Advertisement

ދެ ވަނަ ފިޔަވައްސަށް ބަސް ދަތުރުތައް މާދަމާ ފަށަނީ

30 ސެޕްޓެންބަރު 2021 - 16:09 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ހުޅުމާލެ-މާލެ ދެމެދު ދަތުރުކުރާ ބަހެއް ބްރިޖު މަތީގައި ދުއްވާފައިދަނީ: ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވެސް މާދަމާ ބަހުގެ ހިދުމަތް ފަށާނެ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ދެ ވަނަ ފިޔަވައްސަށް ބަސް ދަތުރުތައް މާދަމާ ފަށަނީ

30 ސެޕްޓެންބަރު 2021 - 16:09 0

މާދަމާއިން ފެށިގެން ހުޅުމާލެ ދެ ވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީ އިން މިހާރު ވަނީ އެކުންފުނިން ހުޅުމާލޭގައި ދަތުރުކުރަމުންދާ ބަސް ރޫޓަށް ބަދަލު ގެނަސްފަ އެވެ.

އެމްޓީސީސީ އިން މައުލޫމާތުދޭ ގޮތުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނަށް ދެމުންދާ ބަހުގެ ހިދުމަތް ފުޅާކޮށް އެ ހިދުމަތް ހުޅުމާލޭ ދެ ވަނަ ފިޔަވަހީ ގެ ރައްޔިތުންނަށްވެސް ދެވޭނެ ގޮތަށް މިހާރުވަނީ ބަސް ރޫޓަށް ބަދަލުގެނަސްފަ އެވެ.

އެގޮތުން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް ގުޅުވައިދޭ ބަސް ރޫޓުން ހުޅުމާލެ – ވެސްޓް ޕާކް ރޫޓް، ހުޅުމާލެ – ކާރނިވަލް ރޫޓް، ހުޅުމާލެ – ވީއައިއޭ ބަސް ރޫޓް އަދި ހުޅުމާލެ ނެއިބަރހުޑް 1 ،2 އަދި 3ގެ ބަސް ރޫޓްތަކާއި، ހުޅުމާލެ ފެރީއާއި ގުޅުވައިދޭ ބަސްހުއްޓިތަކަށް ހުއްޓާނެ އެވެ.

ދެ ވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއިން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެކު މަޝްވަރާކޮށްފަ އެވެ.

ހުޅުމާލޭ ބަހުގެ ހިދުމަތުގެ އަގަކީ 5ރ. އެވެ.

އެމްޓީސީސީ އިން ބުނީ އެކުންފުނީގެ އަމާޒަކީ ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ ބަސްތައް ގެނައުމާއި، އެއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަން އެކުންފުނިން ފާހަގަކުރެ އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ދޭން ފަށަން ނިންމާފައި މިވަނީ އެސަރަހައްދުގައި ހުރި ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވެ ދިރިއުޅެން ފަށާފައިވަނިކޮށެވެ.

އެއާއެކު، އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާތައް ކޮންމެ ދުވަހަކު ވެސް އަންނަނީ ފުނިޖެހެމުންނެވެ.

އެގޮތުން ކުނި ނެގުމުގެ މައްސަލަ އާއި ވިއްސާރައިގައި ފްލެޓްތަކުގެ ތެރެއަށް ފެން ވަނުމުގެ މައްސަލަ އާއި އެ ސަރަހައްދުގައި މިސްކިތް، ފިހާރަ އަދި އެ ނޫން ވެސް ޒަރޫރީ ހިދުމަތްދޭ ތަންތަން ނެތުމުގެ ޝަކުވާތައް އޭގެ ތެރޭގައި ހިމެނެ އެވެ.

ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފަށަން ތައްޔާރުވެފައިމިވަނީ، ހިޔާ ފްލެޓަށް އަންހެނަކު އޭނާގެ ކޮނޑުގައި ކުޑަކުއްޖަކު ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި އާންމުވެ، އެކަމުގެ ފާޑުކިޔުން ބަންޑުންވެފައިވާ ދަނޑިވަޅެއްގަ އެވެ.