Advertisement

ރަށު ރަހަ: ލާމު ހިތަދޫގައި އަނބު ކެއުމުގެ މުއްސަނދި ސަގާފަތެއް!

17 މާރިޗު 2024 - 13:17 1

ލ. ހިތަދޫ

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ލާމު އަތޮޅު ހިތަދޫގައި، ހެނދުނުގެ ނާސްތާއަަށް، ރޮށްޓާއެކު އަނބު ހަނާކޮށް ތައްޔާރުކޮށްފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ރަށު ރަހަ: ލާމު ހިތަދޫގައި އަނބު ކެއުމުގެ މުއްސަނދި ސަގާފަތެއް!

17 މާރިޗު 2024 - 13:17 1

ލ. ހިތަދޫ

ހެނދުނަށް ރޮއްޓާއި މަސްހުނި ހުންނަ ހެން، ދޮން އަނބު މޫސުމުގައި މި ރަށުގައި ހެނދުނު ކާލަން ރޮއްޓާއެކު ހުންނާނީ ދޮން އަނބު ރިހަ އެވެ. މެންދުރު ބަތާއި ގަރުދިޔަ ކާން އޮންނަ ހަމައިން، މި ރަށުން ލިބެން ހުންނާނީ ދޮން އަނބު ހަނާކޮށްގެން، ބަތާ އެކު ކެއުމެވެ. ބަތާ އެކު ރިހަ ވެސް ހުރެ އެވެ.

ފަސްސަތޭކައެއްހާ މީހުން އުޅޭ، ލ.ހިތަދޫއަކީ ބިޔަ ގަސްތަކުގެ ޖަންގަޔާއެކު، ރީތި ކުޅިއެއް ވެސް އޮންނަ، ގުދުރަތީ ރީތި ބޮޑު ވެއްޓެކެވެ. މީހުން އުޅޭ ސަރަހައްދު މާ ކުޑަ އެވެ. ހިތްފަސޭހަ އެ ރަށުގެ، މީހުން އުޅޭ ސަރަހައްދުން ވެސް އިހުސާސް ވަނީ ގުދުރަތީ ވެށީގެ މުއްސަނދި ކަމެވެ.

ގޭގޭގެ އެތެރޭގައި ވެސް ބޮޑު ޖާގައެއް އޮންނަނީ ގަސްގަހާގެއްސަށެވެ. ކޮންމެ ގެއަކުހެން ގެދޮރުގެ އިމާރާތުގެ އިތުރަށް ހުސްކޮށް ބޮޑު ޖާގައެއް އޮވެ އެވެ. އިށީނދެ ތިބެވޭނެ ޖޯލި، އުނދޯއްޔާއެކު، ގުދުރަތީ ހިޔަލާއި ވައިގެ ހިތްފަސޭހަކަން ލިބޭނެ ގޮތަށް ގަސްގަސް ހައްދައިފަ އެވެ.

ބިލިމަގާއި ކާމަރަގަ ގަހާއި ޖުމްހޫރީ މޭވާގެ ވެޔޮތަކާއި، މިހެން ގޮސް ގެއަކުން ޏަމްޏަމް ގަހެއް ވެސް ފެނުނެވެ. ކާާން ލިބޭނެ ގަސްގަސް ވެސް ހިމެނޭހެން ގޭގޭގެ އެތެރެ ޒީނަތްކޮށްފައި އޮންނަ އިރު، އެކި އެކި ގޭގެގައި މި ހުންނަނީ އެކި ބާވަތެވެ.

އަޅައިގަންނަ ކަމަކަށް ވީ ކޮންމެ ގެއަކުހެން ވެސް އަނބު ގަހެއް ހުރުމެވެ. އަނބު ގަހުން މުއްސަނދި އެ ރަށުގައި އަނބު ކެއުމުގެ މުއްސަނދި ސަގާފަތެއް ވެސް އެބަ އޮތެެވެ.

ލާމު ހިތަދޫ ގެއެއްގެ ތެރޭގައި ހައްދާފައި ހުރި އަނބު ގަހެއް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ލާމަށް ހާއްސަ ބައެއް ކެއުންތަކަކީ މި ރަށުގައި ވެސް އެންމެ އާންމު ކެއުންތަކެވެ. އަތޮޅުގެ ހުރިހާ ރަށަކުހެން ހައްދާ ގޮން މަހާއި، މުހުރާއި ކުހުރާއި ގޮޅަ ރިހަ އަކީ މި ރަށުގައި ވެސް ދެން އެންމެ އާންމު ކެއުންތަކެވެ.

އެކަމަކު، ހަމަ އެ ކެއުންތަކާ އެއް މިންވަރަކަށް ގޭގޭގައި ބަތާއެކު ކާން ހުންނަ އެކައްޗަކަށް މި އޮންނަނީ އަނބު ރިހަ ނޫނީ ހަނާކޮށްފައި ހުންނަ އަނބެވެ. ރޮށްޓާއި ބަތާ އެކު ދިވެހީންގެ ރަށްރަށުގައި ކާން ހައްދާ މަހުގެ ބާވަތްތައް ފަދައިން، މި ރަށުގައި އާންމީ އަނބެވެ.

ރަށު މީހުން ބުނާ ގޮތުން، އެ މީހުންނަށް އަނބު ހަމަ މާ މީރީ އެވެ.

