Advertisement

ދުވާފަރުން މީރު ރަހަތައް: ހޮބަލިހޮއްޔެ އާއި ހުތްމަސްކާށި

11 މާރިޗު 2024 - 10:54 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރ. ދުވާފަރަށް ހާއްސަ ހޮބަލިހޮއްޔެ: މިއީ ވަޅޯ މަހާއި ދިވެހި ހަވާދު ހިމެނޭ ކެއުމެއް -- ފޮޓޯ: މިރާން ނާޝިމް


ދުވާފަރުން މީރު ރަހަތައް: ހޮބަލިހޮއްޔެ އާއި ހުތްމަސްކާށި

11 މާރިޗު 2024 - 10:54 0

ރ. ދުވާފަރަށް ހާއްސަ ކެއުންތަކުގެ ވާހަކަ އަބަދުވެސް އަޑު އިވެ އެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ، އެ ރަށު އެކުވެރީން އެ ވާހަކަތައް ކިޔައިދެނީ ފަހުވެރިކަމާ އެކު އެވެ.

"ހުތްމަސްކާށި، ހޮބަލިހޮއްޔެ، ދުވާފަރު މަޖާ، ތެޔޮ މިރުސް ބަތް" ދުވާފަރަށް ގޮސްފިއްޔާ، ކޮންމެހެން ކާން ތަޖުރިބާކުރަން ޖެހޭ އެއްޗެހީގެ ލިސްޓެއް އަބަދުވެސް އެ އެކުވެރިން ދައްކަ އެވެ.

ދުވާފަރުގައި ހޭދަކުރެވުނު މަދު ދުވަސްތަކުގައި ވެސް އެ ކަން ތަޖުރިބާ ކުރެވުނެވެ. ރަށުގެ އެއް ބަޔަކު، އަނެއް ބަޔަކު ކެއުމަށް ދައުވަތު އެރުވުމަށް އެ ހުންނަ ފޯރި އެވެ. ރަށަށް އަންނަ މެހެމާނުންނަށް ވެސް، ގޭގެއިން އެ ކެއުންތަކުގެ ރަހަ ބަލައިލުން ނޫން އިހުތިޔާރެއް ނުދެ އެވެ.

ދުވާފަރުން މި ލިބޭ މީރު ރަހަތަކަކީ، އެ މީހުންގެ ހިތްހެޔޮ ކަމާއި މެހެމާންދާރީގެ ރީތި ސިފަ ފުރިހަމަ ކުރުމަށް ރަށު މީހުން ގެންގުޅޭ އުކުޅެކޭ ވެސް ބުނެވިދާނެ އެވެ.

"ހޮބަލިހޮއްޔެ ތައްޔާރުކުރަނީ އާންމުކޮށް ބޮޑެތި ކެއުންތަކަށް. ހުތްމަސްކާށި މީ ރޯދަމަހަށް ހާއްސަ އެއްޗެއް. ކޯދޮންނަ ގަޑީގަ ހުތްމަސްކާށި ހުންނަންޖެހޭނެ. މީއްޗިއްސުގެ ރަހަ ނުބަލާ ގޮއްސިއްޔާ ނުވާނެ ދުވާފަރަށް އާދެވުނު ކަމަކަށް،" ހޮބަލިހޮއްޔެ އަދި ހުތްމަސްކާށި ތައްޔާރުކުރަމުން، އެ ރަށު ފާތިމަތު އިބްރާހީމް ކިޔައިދިނެވެ.

ހޮބަލިހޮއްޔެ

- ހޮބަލިހޮއްޔެ ހެދުމަށް ބޭނުންވާ ތަކެތި

  • ވަޅޯމަސް (ދިގަށްވާގޮތަށް ކޮށާފައި)
    • ދިވެހި ހަވާދު
    • ލޮނު
    • ހިކަނދިފަތް
    • ރާނބާފަތް
    • އަޖުނަމުޓޯ
    • ބޯކިރު
    • ލޮނުމިރުސް
    • ތެޔޮ
    • ޗިލީ ސޯސް
    • ފިޔާ

    ހޮބަލިހޮއްޔެ ހެދުމަށް އެންމެ ފުރަތަމަ، ކޮށާފައި ހުރި ވަޅޯމަސް ކޮޅަށް ލޮނުކޮޅެއް ޖެހައި މޮޑެލުމަށްފަހު، ހަވާދު އަދި ބޯކިރު ކޮޅާއި އެއްކޮށްލާނީ އެވެ. ދެން ތެޔޮ ފޮދެއްގެ ތެރޭގައި ފިޔާ، ހިކަނދިފަތް އަދި ރާނބާފަތްކޮޅު ވަޅޯ ކޮށްލާނީ އެވެ.

    އެއަށްފަހު ހަވާދާއި ކިރުކޮޅާ އެއްކޮށްލި މަސްކޮޅު އޭގެ ތެރެއަށް އަޅާލި އެވެ.

    ރަހަ މީރު ކޮށްލުމަށް ލޮނުމިރުސް އަދި ޗިލީ ސޯސްކޮޅެއް އަޅައިލެވިދާނެ އެވެ. ހަވާދު ގަނޑު މަޑު ގިނީގައި ކައްކާލާށެވެ.

    ހޮބަލިހޮއްޔެއަކީ ވަޅޯމަސް ބޭނުންކޮށްގެން ކައްކާ އޮލަކޮށް ހުންނަ ރިހައެކެވެ. ބަތާއި ރޮށީގެ އިތުރުން ފެން ފޮޅިއާއިއެކު ވެސް ހޮބަލިހޮއްޔެ ކެވޭނެ އެވެ. ދުވާފަރު މީހުން ހޮބަލިހޮއްޔެ ކައި އުޅެނީ އާންމުކޮށް ބޮޑެތި ކެއުންތަކާއި މުނާސަބަތުތަކުގަ އެވެ.

    ހަމަގައިމުވެސް ހޮބަލިހޮއްޔެއިން ލީ ތަފާތު ރަހައެކެވެ. ހަވާދު ރިހަ އެތައް ފަހަރަކު ކެވުނު ނަމަވެސް މި ރަހައެއް ނުލަ އެވެ. ފޮޅިއާއި ޖަހައިގެން ކާން ހަމަ އެއްވަނަ އެވެ.

    ރ. ދުވާފަރުގެ ކެއުމެއް


    ހުތްމަސްކާށި

    - ހުތްމަސްކާށި ހެދުމަށް ބޭނުންވާ ތަކެތި

    • ލޮނު
    • ގިތެޔޮ މިރުސް
    • ލުނބޯ
    • ލޮނުމެދު
    • ފިޔާ
    • ވަޅޯ މަސް
    • އަޖުނަމުޓޯ
    • ކާށި
    • ހިކަނދިފަތް
    • އަސޭމިރުސް

    ފުރަތަމަ ކާށި ތުނިކޮށް އުކުރުވާލާށެވެ. މިކަމަށް ހާއްސަ ވަޅިއެއް ދުވާފަރު މީހުން ގެންގުޅެ އެވެ. އެއަށްފަހު ގިތެޔޮ މިރުސް، ފިޔާ އަދި ލޮނުމަދު ކޮޅު ކޮށާލާށެވެ. ދެން ލޮނާއި އަޖުނަމުޓޯ އަދި އަސޭމިރުސް އެޅުމަށް ފަހު ހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް މޮޑެލާށެވެ. އެންމެ ފަހު ކަމަކަށް ލުނބޯ ފިތާލާށެވެ.

    ދުވާފަރަށް ހާއްސަ ހުތްމަސްކާއްޓަކީ އެ ރަށު މީހުން އާންމުކޮށް ރޯދަމަހު ރޯދަ ވީއްލުމަށް ތައްޔާރުކުރާ ކެއުމެކެވެ. ބަތްޕެނާއި ފެންފޮޅީގެ އިތުރުން ރޮއްޓާއި ޖަހައިގެން ވެސް ހުތްމަސްކާށި ކެވޭނެ އެވެ.

    ރާއްޖޭގައި އާންމުކޮށް ހަދާ މަސްހުނި އަދި މަސްކާއްޓާއި މި ކެއުން މުޅިން ތަފާތެވެ. ކާށި އުކުރުވާފައި ހުންނަ ގޮތުން ކަންނޭނގެ އެވެ. ހީވަނީ ހެވާ ކެވޭހެނެވެ.

    ދުވާފަރަކީ މިފަދަ ހާއްސަ އެތައް ސިފަތަކެއް ލިބިގެންވާ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. ރ. ކަނދޮޅުދޫ މީހުން އެ ރަށަށް ބަދަލުވީ 2004 ވަނަ އަހަރުގެ ސުނާމީއަށް ފަހުގަ އެވެ. ކަނދޮޅުދޫގައި ދިރިއުނު އިރު ވެސް އެމީހުންގެ ކެއުމާއި ހިތްހެޔޮކަމަކީ ފާހަގަކޮށްލެވޭ ސިފަތަކެކެވެ.

    ދުވާފަރަށް ހާއްސަ ކެއުންތަކެއް ނަމަވެސް، ރޯދަ ސުފުރާމައްޗަށް އެޑްކޮށްލަން މިއީ ހަމަ އެއްވަނައިގެ ކެއުންތަކެކެވެ.