ލ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޔޫސުފް އާމިރު "އަދަދު" ނޫހަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
އަތޮޅު އެންމެ އުތުރުގައި އޮންނަ ލާމު އިސްދޫ-ކަލައިދޫގައި އޮންނަ ހަވިއްތަ އާއި އާސާރީ މިސްކިތަކާއި ބޭސްކުޅިއެކެވެ. އެ ފަސްގަނޑާ ހަމަ ޖެހިގެން، ދެކުނަށް އޮންނަ ދަނބިދޫގައި ވެސް ލޯމާފާނަކާއި ބުދުކޯލުތަކެވެ. އިރުމަތީ ބިތުން ގަން-ފޮނަދޫއަށް ޖެހިލުމުން، ގަމު ހަވިއްތަ އާއި އިހުމާ މިސްކިތާއި ޕަރީފެންގަނޑެކެވެ. ދެކުނުން ހުޅަނގަށް އައުމުން ހިތަދޫގައި ވެސް ހަވިއްތަ އާއި މިސްކިތަކާއި ޒިޔާރަތެވެ. އެންމެ ހުޅަނގުގައި އޮންނަ މާވަށުގައި ވެސް އާސާރީ މިސްކިތަކާއި ކިލާގަނޑު ކުޅިއެކެވެ.
މިހާ ހިތްގައިމު، ގުދުރަތީ ގޮތުންނާއި ތާރީހީ ގޮތުން ވެސް މުއްސަނދި އަތޮޅަކަށް، އަދި އެންމެ ރަނގަޅަކަށް ޓުއަރިޒަމް ނުހިނގަ އެވެ. ސަރުކާރުތަކުގެ ސިޔާސަތުތަކުގައި ވެސް މާ ބޮޑު އިސްކަމެއް ދެވިފައި ނެތުމުންނެވެ.
އެކަމަކު ލާމު އަތޮޅުގެ މީހުނަކީ އެ އަތޮޅަށް ދިވެހީން ގެނައުމަށް، އެހެން ބަޔަކަށް ވުރެ މާ ގިނަ މަސައްކަތްތަކެއް ކުރާ ބަޔެކެވެ. އެ އަތޮޅަށް ގޮސްލެވޭ ކޮންމެ ފަހަރަކު އަބަދުވެސް އާ ހިޔާލުތަކާއެކު، އަތޮޅަށް މީހުން ގެނައުމުގެ މަސައްކަތް ކުރާ މަންޒަރު ފެންނަން ލިބެ އެވެ. އަތޮޅުގެ ތާރީހީ ތަރިކަތަކާއި، ރީތިކަމުގެ އިތުރަށް އަތޮޅުގައި އުޅޭ އެކި ފަންނީ މީހުންގެ ވީޑިއޯތަކާއެކު ޕްރޮމޯޓްކޮށްފައި ހުރެ އެވެ.
ދެހާސްއެކާވީސް ވަނަ އަހަރު އެކުލަވައިލި އަތޮޅު ކައުންސިލް މެންބަރުންގެ ތެރޭގައި، އަތޮޅުގެ ކޮންމެ ރަށަކުން މަންދޫބެއް ނޫނީ ކައުންސިލް ރައީސް ހިމެނި އައުމަކީ އޭގެ މަސައްކަތަށް ލިބުނު އާ ހިތްވަރެކެވެ. ވަރަށް ބޮޑު ތަސައްވުރަކާއެކު މަސައްކަތްތަކެއް ކުރަން ފެށި އެވެ.
"ލާމު އަތޮޅަކީ، ޗުއްޓީތަކުގައި އަދި އެހެނިހެން ތައުލީމާއި ތަޖުރިބާ ހުރި ދަތުރުތަކުގައި އެހެން އަތޮޅުތަކުގެ މީހުން ވަރަށް ގިނައިން އަންނަ އަތޮޅެއް, މީހުން ޒިޔާރަތްކުރަން ހިތްފަސޭހަ މާހައުލަކަށް އަންނަން ބޭނުމިއްޔާ އެ ވަރުގެ ތާރީހަކާއި ސަގާފަތަކާއި އަދާކާދައެއް އެބަ އޮތޭ، އެހެން ރަށު ކައުންސިލްތައް ގުޅިގެން ބޮޑު މަސައްކަތެއް ކުރަން މި ރޭވީ،" އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޔޫސުފު އާމިރު ވިދާޅުވި އެވެ.
