Advertisement

ދުވާފަރު ވަަށައިގެން ބަލަން މި ލިބެނީ މާ ތަފާތު ރީތި ކަމެއް!

2 އޭޕްރީލް 2024 - 10:19 0

ރ. ދުވާފަރު

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ދުވާފަރު ވަަށައިގެން ބަލަން މި ލިބެނީ މާ ތަފާތު ރީތި ކަމެއް!

2 އޭޕްރީލް 2024 - 10:19 0

ރ. ދުވާފަރު

ދަތުރުވަރެއްގައި ރަށެއް ބަލައިލަން ދާއިރު ބޮޑަށް ބެލެވޭ ކަމަކީ ރީތި ގުދުރަތީ ވެއްޓެއް އޮންނަ ރަށެކެވެ. ދޮންވެލީގެ ސާފު ގޮނޑުދޮށެއް ނޫނީ ފެހި ބިޔަ ގަސްތައް ހުރުމެވެ. ނޫނީ ރީތި ކުޅިއަކާއި ވިލުނޫކަން ގަދަ މޫދެވެ. ފެހިވިނައިގެ މޫދު ވެސް ހިތްގައިމެވެ. ހިތްފަސޭހަވުމާއެކު، ހަމަހިމޭން ކަން ވެސް ބޭނުމެވެ.

މީހުން ގިނަ، ހަލަބޮލި ދިރިއުޅުމެއް އޮންނަ މާލޭގައި އުޅެން ޖެހިފައިވާ މީހެއްގެ ހައިސިއްޔަތުން ވެސް ބެލެވެނީ އެ ކަމަށެވެ. އެކަމަކު މި ހަލަބޮލިކަމުގައި އުޅެމުން ވެސް ދަތުރުވަރެއްގައި ބައިގިނަ މި ރަށަށް ގޮސްލަން ލިބެންޏާ ދާން އަބަދުވެސް ބޭނުންވެ އެވެ.

ރ. އަތޮޅު ދުވާފަރު މީހުންގެ ސަކަ މިޒާޖާއި ހަރަކާތްތެރި ދިރިއުޅުމެއްގެ ވައްޓަފާޅިއާ ހުރެ ވެސް، 5،000 އެއްހާ މީހުންގެ އެ ވަޒަނުން ހަމަހިމޭން ކަމެއް ނުފެންނާނެ އެވެ. އެކަމަކު އެ މީހުންގެ އެ މަޖާ ވާހަކަތަކާއި މުނިފޫހިފިލުވަން އެ ގެންގުޅޭ ކަންކަމުގެ ތަނަވަސް ހިޔާލުތަކުގެ ސަބަބުން ފޫހިވާން ވެސް ވަގުތެއް ނުވެ އެވެ.

"ކަނދޮޅުދޫ ކަނޑަށް މަސް އަޅައި މަސްއަޅާ އޮންނާނީ މަސް ލެއިންނާއި ކަރުގޮހޮރުން ފުރިފަ. އަޅުގަނޑުމެންނަށް އެންމެ ޅައިރުން ފެށިގެން ހާނުވާފައި މި ހުންނަނީ ތި ފާހަގަ ކުރާ ފަދަ ހަރަކާތްތެރި ދިރިއުޅުމަކަށް،" އަތްތެރި މަސައްކަތް ކުރާ، ހުސައިން އަލިފުޅު, 63, ބުންޏެވެ.

ކަރަންޓު މަސައްކަތެއް ކުރަން ދުވާފަރު ބަޔަކު ގޭގެ ކުރިމަތީގައި ތިބެނިކޮށް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ސުނާމީ ކާރިސާ 2004، ގައި ހިނގުމުގެ ކުރިން ކަނދޮޅުދޫގެ މި ދަރިފަސްކޮޅަކީ ކަނޑުމަހުގެ މަސްވެރިކަމުން ފާނަ މަސްވެރިކަމާއި ލަނޑާ މަސްވެރިކަމަށް މަޝްހޫރު އަދި ހަވާދު ހެދުމާއި ކެއްކުމަށް ވެސް ފޯރި ހުރި ރައްޔިތަކު އުޅޭ ރަށެކެވެ.

ސުނާމީއަށް ފަހުގައި ރަށަށް ލިބުނު ގެއްލުންތަކަށް ފަހު، އެ ކުޑަ ފަސްގަނޑުގައި ނޫޅެވޭ ވަރުވީ އެވެ. ދުވާފަރުގައި މިހާރު އުޅެމުންދާ އެ ދަރިފަސްކޮޅުގެ އެ ދިރިއުޅުމަށް ބަދަލެއް ނާދެ އެވެ. ދުވާފަރު ވަށައިގެން ފެންނަނީ އޭގެ ރީތި ކަމެވެ.

"މި ރަށޭ ކިޔައިގެން ވަރަށް ތަފާތު ވާހަކަ މީހުން ދައްކާނެ، އެކަމަކު މިއީ މި ރާއްޖޭގައި ވެސް އުޅޭ އެންމެ ހިތްހެޔޮ، އަދި އެންމެ މުރާލި މީހުން އުޅޭ ރަށް. މި ރަށް ވަށައިގެން ރަނގަޅަށް ބަލައިލިއްޔާ، އެ ރީތިކަން ފެންނާނެ،" ދުވާފަރަށް އުފަން ޑައިވަރު އަހުމަދު އަލީ، 43، ބުންޏެވެ.

ހުކުރު ދުވަހެއްގެ ހެނދުނު އިރާކޮޅު ދުވާފަރު އާއިލާއެއް ނުކުމެ އާމްދަނީއަށް ކެއްކުމުގެ މަސައްކަތުގައި - ފޮޓޯ: މިރާން ނާޝިމް / އަދަދު


ކޮންމެ ގެއެއްގައި، އެ ގޭގެ ކަންމައްޗަކަށް ނޫނީ ގޭގެ ކުރިމަތީ ޕޭމަންޓް މަތީގައި ހިނގަން ދަތިނުވާ ގޮތަކަށް ޖޯލިފަތި ބަހައްޓާފައި ހުރެ އެވެ. އެއިން ކޮންމެ ޖޯއްޔެއްގައި ވެސް މީހުން އެއްވެ ތިބެ، ކޮންމެ ވެސް މަސައްކަތެއް ކުރެ އެވެ. ހަވާދު ހެދުމާއި އެކި ކާ އެއްޗެހި ތައްޔާރު ކުރަން އެއްވެ ތިބެ އެވެ.

ބައެއް ގޭގެއިން އެތެރެއިން ވަންނަ އިރު އޮންނަ ގޯތިތެރޭގައި ވެސް މި ގޮތަށް މަސައްކަތް ކުރަން ޖޯއްޔާއި އުނދޯލި ބަލަހައްޓައި އެ ތަނަށް އެއްވެ ތިބެ އެ ފޯރީގައި ތިބެ އެވެ. އަންހެނެއް، ފިރިހެނެއް، ކުޑައެއް، ބޮޑެއް، ޒުވާނެއް، ދޮށީ މީހެއް، މީގައި ބައިވެރިނުވެ ތިބޭ ވަކި އެކަކު ވެސް ނެތެވެ.

ދުވާފަރު މަގުމަތީގައި ފިރިހެނަކު މަގުމަތި ކުނިކަހަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު


އަތްތެރިކަން، ވަޑާން، ކަރަންޓާއި އިންޖީނުގެ މަސައްކަތްތައް ކުރަން ވެސް ތަންކޮޅެއްގައި ތިބޭ ތަން ފެނެ އެވެ. މިހެން ކަންމަތީގައި ބަހައްޓާ ޖޯލިފަތިތަކުގެ އިތުރުން ބައެއް ގޭގެ ދޮރުމަތީ، ނޫނީ ކޮންމެ އަވަށެއްގައި ވެސް އޮންނަ ހުސް ބިމުގައި ބައެއް މަސައްކަތްތެރިން މަސައްކަތްކޮށް ހަދަ އެވެ.

"އަޅުގަނޑުމެން ކުޑައިރު ރޯދަ ކުރުކުރަން ވެސް އެކި ކަހަލަ މަސައްކަތްކުރަން ދަސްކޮށްދިނުން އޮންނާނީ، ވަރަށް ރީތި ގޮތަކަށް ކުރުނބާ ވެސް ހަދާނެ އޭރު، ހަމަ ރޯދަ ކުރު ކުރަން ފިރިހެން ވެރީން، މި ކަހަލަ މަސައްކަތްތައް މި ދަސްވީ އެހެން،" ދާންޏާއި ބުޅި ފަދަ އެއްޗެހި ހަދާ އިބްރާހިމް ހަސަން ބުންޏެވެ.

ދުވާފަރު ހުސައިން އަލިފުޅު ރޯދަ ކުރުނބާއެއް ތައްޔާރުކުރަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު


އޭނާ ކިޔައިދިނީ، ވަރަށް ގިނައިން އޭނާގެ މަސައްކަތް ބަލައިލާ ހިތުން ރަށަށް އަންނަ މެހެމާނުން ބުނާ ކަމަށެވެ. ދުވަހަކު ވެސް އެއިން މީހަކަށް ނޫނެކޭ ނުބުނާ ކަމަށެވެ. ކަނދޮޅުދޫ މީހުންނަކީ "ބޮޑާ" ކަން ނެތް، އެކުވެރިކަމުގެ އަހުލާގު އޮތް ބަޔެކޭ ބުނެލީ، ވަރަށް ފަހުރުވެރިކަމާ އެކު އެވެ.

އެ ރަށުން މީހަކާ ދިމާވެއްޖެ ނަމަ އެ ގެެއިން ނުކައެއް ނުދެވޭނެ އެވެ. ރަށު މީހުންނަކީ ކެއްކުމަށް ވެސް އެހާ ފޯރި ހުރި މީހުނެވެ.

