Advertisement

އުތުރުގެ ފެނު ގުޅަ ހަދާނެ ގޮތާއި ކާންވީ ގޮތް

2 ނޮވެންބަރު 2021 - 09:54 3

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

ފެނު ގުޅަ: ތެލު ނުލައި ފެނުގައި ކައްކައިގެން ތައްޔާރުކުރާ ރަހަ މީރު ހެދިކާއެއް


އުތުރުގެ ފެނު ގުޅަ ހަދާނެ ގޮތާއި ކާންވީ ގޮތް

2 ނޮވެންބަރު 2021 - 09:54 3

ހެދިކާގެ ބާވަތްތަކުގެ ތެރެއިން ގުޅައަކީ އެންމެނަށް ވެސް ކަމުދާ ބާވަތެކެވެ. ގުޅަ ތައްޔާރުކުރުމުގެ އެންމެ އާންމު އުސޫލަކީ ތެލުލުމެވެ. ނަމަވެސް، ކިޔައިދޭން މި އުޅެނީ ތެލު ނުލައި ތައްޔާރުކުރާ ފެނު ގުޅައިގެ ވާހަކަ އެވެ. 

ބަލާބެލުމަށް ހުދު ވަށް ގުޅައެއްގެ ގޮތުގައި ފެންނަ މި ހެދިކާ އަކީ ރާއްޖޭގެ އުތުރަށް ހާއްސަ ހެދިކާއެކެވެ. ގުޅައިގެ އެތެރޭގައިވާ މަސްހުނި ގަނޑުގައި މާބޮޑު ތަފާތެއް ނެތެވެ. އެހެނަސް މިއީ އެއްވެސް ވަރަކަށް ތެލުލާ އެއްޗެއް ނޫނެވެ. ބަދަލުގައި ހޫނު ފެނަށް ލައި ކައްކަކަނީ އެވެ. ފެނު ގުޅައޭ ކިޔޭ ސަބަބެއް ކަމުގައި ބެލެވެނީ މިހެންވެ އެވެ.  

"ހަނދާން ހުންނަން ފެށީއްސުރެވެސް މި ބާވަތުގެ ގުޅަ މި ރަށުގައި ހަދާ،" ހއ. ތަކަންދޫ މީހަކު ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އެއީ އެ ރަށަށް ހާއްސަ ގުޅައެކެވެ. އެރަށުގައި އާންމުކޮށް ފެނު ގުޅަ ކަނީ، ސާގު ފަންޏާ އެކުވެ.

މާރަންދޫގައިވެސް ފެނު ގުޅައަކީ މަގުބޫލު ހެދިކާ އެކެވެ. ރަށުގެ ސައި ހޮޓާތަކުން ވެސް ލިބެން ހުރެ އެވެ. ކޮންމެ ގެއެއްގެ ސުފުރާ މަތިން ވެސް މި ގުޅަ ފެންނާނެ އެވެ.

މާރަންދޫ ކައުންސިލްގެ މެމްބަރު އަފީފާ ހާލިދު ބުނާ ގޮތުގައި އެ ރަށު ފެނު ގުޅަ އާންމުކޮށް އެ އަތޮޅުގެ އެހެން ރަށްރަށުގައި ތައްޔާރުކުރާ ގުޅައިގެ ސައިޒަށް ވުރެ ބޮޑެވެ. މީރު ރަހަ ދެނީވެސް އެގޮތަށް އެ ސައިޒުގައި ހުރުމުން ކަމަށް އޭނާ ދެކެއެވެ. އަދި ގުޅަ އެންމެ މީރު ވާނީ ހޫނުކަންމަތީ ހުއްޓައި ކެއުމުންނެވެ.

ނައިވާދޫ ކައުންސިލް މެންބަރު ޒީނިޔާ އަހުމަދު ބުނި ގޮތުގައި އެ ރަށުގައި ފެނު ގުޅަ ތައްޔާރުކުރާއިރު އެއްބަޔަކު ގުޅައިގެ ތެރެއަށް އިލޮށި ހަރަ އެވެ. އެއީ ގުޅައިގެ ތެރެއަށް ފެން ފޮދެއް ވައްދައި އިތުރަށް ރަހަ މުއްސަނދި ކުރުމަށް ކުރާ ކަމެކެވެ.  

މި ތިން ރަށުގައިވެސް ފެނު ގުޅައިގެ ފުށްގަނޑު ތައްޔާރު ކުރާއިރު ރަހަމީރުކޮށް އަވަހަށް މަޑުކުރުމަށް ކުޑަ ހުނިކޮޅެއް އިތުރުކޮށްލެވެ އެވެ. 

ފެނު ކެއްކި ގުޅައިގެ ރެސިޕީ 

ބޭނުންވާ ތަކެތި 

ވަޅޯމަސް (ފުނޑުކޮށްފައި)

ގިތެޔޮ މިރުސް 

ފިޔާ (ގާނާފައި)

ލޮނުމެދު (ގަނާފައި)

އިނގުރު (ގާނާފައި) 

ހިކަނދިފަތް (ކުދިކޮށް ކޮށާފައި) 

ރީދޫ ލޮނު ލުނބޯ ހުތް

ތައްޔާރުކުރާ ގޮތް 

އެންމެ ފުރަތަމަ ފިޔާ ލޮނުމެދު އިނގުރު، މިރުސް އެއްކޮށްލައި ލުނބޯ ހުތް ޖެހުމަށްފަހު މޮޑެލާށެވެ. ފުނޑުކޮށްފައިވާ ވަޅޯމަސް އޭގެތެރެއަށް އަޅާ ކުޑަ ހުނިކޮޅެއްވެސް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ރީނދޫ ކޮޅު އަޅުމަށް ފަހު ލޮނު ހެޔޮވަރުކޮށްލާ ށެވެ. 

ފުށް މޮޑޭއިރު ހުނިކޮޅަކާއި ތެޔޮ ފޮދެއް އެޅުމަށްފަހު ތާފަނާ ފެން ނުވަތަ ހޫނު ފެން އަޅާ މޮޑެލާށެވެ. އެއަށްފަހު ކުދި ގުޅަ ހަދާ އާންމު އެހެން ގުޅަވެސް ހަދާހެން ފުށްގަނޑު ތެރެއަށް މަސްހުނި ކޮޅު އަޅާލާށެވެ. އެއަށްފަހު އުނދުން މަތީ ފެން ތެއްޔެއް އުނދާ ރަނގަޅަށް ބޮކި ޖަހަން ފެށުމުން ގުޅަތައް އަޅާލާށެވެ. ގުޅަތައް ނިމުމުން މަތި ނަގާ އާދައިގެ ފެން ފޮދެއް މައްޗަށް އަޅާށެވެ.