Advertisement

ކައުންސިލްތަކުގެ ޕްލޭނެއް ނުނިމުނު، ގާނޫނު އިސްލާހުކުރަން މަޝްވަރާކުރަނީ

7 އޮގަސްޓު 2021 - 15:14 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ ކޮމިޓީއެއްގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ކައުންސިލްތަކުގެ ޕްލޭނެއް ނުނިމުނު، ގާނޫނު އިސްލާހުކުރަން މަޝްވަރާކުރަނީ

7 އޮގަސްޓު 2021 - 15:14 0

ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ރަށު ލެވެލްގައި ތަރައްގީގެ ޕްލޭނެއްގެ އިތުރުން ލޭންޑް ޔޫސް ޕްލޭނެއް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭއިރު، ކޮވިޑުގެ ސަބަބުން އެކަމަށް ހުރަސްތަކެއް ހުރުމުން އެ މުއްދަތު އިތުރުކޮށް ދިނުމާމެދު ރައްޔިތުންގެ މަޖިލީހުން މަޝްވަރާކުރަން ނިންމައިފި އެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި ގާނޫނުގެ ދަށުން ކައުންސިލުތަކުން އެކުލަވާލަންޖެހޭ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނު އެކުލަވާލުމުގައި ކޮވިޑުގެ ސަބަބުން ދިމާވެފައިވާ ދަތިތަކުގެ ޝަކުވާތައް ކައުންސިލުތަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، އަތޮޅު ކައުންސިލުތަކުން އިސްވެ ބުނަމުންދަނީ އެ ޕްލޭންތައް އެކުލަވާލުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭކަމަށް ބުނެފައިވާއިރު، ކޮވިޑުގެ ސަބަބުން އެ ބައްދަލުވުންތައް ބާއްވަން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ބޮޑެތި ބާރުތަކާއެކު ލާމަރުކަޒީ ގާނޫނު އިސްލާހުކުރި ފަހުން އިންތިހާބުވި ކައުންސިލަރުން މަގާމާ ހަވާލުވީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހެވެ.

އެހެންކަމުން، ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު މިމަހުގެ 17 ވަނަ ދުވަހަށް ހަމަވާނެ އެވެ.

އަލީ ނިޔާޒް ވިދާޅުވި ގޮތުގައި، ކައުންސިލުތަކުން އެލްޖީއޭގައި އެދިފައިވަނީ އެ މުއްދަތު ފަސްކޮށް ދިނުމަށެވެ.

ނަމަވެސް، އެ މުއްދަތު ފަސްކޮށްދެވޭނީ ގާނޫނު އިސްލާހުކޮށްގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

އެއާއެކު، މަޖިލިސް މިވަގުތު ޗުއްޓީގައި އޮތް ނަމަވެސް، އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މި ފެށޭ ހަފްތާގެ ތެރޭގައި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލިސް މި ފެށެނީ މި މަހުގެ 16 ވަނަ ދުވަހު. އަދި ޖެހިގެން އަންނަ ދުވަހު ޕްލޭންތައް އެކުލަވާލަން ދީފައިވާ މުއްދަތު އެބަ ހަމަވޭ. އެހެންވީމާ އަޅުގަނޑުމެން މި މަސައްކަތްކުރަނީ ލާމަރުކަޒީ ކޮމިޓީގައި މަޝްވަރާކޮށްގެން، މަޖިލިސް ހުޅުވޭ ދުވަހު އެކަމާ ގުޅޭގޮތުން ގޮތެއް ނިންމޭ ވަރަށް ކޮމިޓީގެ ހުށަހެޅުމަށް ތަޅުމާ ހަމައަށް ފޮނުވުން،" އަލީ ނިޔާޒް ވިދާޅުވި އެވެ.

އެގޮތުން، ކޮމިޓީގެ މައިގަނޑު ވިސްނުމަކަށްވާނީ އެ މުއްދަތު ފަސްކޮށް ދިނުމަށް ގާނޫނު އިސްލާހުކުރުން ކަމަށާއި، ނަމަވެސް، އެކަމާ މެދު ސީދާ އެއްޗެއް ވިދާޅުވެވޭނީ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު ކަމަށް ވިދާޅުވި އެވެ.

މައި ސަރުކާރުގެ އަތް ދަށުކޮށްފައި އޮތް ބާރުތަކުގެ ލަގަނު ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލީ މި ސަރުކާރުގެ ރިޔާސީ ވައުދާ އެއްގޮތަށް، ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދީފަ އެވެ.

މިގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓުގައި މައި ސަރުކާރުން ދެން އަތެއް ނުލާނެ އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ.

މީގެ އިތުރުން، ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ވެސް ކައުންސިލްތަކަށް ހިންގޭ ގޮތް މިހާރު ވަނީ ހަދައިދީފަ އެވެ.