"މިއީ ވަރަށް ކެއުމަށް، ކައްކަން ފޯރި ހުންނަ ރަށެއް. އަދި ރޭގަނޑަށް ވަކިން ހާއްސަކޮށް، މީހުން އެއްވެގެން ތިބޭނެ ތަންތަނުގައި، ކޮންމެ ވެސް އެއްޗެއް ކައްކައި، ހަމަ މުޅީން ކެއުމުގައި އުޅޭނީ،" އިބްރާހިމް ހަސަން ބުންޏެވެ.

ދުވާފަރު ިއިބްރާހިމް ހަސަން ދާނި ހެދުމުގެ މަސައްކަތުގައި - ފޮޓޯ: މިރާން ނާޝިމް / އަދަދު


ދުވާފަރުން މި ލިބޭ މީރު ރަހަތަކަކީ، އެ މީހުންގެ ހިތްހެޔޮ ކަމާއި މެހެމާންދާރީގެ ރީތި ސިފަ ފުރިހަމަ ކުރުމަށް ރަށު މީހުން ގެންގުޅޭ އުކުޅެކޭ އެ ރަށު މީހުން ބުނެ އުޅެ އެވެ.

"ހުތްމަސްކާށި، ހޮބަލިހޮއްޔެ، ދުވާފަރު މަޖާ، ތެޔޮ މިރުސް ބަތް" މިއީ ދުވާފަރަށް ހާއްސަ ކެއުންތަކެވެ. މި ރަށަށް އައިސް މި އެއްޗެހީގެ ރަހަ ވެސް ބަލަން ޖެހޭނެ އެވެ. އެއީ ލާޒިމެކެވެ.

"ހޮބަލިހޮއްޔެ ތައްޔާރުކުރަނީ އާންމުކޮށް ބޮޑެތި ކެއުންތަކަށް، ހުތްމަސްކާށި މިއީ ރޯދަމަހަށް ހާއްސަ އެއްޗެއް. ކޯދޮންނަ ގަޑީގަ ހުތްމަސްކާށި ހުންނަން ޖެހޭނެ، މި އެއްޗެހީގެ ރަހަ ނުބަލާ ގޮއްސިފިއްޔާ ނުވާނެ ދުވާފަރަށް އާދެވުނު ކަމަކަށް،" އެ ރަށު ފާތިމަތު އިބްރާހީމް ކިޔައިދިނެވެ.

ދުވާފަރުގައި ތައްޔާރުކުރާ އެ ރަށަށް ހާއްސަ ހުތްމަށިކާށި - ފޮޓޯ: މިރާން ނާޝިމް / އަދަދު


މަސައްކަތްތެރި، ހަރަކާތްތެރި އެ ދަރިފަސްކޮޅުގެ ފޮޓޯތައް ހަނދާނަކަށާއި ނޫހުގައި ޖެހުމަށް އެއްކުރަމުން ދަނިކޮށް ދިމާވީ މަސް ކައްކައި ހިއްކައި އަދި ރިހާކުރު ހަދާ މުހައްމަދު އާދަމް، 69، އާ އެވެ. އޭނާ ވެސް ބުނީ އުމުރުން ދުވަސްވުމުން މަސްވެރިކަމަށް ނުދެވޭ ވަރުވީމައި އެ މަސައްކަތެއް ކުރަން ފެށީ ކަމަށެވެ.

"އަޅުގަނޑުމެން ކަނދޮޅުދޫ މީހުންނަކަށް ނުތިބެވޭނެ މަސައްކަތެއް ނުކޮށް. ކަނޑަށް ނުދެވޭ ގޮތް ވީމައި، ހިތަށް އެރީ ދެން ކޮންމެ ވެސް ވަރެއް ކުރަން ވާނޭ. އެހެންވެ ދެން ދަރިން މަސް ބާނައިގެން ގެނައިމަ، އަޅުގަނޑާއި އަޅުގަނޑުގެ އަނބިމީހާގެ ކަމަކީ ރިހާކަރު ހައްދާފައި ވިއްކުން،" އޭނާ ބުންޏެވެ.

ދުވާފަރަށް ދަތުރުވަރެއްގައި ހަމަ ދާންވީ އެވެ. ދުވާފަރުގެ ވާހަކަ ދުވާފަރު މީހުން ކިޔައިދޭނެ އެވެ. މީރު ރަހަތައް ބަލަން ލިބެ އެވެ. ފަންނުވެރި މަސައްކަތް ނުދައްކައި ފިލައިގެން އުޅޭ ޒާތުގެ މިޒާޖެއް އެ ރަށު ފަންނުވެރިންގެ ނެތެވެ.

ހިތްހެޔޮ، ހަރަކާތްތެރި، މަޖާ، ސަކަ މިޒާޖުގެ އާބާދީގައި ދުވަސްކޮޅަކު އުޅެލަން، ޗުއްޓީއަކާ ދިމާކޮށް ގޮސްލަން ހަމަ އެއްވަނަ އެވެ.