް ގޯސް އެއްޗެއް ބުނެވުމުން ބަލައިލިހެން އޭނާ ބަލައިލީމަ އަހަރެން ދެރަވި އެވެ. އެހެންވެ މަޢާފަށް އެދި ކުރިއަށް ގެންދަން ބުނެލީމެވެ.

"އެ ފަހަރު ވެސް ދިމާވީ އެހެން؟ އޭނާ ހަމަ ފެނުމާއެކު އަހަންނަށް ބުނާން ނޭނގޭ ކަހަލަ ގޮތެއްވީ. އެ ކުއްޖާއަކީ އަދި މާ ރީތި ކުއްޖެއް. އެހެން ކުދިންނާ ޚިލާފަށް އާދަޔާ ޚިލާފަށް ރީތި ކުއްޖެއް. އޭނާގެ ރީތިކަމާ އެއްވަރަށް އޭނާއަކީ ފެޝަނަށް ލޯބިކުރާ ވެސް ކުއްޖެއް،" ޔާރިޝް ބުނެދިނެވެ. "އޭނާގެ ނަމަކީ ވިލާދާ."

"ދެން؟"

"އެ ފަހަރު ވިލާދާއައީ އޭނާގެ ރައްޓެއްސެއްގެ ކާވެނި ޕާޓީއަކަށް މޭކަޕު ކުރަން އަހަރުމެންގެ ސެލޫނަށް. އޭނާ މޭކަޕް ކޮށްދޭން ޖެހުނީ އަހަންނަށް،" ޔާރިޝް އިސް އުފުލައި ބަލައިލިއެވެ. "އަހަންނަކަށް ނޭނގުނު ވީ ގޮތެއް ވެސް. ޤުދުރަތުގެ ފުރިހަމަކަމުން އަހަރެން އަޖައިބުވި. އެހެރަ ކަޅިރަވައެއް. ފުރިހަމަ އެސްފިޔަތަކެއް. ރީތި ދެ ތުންފަތް. އޮމާން ކޯތާފަތް. އެ މޫނުގައި ފައުންޑޭޝަން އުނގުޅައިގެން ފޮރުވާނެ ލަފެއް، އުނިކަމެއް ނެތް. ކުލަޖައްސައިގެން ރީތި ކުރާނެ އައިބެއް ނެތް. އެއީ ފުރިހަމަ ރީތި މޫނެއް."

"ދެން ކީއްކުރަން އޭނާއައީ؟" އަހަންނަށް އަހައިލެވުނެވެ.

"ސީދާ ތި ސުވާލު އަހަރެން ކޮށްލީ އޭނާއަށް. އޭނާ ބުނީ ވަރަށް އެހެން ކަހަލަ ވާހަކައެއް." ޔާރިޝް ހުއްޓައިލި އެވެ.

"ކޮން ވާހަކައެއް؟" އަހަންނަށް ކެތެއް ނުކުރެވުނެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox