Advertisement

ސަވާދީއްތަ ދަތުރު: ބައި ގަރުނުވީ ޓޫރިޒަމްގެ އާ ފެށުމެއް

31 ޖަނަވަރީ 2022 - 08:38 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ސަވާދީއްތަ ދަތުރުގެ ޕްރޮމޯ ވީޑިއޯ: ސަވާދީއްތަ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ ތާރީހާއި ސަގާފަތް އިސްތިހާރު ކުރުން -- ވީޑިއޯ: އެމްއައިޓީޑީސީ


ސަވާދީއްތަ ދަތުރު: ބައި ގަރުނުވީ ޓޫރިޒަމްގެ އާ ފެށުމެއް

31 ޖަނަވަރީ 2022 - 08:38 0

މީގެ ބައި ގަރުނު ކުރިން ރާއްޖޭގައި ރިސޯޓެއް ނެތް އިރުވެސް، ރިޔަލުގައި ރާއްޖެއަށް ޓޫރިސްޓުން ދަތުރުކުރި ކަމަށް ބެލެވެ އެވެ. އެކަމަކު، ކަނޑުމަތީގައި ދިގު ދަތުރުކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް މިއަދާ ހަމައަށް އައިރު ވެސް، ހާއްސަ އެއްވެސް ކަމެއް ނެތެވެ. މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު" ވެގެން ދަނީ އެކަން ބަދަލުކޮށްލާނެ ފެނުމަކަށެވެ.

ކިހިނެއް އައި ހިޔާލެއް؟

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ މުލިއާގެ އަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ޑިސެމްބަރު 7، 2019 ގައި ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަކީ، ކާބަފައިން އުޅުނު ގޮތާއި ކުރި މަސައްކަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއް ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ތަރިކަ އަކީ ވެސް އިގްތިސޯދުގެ ބައެއް ކަމަށާއި ޓޫރިސްޓުން އެކި ގައުމުތަކަށް ދަތުރުކުރާ ސަބަބަކީ ވެސް އެ ގައުމެއްގެ ސަގާފަތާއި ތަރިކަ ބަލައި ހޯދުން ކަމަށް ވިދާޅުވި އެވެ.

"ތަރިކައަކީ އިގްތިސާދުގެ ވެސް ބައެއް. ދުނިޔޭގެ އެކި ގައުމުތަކުން އެކި ރަށްރަށަށް ދަތުރުކުރާ ފަތުރުވެރިން ދަތުރުކުރާ އެންމެ މުހިންމު އެއް ސަބަބަކަށްވެފައި މި އޮންނަނީ އެ ގައުމެއްގެ ތަރިކަ، އެ ގައުމެއްގެ ސަގާފަތް، އެ ގައުމެއްގެ ދިރިއުޅުން ހުރިގޮތް ހޯދުން، ދެނެގަތުން. އަދި ހާއްސަކޮށް، މި މިލޭނިއަމްގެ ކުދިން އެންމެ އިސްކަމެއްދޭ ކަމަކަށްވެފައި މި އޮންނަނީ ތަރިކައާއި ސަގާފަތް ދެމިއޮތުމަށް،" ރައީސް ވިދާޅުވި އެވެ.

އެމްއައިޓީޑީސީގެ ޔޮޓް ރެލީ ސަވާދީއްތަ ދަތުރުގެ ހިޔާލު އައީ ރައީސް ސޯލިހުގެ ދެއްކެވި އެ ވާހަކަފުޅާ ގުޅިގެންނެވެ. ކުދި އަދި މެދުފަންތިއަށް އަމާޒުކޮށް ގިނަ ބަޔަކަށް ޓޫރިޒަމްގެ ފައިދާ ހޯދައި ދިނުމަކީ އެމްއައިޓީޑީސީގެ މެންޑޭޓުގައި ހިމެނޭ ކަމަކަށް ވާއިރު، ރާއްޖޭގެ ރަށްރަށުގެ ތާރީހާއި ސަގާފަތް އޭގެ ތެރޭގައި ހިމެނުމުގެ މުހިންކަން އެ ކުންފުނިން ގަބޫލުކުރެ އެވެ.

"ރައީސް ދެއްކެވި ވާހަކަފުޅާ ގުޅިގެން މިކަމަށް ވިސްނުން އައީ، ހުރިހާ އާސާރު ތަކެއް މިހުންނަނީ މީހުން ދިރިއުޅޭ ރަށްރަށުގައި. އެ ރަށްރަށަށް ޓޫރިސްޓުން ދާން ވަރަށް ބޮޑު ގޮންޖެހުމެން އެބަ އޮތް، އެމްއައިޓީސީން ވިސްނީ ކިހނެއް ބާއޭ އެ ރަށްރަށަށް ޓޫރިސްޓުން ގެންދާނީ. އެ ގޮތަށް ވިސްނާފައި ނިންމީ ކަނޑު ދަތުރުފަތުރޭ އެންމެ ބޮޑަށް ފަސޭހަ ވާނީ،" ސަވާދީއްތަ ދަތުރުގެ ހިޔާލު އުފަންވި ގޮތާ ބޭހޭ އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވި އެވެ.

ސަވާދީއްތަ ދަތުރަކީ ކޮބާ؟

ސަވާދީއްތަ ދަތުރަކީ ރިޔަލު ޔޮޓް ފަހަރުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށް އިންތިޒާމުކުރާ ރެލީ އެކެވެ. މުޅިން އަލަށް ކުރާ ތަޖުރިބާއަކަށް ވާއިރު، ފުރަތަމަ ރެލީގައި ބައިވެރިވާ އުޅަނދުތައް ދަތުރުކުރާނީ 15 ރަށެއްގައި ބަނދަރުކުރާ ގޮތަށް ހއ. އިން ފެށިގެން ބ. އަތޮޅަށެވެ.

ސާވާދީއްތަ ދަތުރުގެ ނަން ހާއްސަ ކުރީ ރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކޮށްދެވި އައްސުލްތާނު މުހައްމަދު ތަކުރުފާނަށެވެ. އެމްއައިޓީޑީސީން ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ހާއްސަކޮށްފައިވާ ރެލީ އަށް އެނަން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

"ރާއްޖޭގައި އެތަށް ބައިވަރު ރަސްކަލުން އުޅުއްވިއިރު، ސަވާދީއްތަ މަރާރަދުން ކިޔާނީ މުހައްމަދު ތަކުރުފާނަށް އެކަނި. އޭގެ މާނަ އަކީ ދަ ގްރޭޓް. ރާއްޖޭގެ ދަ ގްރޭޓަކީ މުހައްމަދު ތަކުރުފާނު. އެމަނިކުފާނަކީ ރަސްކަލަކަށްވުމުގެ ކުރީގައި ކެޕްޓަނެއް، ސެއިލާ އެއް،" ރާއިދު ވިދާޅުވި އެވެ.

ސަވާދީއްތަ ދަތުރުގެ ވެބްސައިޓު ގައި ދަތުރު އިންތިޒާމު ކޮށްފައިވާ ގޮތާއި ދަތުރުގައި މަޑުކުރާނެ ތަންތަނާއި އޮންނާނެ ހަރަކާތްތައް ވަނީ ވަރަށް ތަފުސީލުކޮށް ހިމަނާފަ އެވެ. ދަތުރުގައި މަޑުކުރާ، މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލު ތަކުން އަންނަނީ ދަތުރުގެ ބައިވެރިނަން ތަފާތު ހަރަކާތްތައް އިންތިޒާމު ކުރަމުންނެވެ. ކޮންމެ ރަށެއްގައި ވެސް ކުޅެ އުޅޭ ސަގާފީ ކުޅިވަރުތައް ކުޅުމާއި ރަށްރަށުގައި ކުރާ މަސައްކަތައް ދައްކާލުމާއި ތާރީހީ ތަންތަނަށް ޒިޔާރަތް ކުރުން ފަދަ ކަންތައްތައް އޭގެ ތެރޭގައި ހިމެނެ އެވެ.

