Advertisement

ދައްޕަރު އަނބުރާ ދޭން ގޮވާލާ ޕެޓިޝަން މަޖިލިހަށް ހުށަހަޅައިފި

21 ސެޕްޓެންބަރު 2021 - 15:34 0

އަމަން ހަލީމް

އަމަން ހަލީމް

"ސޭވް ދައްޕަރު" ޕެޓިޝަން ހުށަހެޅި މީހުން މަޖިލިސް އިދާރާ ބޭރުގައި: ޕެޓިޝަން މަޖިލިހަށް ހުށަހެޅީ ފިއްލަދޫ 467 ރައްޔިތުންގެ ސޮޔާ އެކު. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


ދައްޕަރު އަނބުރާ ދޭން ގޮވާލާ ޕެޓިޝަން މަޖިލިހަށް ހުށަހަޅައިފި

21 ސެޕްޓެންބަރު 2021 - 15:34 0

ހއ. ފިއްލަދޫއާ އެއް ބިމެއްގައި އޮންނަ ދައްޕަރު އެ ރަށުގެ އިހުތިސޯސުގެ ތެރެއިން ބޭރުކުރި މައްސަލައިގައި، އެ ރަށް އަލުން ފިއްލަދޫގެ އިހުތިސޯސުގެ ތެރެއަށް ރުޖޫއަކޮށްދޭން ގޮވާލާ ސޮއިކޮށްފައިވާ ޕެޓިޝަން މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.

ދައްޕަރު މައްސަލަ އުފަންވީ ހުސްވި އޮގަސްޓު މަހުގެ ތެރޭގައި ފިއްލަދޫގެ އިހުތިސޯސުގެ ތެރެއިން ދައްޕަރު ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ނިންމުމުންނެވެ. އެ ހިސާބުން ފެށިގެން ފިއްލަދޫ ކައުންސިލާއި ރައްޔިތުން އަންނަނީ މިކަމުގައި ކަންބޮޑުވުން ފާޅުކޮށް، އެ ނިންމުން ބަދަލުކުރަން ސަރުކާރަށް ގޮވާލަމުންނެވެ. އަދި "ސޭވް ދައްޕަރު"ގެ ނަމުގައި ކެމްޕެއިނެއް ވަނީ ފަށާފަ އެވެ.

މި ޕެޓިޝަނަކީ ވެސް އެ މަގުސަދުގައި، ފިއްލަދޫ ރައްޔިތުން ތައްޔާރުކުރަން ފެށި ޕެޓިޝަނެކެވެ. އަދި މަޖިލިހުގެ ރިޔާސަތަށް މި ޕެޓިޝަން ހުށައެޅީ އެ ރަށުގެ ގާތްގަނޑަކަށް 700 މީހުންގެ އާބާދީގެ ތެރެއިން، 467 މީހުންގެ ސޮޔާ އެކުގަ އެވެ.

އެއަށް ވުރެ ގިނަ ރައްޔިތުންގެ ތާއީދު މިކަމަށް އޮތް ނަމަވެސް، މަޖިލިހަށް ހުށަހެޅި ޕެޓިޝަނުގައި ހިމެނެނީ ހަމައެކަނި ފިއްލަދޫ އާއި މާލޭގައި ދިރިއުޅޭ ފިއްލަދޫ ރައްޔިތުންގެ ސޮޔެވެ. ބާކީ ރައްޔިތުންގެ ސޮއި ކަރުދާހުގައި ނެތީ އެކި ރިސޯޓުތަކާއި ރާއްޖެއިން ބޭރުގައި އެ މީހުން ދިރިއުޅޭތީ، މިވަގުތަށް ފިޒިކަލް ސޮއި ލިބެން ނެތުމުން ކަމަށް އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުންޏެވެ.

