Advertisement

އިސްދޫގެ "އާސާރީ" ވަޅު ތަރިކަ ލިސްޓުގަ ނެތް

5 އޮކްޓޯބަރު 2021 - 11:19 1

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

އިސްދޫގެ ވަޅު އަޑިއަށް ދިޔުމުގެ ކުރިން ހުރި ގޮތުގެ ފޮޓޯއެއް.


އިސްދޫގެ "އާސާރީ" ވަޅު ތަރިކަ ލިސްޓުގަ ނެތް

5 އޮކްޓޯބަރު 2021 - 11:19 1

ބިންގަނޑު ގަނބައިގަނެ، ލ. އިސްދޫގައި އަޑިއަށް ދިޔަ 100 އަށް ވުރެ ގިނަ އަހަރުވީ ވަޅަކީ އާސާރީ ތަރިކައިގެ ލިސްޓުގައި ހިމެނޭ ވަޅެއް ނޫން ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.

އިސްދޫގެ އާސާރީ ވަޅު އަޑިއަށް ދިޔައީ ވަޅު ހުރި މަގުން ހައިމާކެއް ދިޔަ ގަޑީގައި އައި ލޮޅުންތަކާއެކު މިދިޔަ އާދިއްތަ ދުވަހު އެވެ.

ރަށު ކައުންސިލްގެ ނައިބު ރައީސް އާދަމް ނަސީމް ވިދާޅުވީ އެ ވަޅަކީ ވަރަށް ބަލައިގެން އަދި ހިމާޔަތްކޮށްގެން ގެންގުޅޭ ވަޅެކެވެ.

ނަމަވެސް ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއިލް ނާއިލް "އަދަދު"އަށް ވިދާޅުވީ އިސްދޫގެ އެ ވަޅަކީ ކައުންސިލްތަކުން ފޮނުވި މައުލޫމާތުތަކަށް ބިނާކޮށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން އެކުލަވާލައި، ގެޒެޓްގައި އާންމުކޮށްފައިވާ ރާއްޖޭގެ މާއްދީ ތަރިކައިގެ ދަފްތަރުގައި ހިމެނޭ ވަޅެއް ނޫން ކަމަށެވެ.

ރާއްޖޭގެ މާއްދީ ތަރިކައިގެ ދަފްތަރަކީ ކައުންސިލްތަކުން ފޯރުކޮށްދޭ މައުލޫމާތަށް ބިނާކޮށް އަދާހަމަކުރަމުންދާ ދަފްތަރެކެވެ.

ރަށްރަށުގައި ހުންނަ އާސާރީ ތަންތަނާ ތަކެތި ކަނޑައަޅާނީ އެރަށުގެ ކައުންސިލުންނެވެ. އަދި އެތަންތަނާ ތަކެތި ތަރިކައެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ފޮނުވާނީ ކައުންސިލުންނެވެ.

އިސްދޫގެ ވަޅުން އާންމުކޮށް ރާއްޖޭގެ އާސާރީ ތަރިތަކުގެ ސިފަ ފެންނަން ނެތް ކަމަށް ނާއިލް ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް, އިސްދޫ ކައުންސިލްގެ ނައިބު ރައީސް ވަނީ އެ ވަޅަކީ ގަލާއި އުވައިން ހަދާފައިވާ ވަޅެއް ކަމާއި އާނުގަނޑުގެ އަޑިއަށް "ހޮހަޅަ"ތަކެއްގެ ގޮތަށް ކޮޅު ނޭނގޭ ވަރަށް ފުންކޮށް ކޮނެފައި ހުރި އާދަޔާ ހިލާފު ވަޅެއް ކަމަށް ވިދާޅުވެފަ އެވެ.

ވަޅަކީ ރަށުގެ ތަރިކައެއް ކަމަށާއި އަދިވެސް ވަޅުގެ އަސްލު ނުގެއްލޭ ގޮތަށް އެ ވަޅު ހިމާޔަތް ކުރަން ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

ހެރިޓޭޖުން ބުނީ އިސްދޫގެ ވަޅަކީ ރަސްމީ ތަރިކައެއްގެ ގޮތުގައި ބެލެވޭ އެއްޗެއް ނޫން ނަމަވެސް ވަޅުގެ ހަގީގަތް ދިރާސާކުރާނެ ކަމަށެވެ. އަދި ވަޅުގެ ވާހަކަ އަކީ ތާރީހީ ގޮތުން މުހިންމު އެއްޗެއް ނަމަ އެ ވާހަކަ ރައްކާކުރޭނެ ކަމަށެވެ.