ކަޅު ސަޔާއި ކޮފީން ލިބޭ ފައިދާތަކަށް ބަލާއިރު، އުމުރުން ދުވަސްވީ އަންހެނުންނަށް، ކޮފީއަށް ވުރެ ރަނގަޅީ ކަޅު ސައި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އޮސްޓްރޭލިޔާގެ ދެކުނުގައި ހުންނަ ފްލިންޑާސް ޔުނިވަސިޓީގެ ސައެންސްވެރިން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި އުމުރުން ދުވަސްވީ އަންހެނުންގެ ތެރެއިން ގަވާއިދުން ކަޅު ސައި ބޯ އަންހެނުންގެ ކަށިތައް، ކޮފީ ބޯ އަންހެނުންނާ އަޅައި ބަލާއިރު ތަންކޮޅެއް ވަރުގަދައެވެ.
މެދު މިންވަރަކަށް ކޮފީ ބޮއެ އުޅޭ އަންހެނުންގެ ކަށިތަކަށް ގެއްލުމެއް ލިބޭކަމަށް ދިރާސާއިން ނުދައްކައެވެ. ނަމަވެސް މާ ގިނައިން – އެވްރެޖްކޮށް ދުވާލަކު ފަސް ޖޯޑަށް ވުރެ ގިނައިން – ކޮފީ ބޯ އަންހެނުންގެ ކަށިތަކުގެ ބާރު ދެރަކަން ފާހަގަވިއެވެ. ކަޅު ސައި ބޯ އަންހެނުންގެ ކަށިތަކުގެ ބާރު ގަދައީ، ކަޅު ސައިގައި ހިމެނޭ ކަޓެޗީން ކިޔާ މާއްދާއެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.
ކަޓެޗީން އަކީ ސައިފަތާއި ކޮކޯ އަދި މޭބިސްކަދުރާއި ބެރީގެ ބާވަތްތަކުގައި އެކުލެވޭ މާއްދާއެކެވެ. މިއީ އިންސާނުންގެ ހަށިގަނޑުގެ ކަށިތައް އުފެދުމަށް އެހީވެދޭ މާއްދާއެއް ކަމަށް ސައެންސްވެރިން ބުނެއެވެ. ނިއުޓްރިއަންޓްސް ކިޔާ ޖާނަލްގައި މިހާރު ޝާއިއުކޮށްފައިވާ މި ދިރާސާ ހަދާފައިވަނީ އުމުން 65 އަހަރާއި އެއަށް ވުރެ ދޮށީ އަންހެނުންގެ ތެރެއިން ގާތްގަނޑަކަށް 10000 އަންހެނުން ބައިވެރިކޮށްގެންނެވެ.
މި ދިރާސާގައި ބައިވެރިކުރި އަންހެނުން، ކޮންމެ ދުވަހަކު ކޮފީ ނުވަތަ ކަޅު ސައި ބޯ މިންވަރާއި، އެމީހުންގެ ކަށީގެ އާރާއި ބާރު ހުރި މިންވަރު ދިހަ އަހަރު ވަންދެން ބަލައި ދިރާސާކުރިއެވެ. މި ދިރާސާގެ ބޭނުމަކީ، ކޮފީ ނުވަތަ ކަޅު ސައި ބުއިމުން އަންހެނުންގެ ކަށިތަކުގައި މައުދަންގެ ބައިތައް އެކުލެވޭ މިންވަރަށް އެއްވެސް ބަދަލެއް އާދޭތޯ ބެލުމެވެ. މީހާގެ ކަށިތައް ފީވުމުގެ ބަލި ޖެހުމުގެ ނުރައްކާ ހުރި މިންވަރު ވަޒަންކުރަނީ، އެމީހެއްގެ ކަށީގައި ކެލްސިއަމް އާއި މައުދަންގެ އެހެން ބާވަތްތައް އެކުލެވޭ މިންވަރު ބަލައިގެންނެވެ.
ސިއްހީ ތަފާސްހިސާބުތަކަށް ބަލާއިރު، އުމުރުން 50 އަހަރުން ދޮށީ މީހުންގެ ތެރެއިން ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކީ ކަށި ފީވުމުގެ ބަލި (Osteoporosis) ޖެހިފައިވާ މީހުންނެވެ. މި ކަމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް މިލިޔަން ބަޔަކު، ހަށިގަނޑުގެ ކޮންމެވެސް ތަނެއްގައި ރެނދެއް ލައިގެން އުޅޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.
ކޮފީ އާއި ސަޔަކީ އެތައް ބިލިއަން ބަޔަކު ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ އެއްޗަކަށްވާތީ، ކަޅު ސައި އަދި ކޮފީ ބުއިމުން، ދިގު މުއްދަތުގައި ހަށިގަނޑަށް ކުރާ އަސަރު ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް ސައެންސްވެރިން ފާހަގަކުރެއެވެ. އެ ބޭނުމުގައި ކުރި މި ދިރާސާއިން އެނގުނު ގޮތުގައި ކޮފީ ބުއިމުން ނުކުންނަނީ ވަރަށް ތަފާތު ނަތީޖާއެކެވެ.
މެދު މިންވަރަކަށް – ދުވާލަކު ދެތިން ޖޯޑު – ކޮފީ ބުއިމުން ސިއްހީ ގޮތުން ކަށިތަކަށް ގެއްލުމެއް ލިބޭ ކަމަކަށް ނުދައްކައެވެ. ނަމަވެސް ދުވާލަކު ފަސް ޖޯޑަށް ވުރެ ގިނައިން ކޮފީ ބޯ އަންހެނުންގެ ކަށިތައް ފީވުމުގެ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. އެހެންކަމުން ގިނައިން ކޮފީ ބުއިމަކީ އަންހެނުންގެ ކަށި ފީވުމަށް މަގުފަހިކޮށްދޭ ކަމެއްކަން މި ދިރާސާއިން ފާހަގަވިއެވެ.
Comment