Advertisement

މަހުން ލިބޭ ނަފާ އިތުރުކުރަން ހަމައެކަނި ރޯމަސް އެކްސްޕޯޓްގެ ވިސްނުން ދޫކޮށްލަންޖެހޭ

10 ޑިސެންބަރު 2021 - 21:50 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކ. ގާފަރުގައި ބޭއްވި ފިޝަރީސް އެކްސްޕޯ ރައީސް ސޯލިހު ބައްލަވާލައްވަނީ. -ފޮޓޯ: ރައީސް އޮފީސް


މަހުން ލިބޭ ނަފާ އިތުރުކުރަން ހަމައެކަނި ރޯމަސް އެކްސްޕޯޓްގެ ވިސްނުން ދޫކޮށްލަންޖެހޭ

10 ޑިސެންބަރު 2021 - 21:50 0

މަހުގެ ސިނާއަތް ފުޅާކޮށް، އޭގެ ނަފާ އިތުރުކުރެވޭނީ ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށް، އޭގެ ބަދަލުގައި ބާނާމަހަށް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރެވިގެންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ގައުމީ ފެންވަރެއްގައި މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ކ. ގާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިން ބާނާމަސް ޕްރޮސެސް ނުކޮށް ރޯމަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމަކީ ޒަމާނުއްސުރެ ކަންހިނގަމުން ކަމަށާއި އޭގެ ނަތީޖާއަކަށްވީ މިސިނާއަތު ތަރައްގީވާންޖެހޭ މިންވަރަށް ތަރައްގީނުވުން ކަމަށެވެ.

"ރާއްޖޭގެ މަހުގެ އުފެއްދުންތެރިކަން ގައުމުގެ އެތެރޭގައި ހިފެހެއްޓި ހުއްޓުން އަރާފައި އޮތުން. ދިވެހި މަހުގެ ފައިދާ އެހެން ގައުމުތަކުން ނެގުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަން އެގޮތަށް ބަޔަކު ކުރަމުން އައީ މަސްވެރިންނަށާއި ގައުމަށް ލިބޭނެ ގެއްލުން ނޭނގިގެން ނޫން ކަމަށާއި އެކަމުގައި އުޅޭބަޔަކަށް ބޮޑުފައިދާއެއް ނެގޭތީ އެވެ.

އެގޮތުން، މި ސަރުކާރުން މިދަނީ މި ގެއްލުންބޮޑު ޒަމާންވީ އާދަ އިންގިލާބު ކޮށްލަން ކަމަށާއި މިހާރު ހިފާފައިވާ އަމާޒާއި މިސްރާބުން، ދިވެހިމަސްވެރި ސިނާއަތުގައި އެޅުވިފައިވާ "ތަޅު" ނެއްޓޭނެ ކަމަށެވެ.

"މަހުގެ ސިނާއަތް ފުޅާކޮށް، އޭގެ ނަފާ އިތުރުކުރެވޭނީ ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށްލައިގެން. އޭގެ ބަދަލުގައި ބާނާމަހަށް އެކުވި-އަގެއް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރެވިގެން،" ރައީސް ވިދާޅުވި އެވެ.

އެކަމަށްޓަކައި މި ސަރުކާރުން ކުރަމުންދާ ހާއްސަ މަސައްކަތްތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ފެލިވަރު އެކްސްޕޭންޝަން ޕްރޮޖެކްޓްގެ ދަށުން ފެލިވަރުގެ ޕްރޮސެސިން ކެޕޭސިޓީ ދެގުނައަށް އިތުރުކުރުމުން ދުވާލަކަށް އިތުރު 100 ޓަނު ޕްރޮސެސްކުރުމުގެ ގާބިލްކަން އެކާރުޚާނާއަށް ލިބިގެން ދާނެ ކަމަށެވެ.

މިކަމަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާއިރު، އަންނަ އަހަރު އެ ކާރުހާނާގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި، އަދި ތިނަދޫ އާއި މުލަކުގައި، ގާއިމުކުރެވޭ ކޯލްޑްސްޓޯރޭޖް ބޮޑުކުރުމުގެ މަޝްރޫއުއާއެކު ޖުމުލަ ކެޕޭސިޓީ 9،000 ޓަނަށް ވުރެ އިތުރުވެގެންދާނެ ކަން ރައީސް މިރޭ ފާހަގަކުރެއްވި އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ބޮޑުކަންނެލީގެ މަސްވެރިކަމަކީ، ބޮޑު އަގުލިބޭ މައިގަނޑު ޕްރައިވެޓް ސެކްޓާގެ ވިޔަފާރިއަކަށް ވާތީ، އެވިޔަފާރި ކުރިއަރާ ފުޅާވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ސަރުކާރުން އެދާއިރާގެ ކުރިއެރުމާ ތަރައްގީ އަށް ވިސްނައި އިސްކަންދޭކަމަށް ވިދާޅުވެފަ އެވެ.

"މިކަމުގައި އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތަކަށް އަބަދުވެސް ވެފައިއޮންނަނީ މިކަން އަމިއްލަ ފަރާތްތަކަށް ދޫކޮށްލުން. އެވިޔަފާރިއަށް މިފްކޯ ނުވަނުން. އެއާއެކު އެމަގުގައި ކުރިއަށް ދިއުމަށް ސަރުކާރަށް އެހިނދަކަށް ވެވެންއޮތް އެންމެބޮޑު އެހީތެރިކަމަކާ އެއްބާރުލުމެއް އަބަދުވެސް ދެމުން ގެންދިއުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، ބޮޑުކަންނެލީގެ މަސްވެރިންނަށްވެސް ނަފާ އިތުރު ކުރެވޭނީ ވެލިއު އެޑެޑް އުފެއްދުންތެރިކަން އިތުރުކުރެވިގެން ކަމަށާއި މިކަމަށްޓަކައި ކަނޑު އޮތްގިރި އިތުރަށް ތަރައްގީކޮށް، ސްޓޯރޭޖާއި ޕެކޭޖިން ކެޕޭސިޓީ އިތުރުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސް މިރޭ ހާމަކުރެއްވި އެވެ.

"މި މަސައްކަތް ނިމުމުން އަމިއްލަ ފަރާތްތަކަށް މި ފެސިލިޓީގައި ބޮޑު ކަންނެލި އެކްސްޕޯޓްކުރުމަށް ޕެކޭޖިންގެ މަސައްކަތް ކުރިއަށް ގެންދެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް މިއަދު ގާފަރަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުން ގާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ހުޅުވައިދެއްވައިފަ އެވެ.

އަދި ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވަވާ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވުމުގެ އިތުރުން އެމަނިކުފާނު އެ ރަށުގައި ބޭއްވި ފިޝަރީސް އެކްސްޕޯ ބައްލަވައިލައްވައިފަ އެވެ.