ލ. އަތޮޅު ކައުންސިލް އިދާރާ އިމާރާތް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ރަށު ކައުންސިލްތަކާއި، ލ. ގަމުގައި އުފައްދާފައިވާ ހެރިޓޭޖް ސޮޝައިޓީ އޮފް މޯލްޑިވްސް ޖަމިއްޔާއާ ވެސް ގުޅިގެން އަތޮޅު ކައުންސިލުން ގެންދާ ތަސައްވުރުގެ ޝިޔާރަކަށް ހަމަޖެއްސީ "ލާމަސީލު ލާމު" އެވެ. މަސައްކަތް ކުރަނީ، ދިވެހީން ލާމު އަތޮޅަށް ކުރާ ޒިޔާރަތުގައި ފުރިހަމަ ދަތުރެއްގެ ހިދުމަތް ދިނުމެވެ.
"މި ފަސް އަހަރު ދުވަހުގެ ތަރައްގީގެ ތަސައްވުރަށް ޝިޔާރެއް ވެސް ހަމަޖައްސާފައިވާނެ. ލާމަސީލު ލާމު، މުޅި ފޯކަސް މި އޮތީ، އެކި ގައުމުތަކުގެ މީހުނަށް، އަދި ލޯކަލްސް، ދިވެހީންނަށް ވެސް މި ލާމު އަތޮޅު ޕްރޮމޯޓްކޮށް މި އަތޮޅުގައި ޓުއަރިޒަމްގެ ހިދުމަތް ދިނުން،" ޔޫސުފް އާމިރު ވިދާޅުވި އެވެ.
މި ޕްލޭންގައި ގިނަ މަސައްކަތްތަކެއް ކުރަމުން ދަނީ އެކީ އެއް ފަހަރާ ބައެއް މަސައްކަތްތައް ކުރަމުން، އަދި ކަނޑައެޅިފައިވާ ވަކި ތަރުތީބަކުން ބައެއް މަސައްކަތްތައް ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ދުރު ރާސްތާގައި ހާސިލްކުރަން ބޭނުންވާ ކަމަކީ ލާމު އަތޮޅަށް ޒިޔާރަތް ކުރާ މީހަކަށް އެ އަތޮޅުގެ އެންމެ އިހުގެ ތާރީހުން ފެށިގެން، މިއަދުގެ ދިރިއުޅުމާއި ސަގާފަތް ތަޖުރިބާކުރަން ލިބޭ ދަތުރެއްގެ ހިދުމަތް ދިނުމެވެ.
ލާމު ގަން ޕަރީ ފެންގަނޑު - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
މި މަސައްކަތުގައި، ރާވާފައިވާ އެންމެ ބޮޑު އުމްރާނީ މަސައްކަތަކީ މުޅި އަތޮޅުގެ ހުރި އާސާރުތަކާއި ތަރިކަތައް ރަމްޒުވާ "ދާރުލްއާސާރެއް" ގާއިމު ކުރުމެވެ.
"ހަމަ ރަށެއްގަ ދާރުލްއާސާރުގެ ނަމުގައި ތަނެއް ހެދުމުގައި ބަދަލުގައި، އަޅުގަނޑުމެންގެ ވިސްނުމަކީ މި އަތޮޅުގެ މި ހުރިހާ ރަށެއްގަ މި ހުރި އާސާރުތަކުގެ ރަމްޒެއް އެ ތަނުގައި ހުންނަ ގޮތަށް، އަދި އެ ހުރިހާ ތަނަކަށް ފަސޭހައިން ރީޗު ކުރެވޭނެ ގޮތަކަށް، އަދި އޭގެ ފުރިހަމަ މައުލޫމާތު ލިބޭނެ ގޮތަކަށް،" އާމިރު ތަފްސީލްކޮށްދެއްވި އެވެ.
