Advertisement

ކަސްރަތު ކުރާނަމަ އެއާ އެއްވަރަށް ސަމާލުކަންދޭންވީ ކަންތައްތައް

24 ޖަނަވަރީ 2022 - 07:35 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ކަސްރަތު ކުރާނަމަ އެއާ އެއްވަރަށް ސަމާލުކަންދޭންވީ ކަންތައްތައް

24 ޖަނަވަރީ 2022 - 07:35 0

ކަސްރަތު ނިންމާލުމަށްފަހު މޫނުން އޮހޮރޭ ދާ ފުހެލުމަށް ނޭނގި ނަމަވެސް ބައެއްފަހަރު އަތް އުނގުޅާލެވޭ ދޯ އެވެ. ކަސްރަތު ކުރުމަކީ މީހާގެ ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ކުރާ ބޮޑު އަދި ބުރަ އިންވެސްޓްމަންޓަކަށް ވާއިރު މިކަމުން އެންމެ ހިތް އެދޭ ނަތީޖާ ހޯދަން ހަމައެކަނި ސަރުބީކޮޅު ވިރުވާލައިގެން މިކަން ނިންމާލަން ކަމަކު ނުދާނެ އެވެ. ހަށިގަނޑު ދުޅަހެޔޮކޮށް ރީތިކޮށް ބަހައްޓަން ހަމާއި އިސްތަށިގަނޑުގެ ރީތިކަމަކީ ވެސް ކޮންމެހެން މުހިންމު ދެ ކަމެވެ.

ކަސްރަތާއި ގުޅުވައިގެން ހަމާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމުގެ ވާހަކަދައްކަންޖެހޭ ސަބަބުތައް ގިނަ އެވެ. ކަސްރަތު ކުރުމަކީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދަކަށް ދާހިތްލާ ކަމަކަށްވާއިރު, އެ ދަލަކީ އެކިގޮތްގޮތުން ހަންގަނޑަށް ނޭދެވޭ އަސަރު ކުރާކަމެކެވެ. އެއާ އެކު, ފަރުވާތެރި ނުވެވިއްޖެނަމަ އިސްތަށިގަނޑުވެސް ނިކަން ފަސޭހައިން ކުރަކިވެ އޭގެ ގުދުރަތީ އޮފްކަމާއި ތާޒާކަން ގެއްލިދެ އެވެ.

މި ހިމަނާލަނީ މި ދާއިރާގެ ތަޖުރިބާކާރުންގެ އެހީގައި ކަސްރަތުކުރުމުގެ ކުރިންނާއި އަދި ފަހުން ސަމާލުކަންދޭންވީ މުހިންމު ބައެެއް ކަންކަމެވެ.

ކަސްރަތު ކުރަންދާއިރު މޭކަޕް ފުހެލާތި

ހަވީރު ފިންޏަށް ދުވަން ނުކުންނައިރުވެސް ނުލާހިކު ނަލަވެލާ, މޭކަޕްކޮށް ސެންޓު ޖަހައިގެން ނުކުންނަ މީހުން ފެނެ އެވެ. ފަހަރެއްގައި ބޭރަށް ނުކުންނައިރު އާދަކޮށް ކުރާކަމަށްވުމުން އެގޮތަށް އެކަން ކުރެވެނީ ކަމުގައި ވެދާނެ އެވެ. ނިއު ދިއްލީގެ މައިރާ ސްކިން އެންޑް ހެއާ ސޮލިއުޝަންސްގެ މެނޭޖިން ޑިރެކްޓާ ޑރ.ސޯނިއާ މަންގަލް ވިދާޅުވާގޮތުގައި މޭކަޕްކޮށްގެން ހުރެ ކަސްރަތު ކުރާނަމަ މޫނުގައި ދާ ހެދި ޕޯސްތައް ކްލޮގްވުމަށް މަގުފަހިވެ އެވެ. އަދި މިހެންވުމުގެ ވަރަށް ފަސޭހައިން މޫނުން ބިހިނަގާނެ އެވެ. ހަމައެޔާއެކު ކަސްރަތު ފެށުމުގެ ކުރިން ކޮންމެ ފަހަރަކުވެސް ރަނގަޅަށް މޫނު ދޮވެލުމަކީ އެކްނޭ ކޮސްމެޓިކާއިން ދުރުހެލިވުމަށް ކުރެވިދާނެ ކަމެއްކަމަށް ޑރ.ސޯނިއާ އިތުރަށް ވިދާޅުވި އެވެ.


ކަސްރަތަށްފަހު ވީއެންމެ އަވަހަށް މޫނު ދޮންނަންޖެހޭ

ކަސްރަތަށްފަހު އެވާ ވަރުބައްޔަކުން ތަނެއްގައި ޖައްސާނުލާ ފާހާނާއާ ހިސާބަށް ދެވޭނީ މަދު ފަހަރަކު އެވެ. މިއިން ކޮންމެ ވަގުތަކީވެސް ހަންގަނޑުގައި ޖަރާސީމު އުފެދުމަށް ފަހިކޮށްދެވޭ ފުރުސަތެވެ. އެހެންކަމުން ލަސްނުކޮށް ވީ އެންމެ އަވަހަށް މޫނު ދޮވެ ފެންވެރުމަށް ކަމުގެ މާހިރުން ލަފާދެއްވަ އެވެ. މިގޮތުން ފަސޭހައިން ބިހި ނަގާ މޫނެއްނަމަ އެންޓި-އެކްނޭ ފޭސްވޮޝްއެއް ބޭނުންކުރެވިދާނެ އެވެ. ނުވަތަ ސެލިސެލިކް އެސިޑް ނޫނީ ބެންޒޯލް ޕެރޮކްސައިޑް ހިމެނޭ ފޭސްވޮޝްއެއްވެސް އެންމެ ރަނގަޅުވާނެ އެވެ.

ހަމައެޔާއެކު ހަށިގަނޑުން މާބޮޑަށް ދާހިތްލާނަމަ ކިއްޕަތީގައި އެންޓިޕާސްޕަރެންޓްއެއް ބޭނުންކުރުން ރަނގަޅުވާނެ އެވެ. އަދި ދިގު މުއްދަތަކަށް މިކަމަށް ހައްލެއް ބޭނުންވާނަމަ ބޮޓޮކްސް އިންޖެކްޝަންގެ އެހީގައި ވަގުތީގޮތުން ދާއުފައްދާ ގްލޭންޑްތަކުގެ މަސައްކަތް ހުއްޓުވިދާނެ އެވެ. މީގެއިތުރުން ހަމަށްވުރެވެސް އިސްތަށީގައި ދާ ހަރުލުމުން މާ ގިނަ ޖަރާސީމާއި ނުބައި ވަސް ދުވާއިރު, ލޭޒާ ހެއާ ރިޑަކްޝަންއަކީވެސް މިއަދު މިކަމުގައި މަގުބޫލު އެއް ފަރުވާ އެވެ.

މީގެއިތުރުން ޑރ.ސޯނިއާ ވިދާޅުވާގޮތުގައި ކަސްރަތަށްފަހު އެންމެ ރަނގަޅީ އެއްވެސް ވަރަކަށް ހޫނު ނޫން ފެނެއްގައި ފެންވަރާ މޫނު ދޮވެލުމެވެ. އަދި މި ގަޑީގައި މޫނާއި ހަށިގަނޑު ސްކްރަބްކުރުމަކީވެސް އެދެވިގެންވާ ކަމެއް ނޫނެވެ. އަަދި ފެންވަރާ ނިމުމަށްފަހު ވީހާވެސް ރަނގަޅު ކޮލިޓީއެއްގެ މޮއިސްޗަރައިޒާއެއް މޫނުގައާއި ހަމުގައި ހާކާލަންވާނެ އެވެ.

މާ ބާރަށް އިސްތަށިގަނޑު އެއްސުމަކީވެސް ގޯހެއް

އެކި ކޮޅު ކޮޅަށް ދުވެ ފުމެ ހަދާ ކޮންމެ ފަހަަރަކު މޫނު މައްޗަށް އިސްތަށިވެއްޓުމަކީ ނިކަން ފަސޭހައިން ރުޅިގަދަކޮށްލާ ކަމެކެވެ. މިކަމުގެ ހައްލެއް ގޮތުން ގިނަފަހަަރަށް އަހަރެމެން ކުރާ ކަމަކީ އަތުގައި ހުރި ބާރެއްލާ އިސްތަށިގަނޑު އައްސާލުމެވެ. ނަމަވެސް މިއީ ހަގީގަތުގައި އިސްތަށިގަނޑަށް ދެވޭ އަނިޔާ އެކެވެ. މާ ބާރަށް އިސްތަށިގަނޑު އައްސާނަމަ ބޮލުގެ ވަކި ހިސާބުތަކުން އިސްތަށިއެއްކޮށް ފައިބަ އެވެ. އަދި ބައެއްފަހަރު ފުނާއަޅާއިރު މަގު ފަޅާފައި ހުންނަ ދިމާ ބޮޑުވެ ތަލަވާކަހަލަ ލުކްއެއް ލިބެ އެވެ.

ކޮންމެ ދުވަހަކު އިސްތަށިގަނޑު ޝޭމްޕޫ ނުކުރާތި

ފަހަރެއްގައި މިއީ އަހަރެމެންނަށް ވަރަށް ގޯސްކޮށް ވިސްނިފައި އޮންނަ ކަމަކަށްވެދާނެ އެވެ. ނަމަވެސް ކޮންމެ ދުވަހަކު ޖިމް ނިންމާލުމަށްފަހު އައިސް އިސްތަށިގަނޑުގައި ޝޭމްޕޫލާނަމަ ވަރަށް އަވަހަށް އިސްތަށިތައް ހިކިގެންގޮސް ބަލިކަށިވެދާނެ އެވެ. ޝޭމްޕޫގެ ސަބަބުން އިސްތަށިގަނޑުގައި ހުންނަ ގުދުރަތީ ތެޔޮ ނައްތާލަ އެވެ. އެހެންކަމުން ޝޭމްޕޫގެ ބަދަލުގައި ރީތި ފެނުން އިސްތަށިގަނޑު ދޮވެލާ އަދި ރަނގަޅު ކޮންޑިޝަނާއެއް ބޭނުންކުރުމުން ފުދޭނެ އެވެ.

ހަމައެޔާއެކު ބޭނުންކުރާ ޝޭމްޕޫއަކީ ކޮންމެހެންވެސް ސަލްފޭޓް ނުހުންނަ އެއްޗެއްތޯ ބަލާ ޔަގީންކުރުންވެސް ވަރަށް މުހިންމެވެ. ސަލްފޭޓް މި މާއްދާގެ ސަބަބުން އިސްތަށިގަނޑުގެ ވަރުގަދަކަމާއި ހައިޑްރޭޝަން ނެތިކޮށްލައެވެ.