23 ޖަނަވަރީ 2022 - 07:56 0
އާއިޝަތު މިހުނާ ނާސިހް
23 ޖަނަވަރީ 2022 - 07:56 0
މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ޓޮންގާގެ އަލިފާން ފަރުބަދައެއް ގޮވައި އެރި ސުނާމީގައި މިހާތަނަށް ތިން މީހަކު މަރުވެ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެ މުޅި ދިރިއުޅުން ވަނީ ސުންނާފަތި ވެފަ އެވެ. ލައްކައެއްހާ މީހުންގެ އާބަދީ އޮންނަ ޓޮޮންގާއަށް ދުނިޔޭގެ ބޮޑެތި ގައުމުތަކާއި ޖަމިއްޔާތަކުން އެހީވުމަށްވަނީ މަސައްކަތްފަށައިފަ އެވެ. މި ހުރިހާ ވާހަކަތަކުގެ ތެރެއިންވެސް މި ފަހުން މީީޑިއާތަކުގެ ސަމާލުކަން ހޯދި އެއް ވާހަކައަކީ 57 އަހަރުގެ ފިރިހެނަކު، ސުނާމީގެ ރާޅާއި އޮޔާއެކު މާކަނޑަށް ދަމައިގަތްތާ އެއް ދުވަސްފަހުން ސަލާމަތުން ފެނުނު ވާހަކަ އެވެ.
ވާތްފަރާތު ދެވަނަ އަށް ފުލާއޯ---ފޮޓޯ:ރޮއިޓާސް
އެއީ އުމުރުން 57 އަހަރުގެ ލިސާލާ ފޮލާއޯ އެވެ. އަލިފާން ފަރުބަދަ ގޮވައިގެން އުފެދުނު ސުނާމީގެ ރާޅުގައި ދަމައިގަތް ފޮލާއޯ ސަލާމަތުގެ އައްސޭރިއަށް އާދެވުނީ 27 ގަޑިއިރު ފަހުންނެވެ.
އޭނާ ކިޔާދިން ގޮތުގައި ރާޅުތަކާއި ކުނިތަކުގެ ތެރޭގައި އޭނާ އަށް ފަހަރު ގެނބުނެވެ. ސަލާމަތްވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތި ހެއްދެވި ފަރާތް ހަނދުމަކުރަމުން ދަނިކޮށް ނުވަ ވަނަ ފަހަރަށް އޭނާ ގެނބުނު ވަގުތު އަތުގައި ޖެހުނު ލަކުޑި ކޮޅަކީ އޭނާގެ ނަސީބެވެ. ހިކިފަސްތަނެއް ލޮލަށް ފެންނަން ދެން އޭނާ އޮތީ އެ ލަކުޑި ކޮޅުގައި ހިފަހައްޓައިގެނެވެ.
"އޮޔާދިޔައިރު ތަންކޮޅެއް ދުރުން ދަރިފުޅު ގޮވާއަޑުވެސް އިވޭ, އެކަމަކު އަޑުއިވޭކަމަށް ނުހެދީ ދަރިފުޅު އަހަރެން ސަލާމަތްކުރަން އައިސްދާނެތީ"
ކަނޑުގެ އަޑީގައި ހުރި އަލިފާން ފަރުބަދައެއް މިފަދަ ގޮތަކަށް ގޮވުމަކީ ކޮންމެ ހާހަކުން އެއްފަހަރު ވާނެ ކަމެއްކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި މިއީ މި ފާއިތުވެދިޔަ ތިރީހަކަށް އަހަރުތެރޭ ހިނގައިދިޔަ މިފަދަ އެންމެ ވަރުގަދަ ހާދިސާ އެވެ.
ފުލާއޯ ބުނި ގޮތުގައި އެންމެ ފުރަތަމަ ރާޅުތައް އަންނަން ފެށުމުން އޭނާ އެރީ ގަހަކަށެވެ. ނަަމަވެސް ރާޅުތަކުގެ ބާރާއެކު ގަހުން ވެއްޓުނެވެ. ކަނޑާހަމައަށް އޭނާ ގެންދިޔައީ ދެވަނަ ރާޅާއި އެކުގަ އެވެ. ފުލާއޯ އެވަގުތު ހުރި އަޓާޓޯ މިހާރު އޮތީ އެއްކޮށް ސުންނާފަތިވެފަ އެވެ. ފުލާއޯ ބުނާ ގޮތުން އޮޔާ ދަމަމުން ދިޔައިރު, އެއްގަމުގައި ހުރި އޭނާގެ ދަރިފުޅު ގޮވަމުންދިޔަ އަޑުވެސް އިވުނެވެ. ނަމަވެސް އޭނާ ސަލާމަތްކުރަން ދަރިފުޅު ފަތާފައި ވިޔަސް އަތުވެދާނެތީ އެ ގޮވުންތަކަށް ބީރު ކަންފަތެއް ދިނެވެ.
Comment