މި ވަގުތު، ރަށު ކައުންސިލްތަކާ ގުޅިގެން ކުރަމުންދާ މަސައްކަތަކީ އެ އާސާރުތައް ހިމާޔަތް ކުރުމާއި، އާބާތުރަ ފިލުމުގެ އިތުރުން އެ ތަނަކާ ގުޅޭ މުޅި ތާރީހުގެ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރުމެވެ.
"ބަޔަކަށް އެއްޗެއް ވިއްކަން ފެށުމުގެ ކުރިން، އެއީ ކިހައި ބުރަދަނެއްހުރި ކިހައިވަރެއްގެ އެއްޗެއްކަން ދެނެގަންނަން ޖެހޭ، އެއްޗެއް ފުރިހަމަކޮށް އެއް ތަނަކުން ދައްކައިލުމުގެ ކުރިއަށް،" އޭނާ ވިދާޅުވި އެވެ.
ލ. ހިތަދޫ އިހު މިސްކިތް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ދާރުލްއާސާރުގެ މަސައްކަތް ނިމުމުގެ ކުރިން ވެސް، އަތޮޅު ޕްރޮމޯޝަނަށް ގިނަ މަސައްކަތްތަކެއް، ރަށު ކައުންސިލްތަކާ އެ ސަރަހައްދުގެ ޖަމިއްޔާތަކާ ގުޅިގެން ކުރުމަށް ރާވާފައިވެ އެވެ.
އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޔޫސުފު އާމިރު ވިދާޅުވީ ވީޑިއޯ، އޯޑިއޯ އަދި ލިޔެވިފައި އޮންނަ ޑޮކިއުމަންޓެއްގެ ގޮތުގައި އަތޮޅުގެ ތާރީހު ރެކޯޑުކޮށް ރައްކާ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
"ތުންތުންމަތިން ތާރީހު މި ކިޔައިދޭ ކަންކަން އެބަ ޖެހޭ އެއް ކަރުދާސް ކުރެވިފައި އޮންނަން،" އޭނާ ވިދާޅުވި އެވެ.
އެ ގޮތުން ތިން ބަޔަކަށް ބަހާލައިގެން ލާމު އަތޮޅުގެ ތާރީހާއި ދިރިއުޅުން ކިޔައިދޭ ވާހަކައެއް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފުރަތަމަ ބަޔެއްގެ ގޮތުގައި، މި ވަގުތު ކުރިއަށް ދަނީ ގަން-ފޮނަދޫގެ އިތުރުން މުންޑޫ އެވެ. މި ވާހަކަތައް އެހެން ބަސްތަކަށް ތަރުޖަމާ ކުރުމުގެ ވިސްނުން ވެސް އެބަ އޮތެވެ.
"މި ކިޔައިލުމުން މި ތަން ބަލައިލަން އަންނަ ހިތްވާ ކަހަލަ ގޮތަކަށް ވުން،" އޭގެ ވެސް އަމާޒަކީ އެ މީހުން ޕްރޮމޯޓް ކުރާ ލާމަސީލު ލާމު ބަލައިލަން މީހުން އައުމަށް، ލާމު އަތޮޅު ޕްރޮމޯޓް ކުރުމެވެ.
ލާމު އަތޮޅު ކައުންސިލްގެ ފްރޮންޓްޔާޑަށް ވަނުމުން 11 ރަށް ތަމްސީލްވާނެ ގޮތަށް ކުރެހުންތައް އެކުލަވައިލުމުގެ މަސައްކަތެއް ވެސް އެބަ ކުރެ އެވެ.