"އަނބު ގަހެއް ހުންނާނެ، ކޮންމެ ގެއަކު ވެސް، ދެން ފަސޭހައިން ލިބެން ހުންނަ އެއްޗަކަށް މި ވަނީ، ވަރަށް ކުޑައިރުއްސުރެން އޮންނަ ކަމެއް ދޯ މިއީ، އަޅުގަނޑު މާމަމެނާއި މަންމަ މި އެއްޗެހި ހަދާ ތަން ފެނިގެން އަޅުގަނޑުމެން ވެސް މި ހަދަނީ، ޅައިރުއްސުރެން އަނބު މީރު ވެފަ،" އާމިނަތު އިދުރީސް (60އ.) ބުންޏެވެ.

"ރޯދަ މަހު ވެސް ދޮން އަނބު ހުރިއްޔާ އަނބު ހަނާކޮށްފަ ރޯދަ ވީއްލަން ބަހައްޓާނެ،"

ލާމު ހިތަދޫ ގެއެއްގައި އަނބު ހަނާ ކުރަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ދިވެހީންނަކީ ކެއްކުމުގައި އުފެއްދުންތެރި ބައެކެވެ. އަނގަ މީރުކޮށްލަން ކައި އުޅެން ހައްދާ ތަކެތި ވެސް ގިނަ ގުނަ އެވެ. ތެލުލިބަނބުކޭލާއި، ކާޖާއާއި ކުޅި މަޖާއާއި ރިހާކުރު ގުޅައާއި ކުދި ގުޅައާއި، ކުދި ބަޖިޔަލާއި، ތުނިމިޔަ ފަދަ އެއްޗެއްސެވެ

ހިތަދޫގައި، އަނގަ މީރުކޮށްލަން ހުންނަ ކެއުންތައް ވެސް ހަދަނީ އަނބުންނޭ ބުނެވިދާނެ އެވެ. އާންމުކޮށް ރަށްރަށުގައި މި ހައްދާ ތަކެތީގެ އިތުރަށް މި ރަށުގައި، ފޮނި އެއްޗެއް ގޮތުގައި އަނބު ފަލޫދާ ހަދަ އެވެ. އެސެންސު އަޅައިގެން މެޓާ ހިލާ ގޮތަށް ވެސް އަނބު ހަދައިގެން ކައި އުޅެ އެވެ.

"އަނބު މީރު ކުރަން ވެއްޖެއްޔާ، މާ ފެން އަޅައިގެން ވެސް ހައްދަން. އެސެންސު އަޅައިގެން ވެސް ހަދާނެ، އެ އެއްޗެހި އެޅީމަ ވަރަށް މީރު ވާނެ. ހަމަ މެޓާ ހިލާހެން ހިލާނެ ހަމަ،" އޭނާ ބުންޏެވެ.

ހިތަދޫގައި އަނބު ހަނާކޮށްގެން ކައި ގޮތް ދައްކާލަން ތައްޔާރުވަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އަނބު ހަނާ ކުރާ ގޮތް، އާމިނަތުގެ އަންހެން ދަރިފުޅު ފާތިމަތު ނަސްރީނާ (38އ.) ނޫސްވެރިންނަށް ދައްކައި ވެސް ލި އެވެ. އަނބުގެ ތޮށި މަށައިލައި، އޮށް ނެގުމަށް ފަހު ދެން އޮތް ބައި ހަނާ ކުރަނީ އެވެ. އާންމުކޮށް އަލުވި ފަދަ ތަކެތި ހަނާ ކުރާ ގޮތަށް، ހަވާދު ލައިގެނެވެ.

"އާންމުކޮށް އަނބު ހަނާކޮށްގެން ކާނީ މެންދުރު ބަތާއެކު، ރޮށްޓާއެކު ވެސް ކާނެ، އެކަމަކު އަހަރުމެން އާއިލާއަށް މީރީ ބަތާ އެކީ ކާން، ދޮން އަނބު ހެދުނީމަ، ހަމަ މި ކަހަލަ އެކި އެއްޗެހި އަނބުން ހަދާނެ،" ނަސްރީނާ ބުންޏެވެ.

ލ. އަތޮޅަށް ހާއްސަ ކެއުންތަކުގެ ވާހަކަ އަބަދުވެސް އަޑު އަހަމެވެ. ވެރިރަށް މާލޭން ދިމާވެފައިވާ ލާމު އެކުވެރިންގެ ފަރާތުން, އެއިން ބައެއް ތަކެތީގެ ރަހަ ވެސް އޮތީ ކުރިން އެނގިފަ އެވެ. އެެހެންވެ، ދިޔުމުގެ ކުރިން ވެސް މިއީ ކެއުންތަކުގެ މުއްސަނދި ސަގާފަތްތައް އޮންނާނެ ރަށްތަކެއް ގޮތަށް ބެލީމެވެ.

ލ. ހިތަދޫއަށް ގޮސް، އެ ރަށުގައި މި އޮންނަ އަނބު ކެއުމުގެ މުއްސަނދި ސަގާފަތް ތަޖުރިބާކޮށްލަން ހަމަ ވަރަށް ރަނގަޅެވެ. ރީތި ހިތްފަސޭހަ މާހައުލެއް ވެސް ތަޖުރިބާކުރަން، ހިތަދުއަށް ޖައްސައިލަން ރަނގަޅެވެ.