Advertisement

މަރިޔަމް ހަސަން: ފޫހިކަމެއް ނެތި ބޮލި ހޮވުމުގައި ބައި ގަރުނު

5 ޖަނަވަރީ 2022 - 07:53 4

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

މަރިޔަމް ހަސަން އޭނާ ހޮވާފައި ހުރި ބޮލިތަކަކާއި އެކު -- ފޮޓޯ: އާއިލާ


މަރިޔަމް ހަސަން: ފޫހިކަމެއް ނެތި ބޮލި ހޮވުމުގައި ބައި ގަރުނު

5 ޖަނަވަރީ 2022 - 07:53 4

ލ. ފޮނަދޫ އަށް އުފަން، 62 އަހަރުގެ މަރިޔަމް ހަސަން، އޭނާގެ މާމަ އާ އެކު ބޮލި ހޮވަން ފަރުމައްޗަށް ދާން ފެށި އިރު އުމުރުން ސާދަ އަހަރު ވެސް ނުފުރު އެވެ. ބޮލި ހޮވުމުގެ ހުނަރު އޭނާ ދަސްކުރީ އެކަމަށް ފަރިތަ، އޭނާގެ މާމަގެ ފަރާތުންނެވެ. އެކަމަކު މާމަގެ ފަރާތުން އޭނާ އަށް ދަސްވީ ހުނަރު އެކަންޏެއް ނޫނެވެ. ބޮއްޔަށް ލޯބި ޖެހި، އުމުރުން ފަންސާހުން މައްޗަށް ދިޔައިރު ވެސް އަދިވެސް އެ ލޯތްބެއްގައި އޭނާގެ ހިތާއި ފުރާނަ ފަރުމަތިން ދަމައި ނުގަނެވޭ ވަރަށް އެކަމަށް ހިތް ވެސް ޖެހުނީ އެވެ.

މަރިޔަމުގެ މާމަގެ ޒަމާނުގައި ބޮލި ހޮވީ އޭރު އެ މަސައްކަތުން ވިޔަފާރީގެ ނަފާ ހޯދޭތީ އެވެ. ޒަމާން ބަދަލުވެ، މިހާރު 'ބޮލީގެ އިއްޒަތް ކެނޑިފައި' ވިޔަސް، ފަންސާސް އަހަރު ކުރިއެކޭ ތަފާތެއް ނެތި މަރިޔަމް އަދިވެސް ބޮލި ހޮވަ އެވެ. އެ މަސައްކަތުގައި ފޫހިކަމެއް، ވަރުބައްޔެއް އޭނާ ނުވެ އެވެ.

މަރިޔަމް ހުރީ އަދިވެސް ފިޓު ކޮށެވެ. އާމްދަނީ ހޯދަން އެއް އިރެއްގައި ވެސް ރަސްމީ ވަޒީފާ އަކަށް ނުދެ އެވެ. އެކަމަކު އާއިލީ ޒިންމާތަކާއި ދަރިން ބަލަމުން އާމްދަނީ އަށް ކުރި އެކި މަސައްކަތް ތަކުގައި އޭނާގެ ހެލިފެލިވުން ދިރިއުޅުން ދުޅަހެޔޮ ކޮށްދިނެވެ. ލިބުނު ހުރިހާ ދަރިން ބޮޑެތިވެ، އެ ކުދިންނަށް ލިބުނު ދަރިންގެ ކަންކަމުގައި ވެސް ބުރަކޮށް އުޅެން ލޯބިކުރާ މަރިޔަމް ހުސްވަގުތުގެ ލޯތްބަށް މިހާ ތަނަށް ވެސް ކުރާ ކަމަކީ ބޮލި ހޮވަން ފަރަށް ދިއުމެވެ.

"މިހާރު ބޮލި ހޮވަން މި ދަނީ ހަމަ އެކަނި އިރުަވައިމޫސުމުގެ ދުވަސްވަރުގެ ހަވީރު ދިޔަވަރު ހިކުނީމަ. އެކަމަކު އެބަހުރި މިހާރު ވެސް ފަންސަވީހަކަށް ކިލޯ. ދެރައީ މިހާރު ކުރިން ގޮތަށް މިކަހަލަ ޝައުގުވެރި މަސައްކަތެއް ކޮށްގެން ނަފާ ލިބޭނެ ގޮތެއް ނެތުމުން،" މަރިޔަމް ބުންޏެވެ.

މަރިޔަމް ހަސަން,62 ---ފޮޓޯ:އާއިލާ


އޭނާ ބުނީ، ކުރިން ބޮއްޔަށް ބޮޑު ޑިމާންޑެއް އޮތް ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް، ބޮލި ގަންނަ މީހުން މަދުވެ، އެއީ ހަމަ އެކަނި ސްކޫލްތަކުގައި ކުދިން ކިޔަވަން ބޭނުންކުރާ އެއްޗަކަށް ވެފައިވާ ކަމަށެވެ.

މިހާރު ވެސް ކޮންމެވެސް ވަރަކަށް މަރިޔަމްގެ ބޮއްޔަށް ޑިމާންޑް އެބަ އޮތެވެ. އެކި އަތޮޅުތަކުން މީހުން އައިސް އޭނާގެ އަތުން ގަނޑުކޮށް ބޮލި ގަންނަ ކަމަށް ބުންޏެވެ. ބޮލި ކިލޯ އެއް ވިއްކަނީ 25 ރުފިޔާ އާއި 30 ރުފިޔާ އާ ދެމެދު އެވެ.

މަރިޔަމް ބުނީ އޭނާ ފަދައިން ރަށުގައި ތިބެގެން ބޮލި ހޮވާ މީހުންނަށް އެތަކެތި މާކެޓް ކުރެވޭނެ ގޮތެއް ނެތުމުން ކަންބޮޑުވާ ކަމަށެވެ.

މިހާރުވެސް ފަންސަވީސް ކިލޯ އެބަހުރި. އެކަމަކު ރަށުގައި ހުރެގެން މިތަކެތި މާކެޓް ކުރާނެ ގޮތެއް ނެތް،" މަރިޔަމް ބުންޏެވެ.

މަރިޔަމް ހަސަން,62 ---ފޮޓޯ:އާއިލާ


ބޮލި ހޮވައި ސާފުކޮށް، އެތަކެތި ރީތިކޮށްގެން ވިއްކުމުގެ މަސައްކަތަކީ ބުރަ މަސައްކަތެކެވެ. ބޮލިހޮވުމަށްފަހު އެންމެ ބޮޑު މަސައްކަތަކީ ބޮލި ސާފުކޮށް ހިއްކުމެވެ.

މަރިޔަމް އެކަން ކުރާ ގޮތަކީ، ބޮލި ހޮވައިގެން ގެނެސް، ޓައްޕެއްގައި ދެ ހަފްތާއެއް ވަރު ވަންދެން ވައި ބޭރު ނުވާ ގޮތަށް މަތި ޖަހާފައި ބޮލިތައް ކުނި ފިލުވަން ބަހައްޓަނީ އެވެ. ކުނިފިލާ ނިމުމުން ދެން ބޮލިތައް ރީތިކޮށް ދޮވެ އަވީލައިގެން ހިއްކާލަ އެވެ. އެއަށްފަހު ހަލާކު ނުވާ ގޮތަށް ބޮލި ރައްކާ ކޮށްފައި ބަހައްޓަ އެވެ.

ބައެއް މީހުން ބޮލިތައް ރޯ ފަނުން ވިޔެގެން މުޅޯއްޓަށްވެސް އަޅައިގެން ގެންގުޅޭ. އެކަމަކު އަހަރެން ގެންގުޅެނީ ކާށީގެ އުނބުގައި ބަނދި ހަދަން އަނގަ ކަނޑާހެން, ކަނޑާލައިގެން ދެ ފަރާތުން ވާފަށެއް ލައިގެން, ދެ ލާހި ބޮލި އެޅޭނެ އެއަށް. ދެން ބައެއް ފަހަރު އެއަށް ވުރެ ވެސް ގިނަވީމަ އެހެން އެއްޗިއްސަށް އަޅަނީ“ ދޮވެ ސާފު ކުރުމަށްފަހު ބޮލި ރައްކާ ކުރާގޮތް މަރިޔަމް ކިޔައިދިނެވެ.

އޭނާ ބޭނުންވަނީ ހުސް ވަގުތުގައި ބޮލި ހިލާ މީހުންގެ މަސައްކަތަށް ވެސް ރަނގަޅު އުޖޫރައެއް ލިބޭނެ ގޮތް ފަހިވެގެން ދިއުމެވެ.