ލ. ކުނަހަންދޫ މޫދުގެ ރީތިކަން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
"ކުރު ދަތުރެއްގައި މި ތަނަށް އަންނަ މީހަކަށް ވެސް ފެންނާނެއޭ މި އަތޮޅުން ބަލައިލަން ހުރީ، ގޮސްލަން ހުރީ ކޮން ތަންތަން ކަން، އެހެން ފަހަރަކުން އޭނާ ލާމަށް އައިސް ބަލައިލަން ދާނީ ކޮންތާކަކަށް ނިންމަން، ނޫނީ މި ދަތުރުގައި ވެސް ގޮސްލެވެން އޮތީ ކޮންތަނަކަށް ކަން ނިންމަން،"
ލާމު އަތޮޅުގެ މުޅި ވާހަކަތައް ކަރުދާހަށާއި މަލްޓި-މީޑިއާގެ ވަސީލަތްތަކުގައި ރައްކާތެރިކޮށް، މުޅި އަތޮޅުގެ ހުރި ހުރިހާ އާސާރުތަކުގެ ރަމްޒުތައް ހިމެނޭ ދާރުލްއާސާރުގެ އިތުރުން ދެން ވެސް އަތޮޅު ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ އެއީ އެވެ.
ޓްރެވެލް-ގައިޑްއަކާއެކު، އަދި އަތޮޅުގެ ވާހަކަ ކިޔައިދިނުމެވެ. އަދި އަތޮޅުގެ ކޮންމެ ވެސް އެއް ރަށަކަށް އެ އަންނަ މީހަކަށް، އަތޮޅުގެ އެހެން ރަށްރަށަށް ވެސް ދިއުމުގެ ޝައުގު އުފެއްދުމެވެ. އަތޮޅުގެ އެކި ރަށްރަށުގައި ހުރި ކުޅިވަރާއި ހަރަކާތްތަކުގެ އިތުރުން ކެއިންބުއިމުގެ ސަގާފަތްތައް ވެސް ތަޖުރިބާކުރަން ދިނުމެވެ.
އަޅުގަނޑުމެންގެ އެބަ އޮތް ޕްލޭނެއް، ތީގަ، އަޅުގަނޑުމެންގެ އެބަ ހުރި އެކަމަޑޭޝަން، ކޮންމެ ވެސް ވަރަކަށް، ސްޓޭޓްހައުސްގަ މަސައްކަތްތަކެއް އެބަ ކުރެވޭ، އަތޮޅު ކައުންސިލްގެ ގެސްޓް ހައުސްއެއް ވެސް އެބަ ހުރޭ، އަދި ކައުންސިލްގެ ވެހިކަލްތަކާއި ވެސެލްތައް ވެސް އެބަ ހުރި،" އޭނާ ވިދާޅުވި އެވެ.
"މި ވަގުތު ގެސްޓް ހައުސް ބޭނުން ކުރަނީ އެގްރޯއިން. އެކަމަކު އަޅުގަނޑުމެންގެ ވިސްނުމެއް އެބަ އޮތް، އެކަމަޑޭޝަން، ފުޑް، އަދި ޓްރާންސްޕޯޓް އެއްކޮށް ޓްރެވެލް ޕެކޭޖުތަކެއް ތައާރަފުކުރަން،"
ޔޫސުފު އާމިރު ވިދާޅުވީ މީގެ ކުރީގައި ވެސް މާބައިދޫއާއި ހިތަދޫގެ ކުޅި އޮވެ އެވެ. އެކަމަކު މިއަދުގެ ތަފާތަކީ އެ ކުޅި ބަލައިލަން މީހުން އަތޮޅަށް އަންނަ ވަރު ގިނަވަމުންދާ ކަމެވެ. އެ ކަން އެ ގޮތަށް އެ ހިނގަނީ މަސައްކަތްތަކެއް މި ފަހުން ބަޔަކަށް ކުރެވުނީތީ އެވެ. އެކި ފިކުރުގައި ތިބި ނަމަވެސް، އަތޮޅުގެ ކޮންމެ ރަށެއްގެ ލީޑާޝިޕް އަދި އަތޮޅު ކައުންސިލް މިއަދު އެއްބަސް ކިޔައިގެން އެ ތިބީ، ލާމަސީލު ލާމެއް އުފައްދައި، އެ ލާމު އަތޮޅަށް ގިނަ ދިވެހީން އައުމުގެ ޝައުގުވެރިކަން އުފެއްދުމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment