Advertisement

ދިވެހިންގެ ނިވަލުގައި ބިދޭސީން ވިޔަފާރި ކުރުން ހުއްޓުވަން ފާސްކޮށްފި

29 ނޮވެންބަރު 2021 - 17:53 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ބޯޓަކަށް މުދާ އެރުވުމުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ. -ފޮޓޯ: އަދަދު


ދިވެހިންގެ ނިވަލުގައި ބިދޭސީން ވިޔަފާރި ކުރުން ހުއްޓުވަން ފާސްކޮށްފި

29 ނޮވެންބަރު 2021 - 17:53 2

ދިވެއްސަކު ނިވާފަތްގަނޑަކަށްވެ ހުރެ، ސީދާ އަދި ނުސީދާ ގޮތުން ބިދޭސީންނަށް މަންފާ ލިބޭ ގޮތަށް ހިންގާ ވިޔަފާރިތަކަށް މިހާރު ހުޅުވިފައިވާ މަގު ހަނިކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބޭނުމެއްކަމަށް ބުނެފައިވަނީ ދިވެހިން ނިވާފަތްގަނޑަކަށްވެ ހުރެ، ސީދާ ގޮތުންނާއި ނުސީދާކޮށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ރައްޔިތުންނަށް ލިބޭ އިގުތިސޯދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށް ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކޮށް ހާލަތު ދެނެގަނެ ކަންކަން ރަަނގަޅު ކުރުމަކީ އެ އިސްލާހުގެ ބޭނުމެއް ކަމަށް ބުނެފައި ވެ އެވެ.

އެގޮތުން، 2014 ވަނަ ވުޖޫދަށް އައި ގާނޫނުގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް މިހާރު ރަޖިސްޓްރީކޮށްދެވޭ ފަސް އަހަރުގެ މުއްދަތު މި އިސްލާހުގައިވަނީ 10 އަހަރު ދުވަހަށް އިތުރުކުރަން ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން، އެފަދަ ވިޔަފާރިއަކަށް ހުއްދަ ދީފައިވާ މުއްދަތު ހަމަވުމަށްފަހުގައި ވެސް އެ ވިޔަފާރިއެއް ކުރިއަށް ގެންދިއުމަށް ބޭނުންވެއްޖެނަމަ، ކުރިން ލިބޭ 90 ދުވަހުގެ މުއްދަތު އެ އިސްލާހުގައި ވަނީ އެއް އަހަރަށް އިތުރުކޮށްފަ އެވެ.

އެ އިސްލާހުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އެ ގާނޫނުގައި އެފަދަ ވިޔަފާރިތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ހާލްތަކުގެ މާއްދާއަށް އިތުރުކޮށްފައިވާ މާއްދާ އެވެ.

12 ވަނަ މާއްދާގެ (ހ) އަށް (3) އިތުރުކުރުން


ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ބިދޭސީ ފަރާތްތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއްކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާއަށް ގަބޫލުކުރެވުން.

އަދި އެފަދަ ވިޔަފާރިއެއްގެ މަސްއޫލުވެރިޔާ ރާއްޖޭން ބޭރުގައި ދިރިއުޅޭނަމަ، ވިޔަފާރި ހިންގުމުގެ ޒިންމާ އަދާކުރަން އައްޔަނުކުރާ މީހާއަކީ ދިވެހި ރައްޔިތެއް ކަމަށް ވާންޖެހޭ ގޮތަށް މާއްދާއެއް ވަނީ އިތުރުކޮށްފަ އެވެ.

އޭގެ އިތުރުން، މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ވެސް އެ އިސްލާހުގައި ވަނީ ބޮޑުކޮށްފަ އެވެ.

އެގޮތުން، މިހާރު ގާނޫނުގައި ގިނަވެގެން 20،000ރ. އާ ހަމައަށް ކުރާ ޖޫރިމަނާ، އެ އިސްލާހުގައި ވަނީ 100،000ރ. އަށް އިތުރުކޮށްފަ އެވެ.

އެ ބިލު ދިރާސާކުރި މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން އިސްލާހެއް ގެނެސްފައިނުވާއިރު، ކޮމިޓީން ނިންމި ގޮތަށް އެ ބިލު މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.