21 އޮގަސްޓު 2024 - 16:39 0
ސާއިފް ޝިޔާދު
21 އޮގަސްޓު 2024 - 16:39 0
ރާއްޖޭގެ ކަނޑުތަކުގައި ލޭނުގެ މަސްވެރިކަން ކުރުމަށް ދޫކުރަމުންދިޔަ ހުއްދަތައް ދިނުން ޖުލައި 2019, ގައި އޭރުގެ ސަރުކާރުން ހުއްޓާލީ ސިޔާސީ ނިންމުމެއްގެ ދަށުން ކަމަށް މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ތައްޔާރުވެ ގަވާއިދެއް ވެސް ވަނީ އެކުލަވާލާފަ އެވެ. އެ ގަވާއިދަށް އާންމުންގެ ހިޔާލު ހޯދާފައިވާއިރު އަދި މިހާތަނަށް ގެޒެޓު ކޮށްފައި ނުވެ އެވެ.
މިއަދު ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" ނޫހުގެ ފަރާތުން ސުވާލުކުރީ އޭރު ހުއްދަ ދޫކުރުން ހުއްޓާލީ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ކޮމިޝަން އޮން މެރިޓައިމް އެފެއާސް އެންޑް ފިޝަރީޒްއިން ވެސް ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ މަސް ޔޫރަޕަށް އެކްސްޕޯޓް ކުރުން މަނާކުރާނެ ކަމަށް އޭރުގެ ސަރުކާރުން ބުނެފައިވާއިރު އަލުން ލޭނު އަޅަން ހުއްދަ ދޭން ނިންމި ސަބަބު ހޯދުމަށެވެ.
"އޭރު ހުއްޓާލެއްވީ އީޔޫގެ ވަކި ކަހަލަ ވޯނިންތަކެއް ހުރެގެން ކަމަށް, އަޅުގަނޑަށް ދަންނަވަން ކެރޭ ލޭނު މަސްވެރިކަން އޭރު ހުއްޓާލީ ސިޔާސީ ޑިޒިޝަނެއް އެއީ. އެއްވެސް ހާލެއްގައި ލޭނު މަސްވެރިކަން ހުއްޓާލުމަށް ރާއްޖެއަށް ނާންގާ," ޝިޔާމް ވިދާޅުވި އެވެ.
މަސްވެރިކަން ކުރުމުގައި ވެސް މިންގަނޑުތަކެއް ހުންނަ ކަމަށާއި ރާއްޖޭގެ މަސްވެރިކަން ވަރަށް ރަނގަޅަށް މެނޭޖު ކުރެވޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ދުނިޔޭގެ ގައުމުތަކުން ވެސް ރާއްޖެ މިސާލެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭރު ރާއްޖޭގެ ލޭނު މަސްވެރިކަމުގައި ބަދަލުކުރަން ޖެހޭ ކަންތައްތަކެއް, އިމްޕްރޫވް ކުރަން ޖެހޭ ކަންތައްތަކެއް އޭގައި ހުރީ. އެއްވެސް ހާލެއްގައި ލޭނު މަސްވެރިކަން ހުއްޓާލަން އީޔޫއަކުން އޭރަކު އަންގާފައި އޮވެގެންނެއް ނޫން އެކަން ހުއްޓާލީ, އެއީ ސީދާ ސިޔާސީ ގޮތުން ނެގި ޑިޒިޝަނެއް," ޝިޔާމް ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުން ލޭނު މަސްވެރިކަމަށް ހުއްދަ ދޫކުރުން ހުއްޓާލި ސަބަބާ ގުޅޭގޮތުން ޖުލައި 15, 2019 ގައި ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވާހަކަ ދެއްކެވި އެވެ. އޭނާ އެ އަހަރުގެ އެޕްރީލް މަހު އީޔޫގެ ފިޝަރީޒް ކޮމިޝަނުން ސަރުކާރާ ހިއްސާކުރި ބައެއް ކަންބޮޑުވުންތައް މަޖިލީހުގައި ވިދާޅުވެފަ އެވެ.
ލޭނު މަސްވެރިކަމަށް ނުކުންނަ އުޅަނދުތަކުން އަސްލު މަންފާ ލިބެނީ ބިދޭސީންނަށް ކަމަށާއި އެފަދަ އުޅަނދުފަހަރު ރަނގަޅަށް މޮނީޓަރުކޮށް ކޮންޓްރޯލް ނުކުރެވޭކަން އެ ކޮމިޝަނުން އޭރު ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް ޒަހާ ވިދާޅުވެފައިވެ އެވެ.
"އެކަށީގެންވާ ގޮތުގައި ނުބެލެހެއްޓޭނަމަ, އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ދޮށީގެ އަދި އަތުނަނުގެ މަސްވެރިކަމުގެ ތަސައްވަރު ޔޫރަޕުގެ މާކެޓުތަކުގައި ބަދަލުވެ, ދިވެހިރާއްޖޭގެ މަސް ޔޫރަޕަށް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދީފައިވޭ. އަދި ލޭނު މަސްވެރިކަމުގައި ހިންގާ ގާނޫނާ ގަވާއިދުތަކާ ހިލާފު ހަރަކާތްތަކުގެ ސަބަބުން އެއްވެސް މަސްވެރިކަމެއް އިސްތިސްނާ ކުރުމެއް ނެތި, ދިވެހިރާއްޖޭގެ މަހާއި މަހުގެ ބާވަތްތައް ވަގުތުން ވަގުތަށް ޔޫރަޕަށް އެތެރެކުރުން ހުއްޓައިލާ މިންވަރަށް ލޭނު މަސްވެރިކަމުގެ މަސްލަހަތު ހުރިކަން އެ ފަރާތްތަކުން ފާހަގަކުރައްވާ," ޒަހާ އެ ދުވަހު ވިދާޅުވި އެވެ.
ލޭނު މަސްވެރިކަމަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން އެކި ސަރުކާރުތަކުން ތަމްރީނު ޕްރޮގްރާމްތަކެއް ވެސް ކުރިއަށްގެންދިޔަ ނަމަވެސް އެކަމުގައި ހަރަކާތްތެރިވީ ވަރަށް މަދު ދިވެހިންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޮޑުކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލަން ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާޗު 2010, ގަ އެވެ. އެ ހުއްދަ ދޭން އެކަމަކު ފެށީ 2012 ގަ އެވެ.
ލޭނު އަޅައިގެން ރާއްޖޭގެ އީއީޒެޑުން 100 މޭލާއި 200 މޭލާ ދެމެދު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދަށް އަމަލުކުރަން ފެށީ ނޮވެމްބަރު 2014, ގަ އެވެ. އެ ގަވާއިދުގެ ދަށުން ލައިސެންސް ދިވެހި ކުންފުނިތަކަށެވެ.
ނަމަވެސް, އެފަދަ އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ 90 ޕަސެންޓަކީ ބިދޭސީ ފަޅުވެރިންނަށް ވުމުގެ ފުރުސަތު ގަވާއިދުން އޮތީ ފަހިކޮށްދީފަ އެވެ. އެހެންވެ, ގިނަ ދޯނިފަހަރުގައި ހަރަކާތްތެރިވީ އެންމެ ދިވެއްސެކެވެ. އޭގެ ސަބަބުން ގަވާއިދާއި ގާނޫނުތަކާ ހިލާފު އެތައް ކަމެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގި ކަމަށް އެކި ބައްދަލުވުންތަކުގައި މަސްވެރިކަމުގެ ދާއިރާ ބަލަހައްޓަވަން ތިއްބެވި ބޭފުޅުން ވިދާޅުވެފައިވެ އެވެ.
Comment