Advertisement

ސާވިސް ޗާޖުގެ މައުލޫމާތު ހުށަހަޅަން އަންގައިފި

18 ނޮވެންބަރު 2021 - 10:11 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ވެލާނާ އެއާޕޯޓުގައި ރިސޯޓު ކައުންޓަރެއްގެ ކައިރީގައި އެއާޕޯޓް ރެޕެއް އިށީނދެލައިގެން. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ސާވިސް ޗާޖުގެ މައުލޫމާތު ހުށަހަޅަން އަންގައިފި

18 ނޮވެންބަރު 2021 - 10:11 0

ސާވިސް ޗާޖާ ގުޅޭ މައުލޫމަތު ހުށަހެޅުމަށް ހާއްސަ އޮންލައިން ސިސްޓަމެއް އުފައްދައި، އެ މައުލޫމާތު ހުށަހަޅަން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ)އިން އަންގައިފި އެވެ.

އެލްއާރުއީއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސާވިސް ޗާޖާބެހޭ ގަވާއިދުގައި ވަޒީފާ ދޭ ފަރާތަށް ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މަހަކަށް ލިބުނު އާމްދަނީގެ ތަފްސީލާއި، އެ މަހަކު ސާވިސް ޗާޖް ލިބުނު މުވައްޒަފުންގެ އަދަދާއި، ކޮންމެ މުވައްޒަފަކަށް ހައްގުވާ މިންވަރާއި، ދިން ފައިސާގެ އަދަދުގެ މައުލޫމާތު ބަލަހައްޓަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ވަޒީފާ ދޭ ފަރާތްތަކުގެ ތެރެއިން ހިދުމަތްތަކުން ސާވިސް ޗާޖު ނަގާ ފަރާތްތަކުން އެލްއާރްއޭ އާއި މީރާއަށް ހުށަހަޅަންޖެހޭ މައުލޫމާތު ފަސޭހައިން ހުށަހެޅޭ ގޮތަށް މީރާގެ "މީރާކަނެކްޓް" މެދުވެރިކޮށް އެ މައުލޫމާތު ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.

"މިގޮތަށް މައުލޫމާތު ހުށަހެޅުމުން، ސާވިސް ޗާޖާބެހޭ ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލޭބާ ރިލޭޝަންސް އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް މައުލޫމާތު ހުށަހެޅުނީ ކަމުގައި ބެލޭނެ އެވެ،" އެ އިއުލާނުގައި ބުނެ އެވެ.

ހިދުމަތްތަކުން ސާވިސް ޗާޖް ނަގާ ފަރާތްތަކުން އެ މައުލޫމާތު ހުށަހެޅުމަށް "މީރާކަނެކްޓް" ގައި ރަޖިސްޓްރީވެ، ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން އެ މައުލޫމާތު ހުށަހެޅުމަށް އެލްއާރުއޭއިން ވަނީ އެދިފަ އެވެ.

މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅޭ

ސާވިސް ޗާޖުގެ މައުލޫމާތު އެއްކުރަން ފަށާފައިމި ވަނީ އަންނަ އަހަރުން ފެށިގެން މިނިމަމް ވޭޖް ކަނޑައަޅާއިރު، ރިސޯޓު މުވައްޒަފުންނަށް ދެވޭ އެންމެ ކުޑަ އުޖޫރައިގައި، ސާވިސް ޗާޖު ނުހިމެނޭ ގޮތަށް ހަމަޖައްސާފައިވަނިކޮށެވެ.

ރާއްޖޭގެ ރިސޯޓުތައް ހިމެނޭ އެންމެ ބޮޑެތި ވިޔަފާރިތަކުން މިނިމަމް ވޭޖުގެ ގޮތުގައި މުވައްޒަފުންނަށް 8،000ރ. ދޭން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އަންނަ އަހަރުން ފެށިގެން މިނިމަމް ވޭޖްގެ ތެރޭގައި މުވައްޒަފުންނަށް ލިބޭ ފިކްސްޑް އެލަވަންސް ހިމެނޭނެ އެވެ.

އެކަމަކު މި އަދަދުގެ ތެރޭގައި އެކި މަސް މަހު އެކި މިންވަރަށް ދެވޭ އެލަވަންސްތަކާއި އިތުރުގަޑީގެ ފައިސާ އާއި ހާއްސަ އެލަވަންސްތަކެއް ނުހިމެނޭނެ އެވެ.

މިނިމަމް ވޭޖްގައި އެއްވެސް "އިން-ކައިންޑް ބެނެފިޓް" ނުހިމެނޭ ގޮތަށް ކަނޑައަޅާފައިވާ އިރު، ކަސްޓަމާ ސާވިސްގެ ވަޒީފާތައް އަދާކުރާ މުވައްޒަފުންގެ އަސާސީ މުސާރައިގެ ތެރެއަށް ސާވިސް ޗާޖެއް ނުލެވޭނެ އެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތަކުން ސާވިސް ޗާޖްގެ ގޮތުގައި އާންމު ގޮތެއްގައި ދެނީ 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދެއް ކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކަ އެވެ.

އަންނަ އަހަރުގެ ތެރޭގައި ރިޒޯޓުތަކުގެ މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖުގެ އޮޑިޓެއް ހަދަން އެލްއާރުއޭގެ ޕްރޮގްރާމް ބަޖެޓުގައި ހަތަރު މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.