"ސޭވް ދައްޕަރު" ކެމްޕެއިނުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ޕެޓިޝަން ހުށަހެޅުމަށްފަހު މީޑިއާއާ ވާހަކަ ދައްކާލަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


ޕެޓިޝަން ހުށަހެޅުމަށް ފަހު މަޖިލިސް އިދާރާ ދޮށުގައި ހުރެގެން މިކަމުގައި އިސްކޮށް އުޅޭ މުހައްމަދު ވަހީދު ވިދާޅުވީ މިއީ އަމިއްލަ ފަސްގަނޑުގެ ދިފާއުގައި އެ ރަށު ރައްޔިތުން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގައި ކުރިޔަށް ދާނެ ގޮތެއް އެނގޭނީ ޕެޓިޝަނަށް ވާގޮތެއް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދު އިތުރަށް ވިދާޅުވީ، މިއީ އެއްވެސް ގޮތަކަށް ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި ސީދާ މަޖިލިހުގެ ރިޔާސަތަށް މައްސަލަ ހުށަހެޅީ ވެސް ސިޔާސީ ކުލަ ނުޖައްސަން ވެގެން ކަމަށެވެ. އަދި އުއްމީދުކުރަނީ މަޖިލިސް މެމްބަރުން ވެސް ސިޔާސީ ފިކުރު އެއްކިބާކޮށް ރައްޔިތުންގެ ޝުއޫރާ އެއްގޮތަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ކުލައެއް ނުޖައްސަން މަޖިލިހުގެ ރިޔާސަތަށް ހުށަހެޅީ. އާންމުކޮށް މިފަދަ ޕެޓިޝަން ހުށަހަޅަނީ ކޮންމެވެސް ޕާޓީއެއްގެ މެމްބަރެއް މެދުވެރިވެގެން. އެކަމަކު މިއީ ސިޔާސީ މަސައްކަތެއް ނޫން. މިއީ ގައުމީ މަސައްކަތެއް" ވަހީދު ވިދާޅުވި އެވެ.

މި މަސައްކަތުގައި ފިއްލަދޫ ރައްޔިތުންނާއެކު ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ބޭރުކޮށް ސަރުކާރުން ގެޒެޓު ކުރި ގަރާރުގައި ދެ ރަށް ބައިކޮށްފައިވާ ގޮތް. --


ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސޯސުގެ ތެރޭގައި ހިމަނަން ކުރާ މަސައްކަތުގެ ތެރެއިން މިހާރު ރަސްމީ ގިނަ އިދާރާތަކަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އަތޮޅު ކައުންސިލަށް ހުށަހެޅި ގަރާރާއި، އެލްޖީއޭ އަދި އެހެނިހެން އިދާރާތަކަށް ފޮނުވި ލިޔުންތައް ހިމެނެ އެވެ.

އަދި މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ރައީސް އޮފީހަށް ވެސް ޕެޓިޝަން ހުށަހަޅާނެ ކަމަށް މި މަސައްކަތުގައި އުޅޭ މީހުން މައުލޫމާތު ދިނެވެ.

ފިއްލަދޫ ކައުންސިލުން ބުނާ ގޮތުން، މި މައްސަލައިގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންނާ މަޝްވަރާ ނުކުރުމެވެ. އެގޮތުން ދައްޕަރު ވަކިކުރި ގަރާރު ގެޒެޓު ކުރުމުގެ ކުރިން، މިކަމުގެ އެއްވެސް މައުލޫމާތެއް ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.

އަދި ދައްޕަރު ވަކިކުރިއިރު، ފިއްލަދޫ ކައުންސިލުން ދިޔައީ ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން ދައްޕަރުން ނަފާ ލިބޭނެ ގޮތްތައް ހޯދަމުންނެވެ.

ސަރުކާރުން މިހާތަނަށް މިކަމާއި ގުޅިގެން ބުނީ، ފިއްލަދޫ ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ރައްޔިތުންގެ ޝުއޫރާ ކަންބޮޑުވުން ބަލައިގަނެ، އެކަށީގެންވާ ވަރުގެ ހައްލެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

ނަމަވެސް އަދި އެއްވެސް މަޝްވަރާއެއް ކޮޅެއްގައި ނުޖެހި، މައްސަލަ އޮތީ އޮތް ހިސާބުގަ އެވެ.