އެކާވީސް ދުވަހުގެ ސަބާދީއްތަ ދަތުރުގައި ދަތުރުކުރާނީ ހއ. އިން ބ. އަތޮޅަށް -- ފޮޓޯ އަދަދު


ސަވާދީއްތަ ދަތުރު" ގައި ދަތުރުކުރަން ހަމަޖެހިފައިވާ ރަށްތައް

  1. ހއ. އުތީމު
  2. ހއ. އުލިގަން
  3. ހއ. ހޯރަފުށި
  4. ހއ. މަތީރަށް
  5. ހއ. ގައްލަންދޫ
  6. ހއ. އިހަވަންދޫ
  7. ހއ. ބާރަށް
  8. ހދ. ނޮޅިވަރަންފަރު
  9. ހދ. ކުޅުދުއްފުށި
  10. ށ. ފުނަދޫ
  11. ށ. ފަރުކޮޅު
  12. ށ. ނަލަންދޫ
  13. ނ. ލަންދޫ
  14. ހއ. ބިލެތްދޫތިލަ
  15. ބ. ތުޅާދޫ

އެމްއައިޓީޑީސީން ބުނި ގޮތުގައި މިފަހަރުގެ ދަތުރުގައި ބައިވެރިވީ ރާއްޖެއިން ބޭރުގެ ފަރާތްތައް އެކަންޏެވެ. އެއްހާސް ޑޮލަރުގެ ފީއެއް ދައްކައިގެން ރެލީގައި ބައިވެރިވެފައިވާ ބޭރުގެ ފަރާތްތަކުގެ ތެރޭގައި އިންޑިއާ އާއި ތައިލެންޑާއި މެލޭޝިޔާ ފަދަ ގައުމުތަކުން ދަތުރުކޮށްފައި އައި ޔޮޓްތައް ހިމެނެ އެވެ. ދަތުރުގައި ބައިވެރިވާ ބައެއް ޔޮޓްތައް މިހާރު ވަނީ އުލިގަމުގައި ބަނދަރުކޮށްފަ އެވެ. ހަ ޔޮޓަކުން ރެލީގައި ބައިވެރިވާނެކަމުގެ ޔަގީންކަށް ދީފައިވާއިރު، ރެލީގައި ބައިވެރިވުމަށް އިތުރު 15 ވަރަކަށް ޔޮޓް އަންނަނީ ތައިލެންޑުން ފުރައިގެން ދަތުރު ކުރަމުންނެވެ.

"ފެބްރުއަރީ ތިނެއް އަދި ހަތަރު ވަނަ ދުވަހު އުލިގަމަށް ޔޮޓްތައް އަންނާނެ. ފަސް ވަނަ ދުވަހު ދަތުރު ފަށާނީ ހޯރަފުށީގެ ބަނދަރުން، އެކަމަށް ބާއްވާ ކުޑަ ރަސްމިއްޔާތަކަށް ފަހު. ދަތުރު ނިންމާ ގާލާ ނައިޓް ބާއްވާނީ މާލެ އަތޮޅު ފަރި މޯލްޑްސްގައި،" އެމްއައިޓީޑީސީގެ ރާއިދު ވިދާޅުވި އެވެ.

އެކާވީސް ދުވަހުގެ މި ރެލީގައި ބޮޑުތަކުރުފާނުގެ ހަޔާތުގެ ކަންކަމާއި އާސާރުތައް ހިމެނޭ ވަރަށް ގިނަ ރަށް ރަށަށް މަޑު ކުރާނެ އެވެ. ރެލީގައި މަޑުކުރާ އިތުރު ރަށްތަކުގެ ތެރޭގައި ތިމާވެށީގެ ގޮތުން ހާއްސަ ރަށް ރަށާއި މަސައްކަތެރިކަމުގެ ގޮތުން ހާއްސަ ރަށްތައް ހިމެނެ އެވެ.

"މިލަންދޫ ތިލަ އެއީ ހިމާޔަތް ކޮށްފައި އޮތްތަނެއް. އެތަނުގައި ފުރަތަމަ ބޮޑު ހަނގުރާމައިގެ ޝިޕްރެކެއް އެބަ އޮތް. ގައްލަންދޫ އަކީ ކުރަނގި ނިދަން އަރާ ރަށެއް، ލަންދޫ އަކީ ރެނދިން ދިރިއުޅުނު ރަށެއް. ލަންދޫ މާބުދުގެ ބަލާލުން އޮންނާނެ، ކޮންމެ ރަށެއްގައި ވެސް ޓޫރިސްޓުން ތަޖުރިބާ ކުރާނީ ތަފާތު ކަމެއް،" ދަތުރުގައި ހިމެނޭ ބައެއް ރަށްރަށުގެ ހާއްސަކަމާ ގުޅޭ ގޮތުން ރާއިދު ވިދާޅުވި އެވެ.

