about 18 hours 2
އަހުމަދު އާއިދު
ރާއްޖޭގެ ރަށެއްގައި ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ: ރަށްރަށުގައި ޓޫރިސްޓުން އަމަލުކުރަން ޖެހޭ މިންގަނޑު ހަރުކަށި ކުރަން ސަރުކާރުން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު
about 18 hours 2
ލޯކަލް ޓޫރިޒަމުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން ރަށު ތެރޭ އުޅޭއިރު އަމަލުކުރަން ޖެހޭ މިންގަނޑުތައް މިހާރަށްވުރެ ހަރުކަށި ކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ޕީއެންސީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ލޯކަލް ޓޫރިޒަމަކީ މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށެވެ. އަދި، ލޯކަލް ޓޫރިޒަމް ކުރިއަރުވަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމާފައިވާ ނިންމުމެވެ.
ނަމަވެސް، ޓޫރިސްޓުންގެ ފަރާތުން ދީނީ ގޮތުންނާއި އަހުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހިނގަން ނުޖެހޭ ކަންކަން ހިނގާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް މުއިއްޒު މިރޭ ވިދާޅުވި އެވެ. ޓޫރިސްޓުން އަމަލުކުރަން ޖެހޭ މިންގަނޑު ހަރުކަށި ކުރާ ސަބަބެއްގެ ގޮތުގައި މުއިއްޒު ދެއްކެވީ އެ ޝަކުވާތަކެވެ.
"އެހެންވީމަ މިކަންކަން ރަނގަޅު ކުރުމަށް. ގަވާއިދުތައް އަޅުގަނޑުމެން މި އިސްލާހު ކުރަނީ. ކަމާއި ގުޅޭ ގަވާއިދު. ރަށު ތެރޭގަ ޓޫރިސްޓުން އުޅޭއިރުގަ ހުންނަން ޖެހޭނެ މިންގަނޑުތަކަކާއި މިކަންކަން. މިހާރު އޮތް ގަވާއިދަށް އިތުރު އިސްލާހުތައް ގެނައީ،" މުއިއްޒު ވިދާޅުވި އެވެ.
އެ އިސްލާހުތަކާއެކު ގަވާއިދަށް ގެނެވޭ ބަދަލު ވަރަށް އަވަހަށް ގެޒެޓުކުރެވިގެންދާނެ ކަމަށް މުއިއްޒު މިރޭ ވިދާޅުވި އެވެ. ނަމަވެސް، ގެންނަނީ ކޮން އިސްލާހުތަކެއް ކަމެއް ނުބުނެ އެވެ.
މި އިސްލާހުތައް ގެނެޔަސް އެކަންކަން ތަންފީޒުވާނީ ކައުންސިލްތަކުގެ އެއްބާރުލުން ލިބިގެން ކަމަށް ވެސް މިރޭ މުއިއްޒު ވިދާޅުވި އެވެ. ލޯކަލް ކައުންސިލް އިންތިހާބަށް ތިން މަހަށް ވެފައި ވަނިކޮށް މިރޭ އެމަނިކުފާނު ދެއްކެވި ހުރިހާ ވާހަކައެއް ގުޅުވައިލެއްވީ ކައުންސިލްގެ އެއްބާރުލުން ނެތި ސަރުކާރަށް ކަންކަން ނުވާނެ ކަން ތަފުސީލު ކުރެއްވުމަށެވެ.
"މިހާރު ވާގޮތަށް ކަންކަން ވާން އަޅުގަނޑުމެން ފުރުސަތު ދީފިއްޔާ ވާނެ ގޮތަކީ. އެަކަންކަން އިސްލާހެއް ނުވާނެ،" ކައުންސިލް ތަކަށް ރައްދުކޮށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިދިޔަ އަހަރު ރާއްޖޭގެ ރަށްރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ޓޫރިސްޓުން އުޅޭ ގޮތަށް ފާޑުކިޔާ އެންމެ ބޮޑަށް ވާހަކަދެއްކެވީ އޮގަސްޓު މަހު އއ. އުކުޅަހަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގަ އެވެ.
އެގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ ސަބަބުން ކުޑަކުދިންނާއި މުޖުތަމައު ނުރަނގަޅު ކަންކަމަށް ހުށަހެޅޭ ކަމަށް އެ ރޭ މުއިއްޒު ވިދާޅުވި އެވެ.
އުކުޅަހުގައި ހުންނަވާ ރައީސް މި ވާހަކަ ފެއްޓެވީ ކުޑަކުއްޖަކު ދިން ކަމަށް ބުނާ ނޯޓެއް ކިޔުއްވުމަށްފަހު އެވެ. ނޯޓު ލިބުނީ މި ވާހަކަ ދައްކަން ވިސްނަވައިގެން ހުންނަވަނިކޮށް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މި ރަށުގެ ކުޑަކުދިންގެ ފަރާތުން އަޅުގަނޑަށް ލިބުނު މެސެޖެއް ކިޔާލާނަން. އަޅުގަނޑު އަތަށް ލިބުނު މެސެޖެއް ހަމަ އޮތް ގޮތަށް ކިޔާލާނަން. 'ކޮއްކޮމެން ބޭނުން ބީޗަށް ދާން. އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް. ބީޗުގައި ވެސް، މަގުމަތީގައި ވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން.' ވަރަށް ރީތިކޮށް ކުރަހާފަ އޮތް ކުރެހުމަކާއެކު ކުޑަކުދިން އަޅުގަނޑަށް ދިން މެސެޖެއް މިއީ،" މުއިއްޒު ވިދާޅުވި އެވެ.
Comment