ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު. -ފޮޓޯ: މަޖިލިސް
ފިޝަރީޒް މިނިސްޓަރުގެ މަގާމުން ޒަހާ ވަކިކުރަން ނިންމާފައި ވަނިކޮށް، އޭނާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޒަހާ މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރެއްވިކަން ލިއުމުން އޭނާ އަށް ނާންގައި، އެ މަގާމަށް އެންވަޔަރަމެންޓް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު މިއަދު ވަނީ އައްޔަން ކުރައްވައިފަ އެވެ.
ޒަހާ "އަދަދު"އަށް ވިދާޅުވީ އޭނާގެ އިސްތިއުފާ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އިސްތިއުފާ ގަބޫލުކުރެއްވި ކަމެއް އަދި ނާންގަވާ ކަމަށް ވިދާޅުވި އެވެ.
އެކަމަކު ރައީސްގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި ޒަހާގެ އިސްތިއުފާ ރައީސް ވަނީ ގަބޫލުކުރައްވައިފަ އެވެ. އަދި ވަޒީރު ކަމުގައި އޭނާ ކޮށްދެއްވި ހިދުމަތްތަކަށް ރައީސް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
ޑރ. ހުސެއިން ފިޝަރީޒަށް މި އައްޔަން ކުރެއްވީ ޒަހާ މަގާމުން ވަކިކޮށް، ރައީސް އޮފީހުގެ މިނިސްޓަރުކަން ދޭން ނިންމެވި ކަން އަންގާފައި ވަނިކޮށެވެ. ރައީސް އޮފީހުން ޒަހާއަށް އެކަން އެންގީ އިއްޔެ ރޭ ދަންވަރު ކަމަށް އިތުބާރު ހުރި ފަރާތްތަކަކުން ކަށަވަރުކޮށްދެ އެވެ.
އެކަމަކު ޒަހާ މިކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަވަ އެވެ.
ޒަހާ ވަކިކުރަން ރައީސް ނިންމެވިކަން މީޑިއާތަކުން ރިޕޯޓްކުރިއިރު ވެސް ރައީސް އޮފީހުން ޒަހާ އަށް އެކަމެއް ނާންގަ އެވެ.
އޭނާ "އަދަދު" އަށް ވިދާޅުވެފައިވާ ގޮތުގައި މަގާމުން ދުރުކުރަން އުޅޭ ކަމުގެ އެއްވެސް ސިގުނަލެއް ލިބިވަޑައިގެންފައެއް ނުވެ އެވެ. އަދި އޭނާގެ މަސައްކަތާ ދޭތެރޭގައި ރައީސް ސޯލިހު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ނުވަތަ ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ޒަހާ ވިދާޅުވެފައިވެ އެވެ.
ޒަހާ ވަކިކުރަން ނިންމެވިކަން އޭނާއަށް ނޭންގި ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަންގެ ބައެއް ލީޑަރުންނަށް ރައީސްގެ ފަރާތްޕުޅުން ފޮނުއްވި ސިޓީގައި، ބައެއް ވުޒާރާތަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމުގެ ޝަކުވާ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވެ އެވެ. މަސްވެރިންގެ ޝަކުވާތައް ބޮޑުއިރު، މައްސަލަތައް ހައްލު ނުކުރެވުމުގައި ޒަހާގެ އިހުމާލު ދައްކައި އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނެވެ.
މި ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަންނަވާ ކޮންމެ ފަހަރަކު ޒަހާ ވިދާޅުވަމުން ގެންދަވަނީ ހަވާލުކުރައްވާފައިވާ މަސައްކަތްތައް ބަރާބަރަށް ތަންފީޒުކުރައްވަމުން އަންނަ ކަމަށެވެ. މައްސަލަތަކުގައި ހައްލު ހޯދައި އެ ދާއިރާ އިން އެދެވޭ ނަތީޖާތަކެއް ވެސް ނެރެވިފައިވާ ކަމަށް އޭނާ ވިދާޅުވެ އެވެ.
Comment