Advertisement

ސުނާމީ ކާރިސާއަކަށް އިޖާބަދޭން ތައްޔާރު ކުރަން ތަމްރީނު ޕްރޮގުރާމެއް ހިންގަނީ

4 އޮގަސްޓު 2024 - 20:48 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ 20 އަހަރު ކުރިން ރާއްޖެއަށް އެރި ސުނާމީ -- ފޮޓޯ: ފައިލް


ސުނާމީ ކާރިސާއަކަށް އިޖާބަދޭން ތައްޔާރު ކުރަން ތަމްރީނު ޕްރޮގުރާމެއް ހިންގަނީ

4 އޮގަސްޓު 2024 - 20:48 0

ސުނާމީ ކާރިސާއަކަށް އިޖާބަ ދިނުމަށް މުޖުތަމައު ތައްޔާރު ކުރުމަށާއި ވިލުންތެރިކަން އިތުރު ކުރުމަށް ތަމްރީނު ޕްރޮގުރާމެއް ހިންގަން ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓުމެންޓު އޮތޯރިޓީން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވްސް ސުނާމީ ރެޑީ ޓްރެއިނިންގެ ނަމުގައި މާދަމާ ފަށާ އެ ޕްރޮގުރާމަކީ ޔުނެސްކޯއާއި އިންޓާ ގަވާމެންޓަލް އޯޝަނޯގްރެފިކް ކޮމިޝަން (އައިޖީއޯސީ) އާއި އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އީދާރާ (ބީއެމްކޭޖީ) އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮގުރާމުގެ ދަށުން ސުނާމީ ކާރިސާއެއްގެ ސަބަބުން ރައްޔިތުންގެ ފުރާނައާއި ބިނާރާއި ދަނޑުބިމުގެ އިތުުރުން ކައިބޮއި ދިރިއުޅުމަށްޓަކައި ކުރާ އެންމެހައި މަސައްކަތްތައް ނެތިގޮސް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާނެ ގޮތުގެ ޕްލޭންތައް ހިއްސާ ކުރާނެ އެވެ.

އެ ތަމްރީނު ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފެސިލިޓޭޓަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމު މާދަމާ ފަށާނެ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މިނިސްޓަރީތަކާއި ސިޓީ އަދި ރަށު ކައުންސިލުތަކުގެ އިތުރުން އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުން މުޅިއެކު ޖުމުލަ 40 އަށްވުރެ ގިނަ ފެސިލިޓޭޓަރުން ތަމްރީނު ކުރާނެ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

އޭގެތެރޭގައި ސިފައިންނާއި ފުލުހުންގެ އިތުރުން މެޓު އޮފީހާއި ދިވެހި ރެޑް ކްރެސެންޓުގެ މީހުން ވެސް ހިމެނޭނެ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ދިވެހިރާއްޖެއަށް ސުނާމީއެއް އެރީ މީގެ 20 އަހަރު ކުރިން ޑިސެމްބަރު 26، 2004 ގަ އެވެ. އެ ކާރިސާގައި ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ވީނުވީއެއް ނޭނގި ގެއްލުނެވެ.

ސުނާމީގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ރާއްޖޭގެ 13 ރަށެއްގެ މީހުން އެހެން ރަށްރަށަށް އޭރު ބަދަލުވި އެވެ. އެ ކާރިސާގައި 15،000 އަށްވުރެ ގިނަ ދިވެހިންގެ ގެދޮރު ގެއްލުނެވެ.