އެމްއައިޓީޑީސީން ބުނި ގޮތުގައި މި ރެލީ އިންތިޒާމު ކުރަނީ ކައުންސިލުތަކާއި ސްޕޮންސަރުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. މިދަތުރަށް، އެމްއައިޓީޑީސީން ރަށްރަށަށް އެހީތެރިކަމެއް ފޯރުކޮށް ނުދެވޭއިރު، ރައްރަށުން މިކަމުގައިވާ ތައްޔާރީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް ރާއިދު ވިދާޅުވި އެވެ. ކޮންމެ ރަަށަކުން ވެސް އެ ރަށަަކުން ދެވޭނެ އެންމެ ރަނގަޅު މެހެމާންދާރީއެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބުނަނީ އެ ރަށެއްގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން ތައްޔާރު ވާށޭ، އަޅުގަނޑުމެން ބޭނުންވަނީ މެހެމާންދާރީ އޭ ބޭނުމެއް ނޫނޭ ގިޑިގެ އަޅާ މިކަންކަން ކުރާކަށް، ހިތްހެޔޮ މެހެމާންދާރިއެއް ފަތުރުވެރިނަނަށް ދިނީމަ އޭނަ ގޮސް ބުނާނެ، މި ރަށުގެ މެހެމާންދާރީ ވަރަށް ފުރިހަމަ އޭ، އެ ރަށަށް ދާށޭ،" ރާއިދު ވިދާޅުވި އެވެ.

މ. ދިއްގަރު މަގަކުން ޓޫރިސްޓުން ތަކެއް ހިނގާފައި އަންނަނީ: ރާއްޖެ އަންނަ ޓޫރިސްޓުން މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރަން ބޭނުންވޭ-- އަދަދު ފޮޓޯ އަހުމަދު ސައީދު


ރަށްރަށް ޓޫރިޒަމް ހުޅުވާލުމަށް ލިބޭ ރަނުގެ ފުރުސަތެއް

އުލިގަމު ކައުންސިލުގެ ނައިބު ރައީސް އަސަދުއްﷲ މުހައްމަދު ވިދާޅުވި ގޮތުގައި ސަވާދީއްތަ ދަތުރަކީ، ރާއްޖޭގެ ރަށްތަށުގެ މުއްސަނދި ތާރީހާއި ސަގާފަތް އިސްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. އޭނާ ވިދާޅުވީ އެމްއައިޓީޑީސީން ސަވާދީއްތަ ދަތުރު އިންތިޒާމު ކުރާ ކަމަށްޓަކައި ޝުކުރު އަދާކުރާ ކަމެވެ.

ތާރީހާ ސަގާފަތް ދައްކާލުމަށް ރަށްރަށަށް ފުރުސަތެއް ނުލިބޭ، މި ދަތުރުން އެ ފުރުސަތު ލިބިގެން ދާނެ، މިއީ ރަށްރަށަށް ވަރަށް މުހިންމު ދަތުރެއް،" ޔޮޓް ފަހަރުގެ އެޖެންޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރައްވާފައިވާ އަސަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަތުރުގައި ބައިވެރިވާ ގިނަ މީހުންގެ ވަރަށް ގިނަ ފޮލޯއަރުން ސޯސަލް މީޑިއާގައި އެބަ ތިއްބެވެ. އެހެން ކަމުން އެމީހުން ރަށްރަށަށް ގޮސް ސޯޝަލް މީޑިޔާގައި ހިއްސާކުރާ ތަޖުރިބާއަކީ ރަށެއް ގިނަ ބަޔަކަށް އިސްތިހާރުވުމަށް ލިބޭނެ ފުރުސަތެއް ކަމަށް އޭނާ ދެކެ އެވެ.

