Advertisement

ޒަހާއަށް ރައީސް ހުށަހެޅުއްވީ ރައީސް އޮފީހުގެ މިނިސްޓަރުކަން: މަބްރޫކް

5 މޭ 2021 - 13:17 2

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ފިޝަރީޒް މިނިސްޓްރީގެ ރަސްމިއްޔާތެއްގައި ރައީސްއާ އެކު ޒަހާ: ރައީސް އޮފީހުގެ މިނިސްޓަރުކަން ހުށަހެޅުއްވި ނަމަވެސް ޒަހާ އަދި ގަބޫލުކުރެއްވިކަން ނާންގަވާ. -- ފޮޓޯ / ރައީސް އޮފީސް


ޒަހާއަށް ރައީސް ހުށަހެޅުއްވީ ރައީސް އޮފީހުގެ މިނިސްޓަރުކަން: މަބްރޫކް

5 މޭ 2021 - 13:17 2

ފިޝަރީޒް މިނިސްޓަރުގެ މަގާމުން ޒަހާ ވަހީދު ބަދަލުކުރައްވަން ރައީސް ނިންމެވީ އެ އޮފީހުގެ މިނިސްޓަރުގެ މަގާމަށް ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

މަބްރޫކް "އަދަދު"އަށް ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރުކަން ޒަހާ އަށް ރައީސް ހުށަހެޅުއްވި ނަމަވެސް ގަބޫލުކުރެއްވިކަން އަދި އަންގަވާފައި ނުވާ ކަމަށެވެ. އިސްތިއުފާއާ ގުޅޭ ގޮތުން ޒަހާ "އަދަދު"އާ މިއަދު ވާހަކަ ދެއްކެވިއިރު ވެސް ރައީސް އޮފީހުގެ މިނިސްޓަރުކަން ގަބޫލުކުރެއްވުމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވި އެވެ.

ޒަހާ މިއަދު ވަނީ ފިޝަރީޒް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައި ރައީސަށް ސިޓީ ފޮނުއްވައިފަ އެވެ. ފިޝަރީޒްގައި ހުންނަވައި ޒަހާ ކޮށްދެއްވި ހިދުމަތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ކެބިނެޓަށް ރައީސް ބޮޑެތި ބަދަލުތަކެއް މި ގެންނެވީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް އަވަސް މިނެއްގައި ފުއްދައި ރައްޔިތުން ބަލައިގަންނަ މިންވަރަށް ނަތީޖާ ނެރެދޭން ފައްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ފިޝަރީޒް މިނިސްޓަރު ކަމަށް ޒަހާ އައްޔަންކުރެއްވީ ވެރިކަންކުރާ ކޯލިޝަންގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގަ އެވެ. ފިޝަރީޒުން ޒަހާ ރައީސް އޮފީހަށް ބަދަލުކުރަން ނިންމެވުމުގެ ކުރިން މައުމޫނަށް ރައީސްގެ ފަރާތްޕުޅުން ސިޓީއެއް ފޮނުއްވި އެވެ.

ކެބިނެޓުގައި އެކި ޕާޓީތައް ތަމްސީލްކުރައްވާ ވަޒީރުން ވެސް ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށާއި އެ ބަދަލު ގެންނަވާ ސަބަބަކީ، ރައީސް ލީޑަރުންނަށް ފޮނުއްވި ސިޓީގައި ވެސް ވިދާޅުވެފައިވާ ގޮތުގައި، ބައެއް ވުޒާރާތަކުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރުމެވެ.

އެކި ވުޒާރާތައް ހިންގުމުގައި، ސިޔާސީ މަގާމްތަކަށް ކޯލިޝަން ޕާޓީތަކުން ވަޑައިގެންނެވި ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ މައްސަލަ ވެސް ރައީސް ވަނީ ލީޑަރުންގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. މިކަމުގެ ސަބަބުން ސިޔާސަތުތަކާއި މަސައްކަތްތައް ތަންފީޒުކުރަން ހުރަސްތައް މެދުވެރިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރައީސްގެ ތަރުޖަމާން މަބްރޫކް ވިދާޅުވި ގޮތުގައި ކެބިނެޓަށް ބަދަލު ގެންނެވުމުގެ ކުރިން ރައީސް ވަނީ ކޯލިޝަން ލީޑަރުންނާ އެކު އެ މަޝްވަރާތައް ކުރައްވައިފަ އެވެ. އެކަމަކު މިކަމާ ގުޅޭ ގޮތުން އެއްވެސް ޕާޓީއަކުން މިހާތަނަށް ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.