Advertisement

ހުޅުމާލޭގައި އަޅާ އުރީދޫގެ އާ އޮފީސް އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

14 ނޮވެންބަރު 2021 - 13:03 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

އުރީދޫގެ މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން އާއި ކުންފުނީގެ ވެރިން އަދި ސީއެސްސީއީސީގެ ބޭފުޅުން އުރީދޫގެ އާ އޮފީސް އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއް ވަނީ. -- ފޮޓޯ:ހުސައިން ޝަޔާހް/އަދަދު


ހުޅުމާލޭގައި އަޅާ އުރީދޫގެ އާ އޮފީސް އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

14 ނޮވެންބަރު 2021 - 13:03 0

ހުޅުމާލެ ފޭސް އެކެއްގައި ތަރައްގީކުރާ އުރީދޫ މޯލްޑިވްސްގެ އާ އޮފީސް އިމާރާތުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި އޮތް ބިމެއްގައި އިމާރާތްކުރާ މި އޮފީހަކީ ބޭސްމެންޓަކާ އެކު 11 ފަންގިފިލާއަށް ތަރައްގީކުރާ އިމާރާތެކެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއެސްސީއީސީ) އާ އެވެ.

މި އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފެއްޓުމަށްޓަކައި މިއަދު ހެނދުނު އޮފީސް އިމާރާތްކުރާ ބިމުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މި ޕްރޮޖެކްޓުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އުރީދޫގެ މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން އާއި ކުންފުނީގެ ވެރިން އަދި ސީއެސްސީއީސީގެ ބޭފުޅުންނެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން، މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު


މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޖީބް ހަން ވަނީ މި އިމާރާތަކީ ތިމާވެއްޓާ ރައްޓެހިގޮތަކަށް ފަރުމާކޮށްފައިވާ އިމާރާތެއްކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން އެ އިމާރާތުގައި ވާރޭފެން ރައްކާކުރެވޭނެ ނިޒާމާއި އެނާޖީ ސޭވިން ފެސިލިޓީ ހުންނާނެ ކަމަށް ނަޖީބް ވިދާޅުވި އެވެ.

މީގެ އިތުރުން މި އިމާރާތުގައި ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަ ފެސިލިޓީތައް ގާއިމުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މި އިމާރާތުގެ ފައުންޑޭޝަނާއި ބޭސްމެންޓުގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ކުރިއަށް ގެންދާއިރު، އަންނަ ޖޫން މަހަށް އިމާރާތުގެ މަސައްކަތް ނިމޭނެ ކަމަށް އުންމީދު ކުރާ ކަމަށް ނަޖީބް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.