ރެލީގައި ބައިވެރިވާ ޔޮޓްތައް ރަޖިސްޓްރިވުމާއި ދަތުރަށް ތައްޔާރުވުމުގެ ކަންތައްތައް ކުރިއަށް ދަނީ އުލިގަމުގަ އެވެ. އަސަދު ވިދާޅުވީ ދަރުތުގައި ބައިވެރިވާ ހަ ޔޮޓް އެ ރަށުގައި ބަނދަރުކޮށްފައި ވާއިރު، މޫސުން ތަން ދީފި ނަމަ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިތުރު 15 ޔޮޓް އެ ރަށުގައި ބަނދަރުކުރާނެ އެވެ.

"އެކަނި ދަރުފުކޮށްފައި އަންނަ މީހުންނާއި ފެމެލީތައް ވެސް އެބަ އުޅޭ. މޫސުން ތަންދީފި ނަމަ ތައިލެންޑުން އަންނަ ޔޮޓްތައް ވެސް ރެލީގައި ބައިވެރިވާނެ،" އޭނާ ވިދާޅުވި އެެވެ.

މިއީ ކޮޑިޑް-19 ގެ ނުރައްކާ އޮތް ދުވަސް ވަރަކަށް ވުމުން، ދަތުރުގެ ބައިވެރިންގެ ކޮވިޑް ޓެސްޓް އުލިގަމުން ހަދަ އެެވެ. އަސަދު ވިދާޅުވީ ޔޮޓް ފަހަރުގައި މީހުން އަންނަނީ ދިނު މުއްދަތެއްގައި ކަނޑު މަތީގައި ދަރުރުކޮށްފައި ކަމަށްވާއިރު، ކޮވިޑްގެ ނުރައްކާ ވަރަށް ކުޑަވާނެ ކަމަށެެވެ.

ސަވާދީއްތަ ދަތުރުން ހާސިލުވާނީ ކޮން ކަމެއް؟

"ހޯމް ސްޓޭއޭ ބުނި ނަމަވެސް އަދި ޓޫރިސޓުންނެއް ނާންނެ. މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީ މީހުން ދިރިއުޅޭ ރަށްތަކަށް ފަތުރުވެރިން އަންނަން ޖެހޭ ސަބަބު އަންގައިދިނުން،" ރާއިދު ވިދާޅުވީ އެވެ.

އެމްއައިޓީޑީސީން ވަނީ ދަތުރު ފުރިހަމަކޮށް ގެންދިއުމަށްޓަކައި ތަފާތު ފަރާތްތަކާއި މަޝްވަރާކޮށް ހިޔާލު ހޯދައިފަ އެވެ. ރާއިދު ވިދާޅުވީ ބޮޑެތި ޔޮޓް ރެލީތައް އިންތިޒާމުކުރާ ދުބާއީގެ ސެއިލް ކުލަބުގެ ހިޔާލާއި އެހީތެރިކަން ވެސް ލިބިފައިވާ ކަމަށެެވެ.

ޔޮޓެެއްގައި ބޭނުންކުރާ ޑިންގީ އެއްގެ އިންޖީނު މީހަރު ސްޓާޓް ކުރަނީ: ސަވާދީއްތަ ދަތުރުގެ ސަބަބުން ސެއިލަރުންގެ މެދުގައި ރާއްޖެ އިސްތިހާރު ވެގެން ދާނެ-- ފޮޓޯ/ އެމްއައިޓީޑީސީ


"އަޅުގަނޑަށް ލިބުނު ދެ އެޑްވައިސް އަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތަށް ސެއިލަރުން ނާންނަ ސަބަބަކީ ރާއްޖޭގައި ނޯވެއޭ ރަނގަޅު އައިޓަނަރީ އެއް. މީހުން ދިރިއުޅޭ ރަށްރަށަށް ގޮސް ކޮމިއުނިޓީ އާ އިންޓަރެކްޓުވެ އެކަހަލަ ކަންކަމެއް ނުހިނގައޭ ރާއްޖެ އަކު،" ބައެއް ފަރާތްތަކުގެ ލަފާ އޭނާ ހިއްސާ ކުރެއްވި އެވެ. "ވޯލްޑް ރެލީ ދުއްވާ މީހުން ދިން އެޑްވައިސް އަކީ އެއްގޮތަކަށް ވެސް އިވެންޓު ހުއްޓާނުލައްޗޭ، ދެ އޮޑި ލިބުނަސް ދަތުރު ކުރިއަށް ގެންދަންޗޭ، ދެން އަންނަ އަހަރުން އިތުރުވާނޭ."

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔޮޓުގައި ދަތުރުކުރާ އާއިލާ އެއް ކަމަށްވާ ޒަޓާރާ އިން އިން ވަނީ އެމްއައިޓީޑީސީގެ ދައުވަތު ގަބޫލުކޮށް ދަތުރުގައި ބައިވެރިވެފަ އެވެ. ޒަޓާރާގެ ޔޫޓިބް ޗެނަލް ހަތަރު ލައްކައެއްހާ މީހުން ފޮލޯ ކުރެ އެވެ.

"އޯގަނިކް މާކެޓިން އެއް އެމީހުން ކުރިއަށް ގެންގޮސްދޭނެ، އެމީހުންނަކީ މުޅި ދުނިޔޭގަ ދަތުރުކުރާ ބަޔަކަށް ވާތީ އެމީހުންގެ ރިވިއުސްތައް ވަރަށް މުހިންމު ވާނެ ރަށްރަށާ ބެހޭ ގޮތުން،" ރާއިދު ވިދާޅުވި އެވެ.

މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ޔޮޓް ރެލީ ކަމަށްވާ މަސްކަޓް ރެލީ އިންތިޒާމު ކުރަނީ ދުބާއީ ސެއިލް ކުލަބުން ބައިވެރިވެގެންނެވެ. ދުބާއީގެ ސުޕް ޔޮޓްގެ އެންމެ ވަރުގަދަ އެޖެންޓު ޖޭއެލްއެސް ޔޮޓްސް އިން ސަވާދީއްތަ ދަތުރުގައި ބައިވެރިވެ އެެވެ. ރާއްޖޭގައި ފުރަރަތަމަ ފަހަރަށް ބޭއްވޭ ޔޮޓް ރެލީ އަކީ ދުބާއީ ސެއިލް ކްލަބުން ގަބޫލު ކުރާނެ އިވެންޓަކަށް ހެދުމަކީ އެމްއައިޓީޑީސީގެ ހުވަފެނެ ކެވެ.

އަޅުގަނޑުގެ ޓާގެޓަކީ މި އިވެންޓު ކާމިޔާބު ކުރުމާއެކު، ދުބާއީ ސެއިލް ކްލަބާ އެކު ސޮއިކުރުން 2023 ގައި މަސްކަޓް ރެލީގެ އެއް ލެގް ރާއްޖޭގައި ދުއްވުމަށް، 350 އޮޑި ބައިވެރިވާނެ މަސްކަޓު ރެލީގައި، އެއީ އުންމީދަކީ، އެ ވާނީ ވަރަށް ބޮޑު ކާމިޔާބަކަށް،" ރާއިދު ވިދާޅުވި އެވެ.

ސަވާދީއްތަ ދަތުރުގެ ބައިވެރިނަށް ދަތުރުގެ ރަމްޒީ ހަދިޔާ އެއްގެ ގޮތުގައި ސަވާދީއްތަ ޕާސްޕޯޓް ތައާރަފު ކުރުމަށް އެމްއައިޓީޑީސީން ވަނީ ނިންމާފަ އެވެ. ކޮންމެ ރަށަކަށް ދިއުމުން އެ ރަށަކަށް ޒިޔާރަތް ކުރި ކަމުގެ ސްޓޭމްޕް އެ ޕާސްޕޯޓުގައި ޖަހާނެ އެވެ.

މިދިޔަ ބައި ގަރުނު ތެރޭގައި ޓޫރިސްޓުން އަންނަމުން ދިޔައީ ހަމަ އެކަނި ރާއްޖޭގެ ރިސޯޓަތަކުގެ ހިތްގައިމު ގޮނޑުދޮށް ތަކަށެެވެ. ރާއްޖޭގެ ތާރީހާއި ސަގާފަތް އޮތީ ފޮރުވިފަ އެވެ. ދިވެހިންގެ ދިރިއުޅުމާއި ރިތި އާދަކާދަ ތަކެއް ޓޫރިސްޓުންނަކަށް ނުފެނެ އެވެ. ސުވާދީއްތަ ދަތުރާއެކު އެކަން ބަދަލުވެގެން ދާނެ އެެވެ.