މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު މިޔަންމާގެ އަސްކަރިއްޔާއިން ވެރިކަމުގެ ބާރުތައް އަތުލުމާއެކު އެ ގައުމުގެ ރައްޔިތުން ދަނީ މެދުކެނޑުމެއް ނެތި މުޒާހަރާ ކުރަމުންނެވެ.
އިންތިހާބީ ލީޑަރު އަންގް ސަން ސޫ ކީ އާއި އެކަމަނާގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީގެ ވެރިން މި ވަގުތު ތިބީ ހައްޔަރުކޮށްފަ އެވެ.
ގައުމު ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓިފައި ވާއިރު، ކުޑަކުދިން ހިމެނޭ ގޮތަށް، އެތައް ސަތޭކަ މީހުން ވަނީ މަރުވެފަ އެވެ.

މިޔަންމާ އޮންނަނީ ކޮންތާކު؟
ބަރުމާގެ ނަމުން ވެސް މަޝްހޫރު މިޔަންމާއަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމެކެވެ. އެ ގައުމުގެ އަވައްޓެރިންނަކީ ތައިލޭންޑު، ލާއޯސް، ބަންގްލަދޭޝް، ޗައިނާ އަދި އިންޑިއާ އެވެ.
މިޔަންމާގެ އާބާދީގައި ގާތްގަނޑަކަށް 54 މިލިއަން މީހުން ހިމެނޭއިރު، އޭގެ ތެރެއިން ގިނަ މީހުން ވާހަކަދައްކަނީ ބަރުމާ ބަހުންނެވެ. ނަމަވެސް އިތުރު ބަސްތަކުން ވާހަކަދައްކާ މަދު ބަޔަކު އުޅެ އެވެ. މިޔަންމާގެ އެންމެ ބޮޑު ސިޓީއަކީ ޔަންގޯން އެވެ. ނަމަވެސް ވެރިރަށަކީ ނޭ ޕީ ޓޯ އެވެ.
މިޔަންމާގެ އެންމެ ގިނަ މީހުންނަކީ ބުދިސްޓުންނެވެ. ތަފާތު ދަރިކޮޅުތަކާއި ދީންތަކަށް ނިސްބަތްވާ މަދު ބަޔަކު އުޅޭއިރު، އެންމެ ފާހަގަކުރެވެނީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނެވެ.
އިނގިރޭސީންގެ އަތުން މިޔަންމާ މިނިވަންވީ 1948 ގައެވެ. ތާރީހީ ގޮތުން މިޔަންމާގެ ވެރިކަމުގައި އަބަދުވެސް އޮންނަނީ އަސްކަރިއްޔާ އެވެ. 1962 އިން 2011 އާ ހަމައަށް އަސްކަރިއްޔާއިން ވެރިކަން ކުރުމަށް ފަހު، ޑިމޮކްރަސީއަށް ފުރުސަތު ދިނެވެ.
މިޔަންމާ ނުތަނަވަސްކަމަށް ވެއްޓުނީ ކީއްވެ؟
އަސްކަރިއްޔާއިން އަނެއްކާވެސް ވެރިކަމުގެ ބާރުތައް ހޯދުމަށް ފަހު ވަނީ އެއް އަހަރު ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. ފެބްރުއަރީ 1 ގައި އަސްކަރީ ބަގާވަތް ހިންގިއިރު، އޭގެ ދުވަސްކޮޅެއް ކުރިން ސޫ ކީގެ އެންއެލްޑީ ޕާޓީން ވަނީ އާއްމު އިންތިހާބުން ބޮޑު ކާމިޔާބެއް ހޯދާފަ އެވެ.

އިންތިހާބަށް ފަހު އަސްކަރިއްޔާއިން ތާއީދު ކުރީ އިދިކޮޅު ޕާޓީ އަށެވެ. އެ ޕާޓީން ޑިމާންޑު ކުރަމުން ދިޔައީ އަލުން އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް މަކަރު ހެދި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.
އަސްކަރިއްޔާއިން ބަގާވާތް ހިންގިއިރު، ގާނޫނު ހަދާ މަޖިލީހުގެ އާ ދައުރުގެ ބައްދަލުވުންތައް ފަށަން އޮތީ ތައްޔާރުވެފަ އެވެ.
ބަގާވާތަށް ފަހު ސޫ ކީ ހައްޔަރުކޮށްފައި ހުންނެވި ތަނެއް ވެސް އަސްކަރިއްޔާއިން ނުބުނެ އެވެ. އެކަމަނާއާ ދެކޮޅަށް ގިނަ ދައުވާތަކެއް އުފުލާފައި ވާއިރު، ދައުލަތުގެ ސިއްރުތަކާ ބެހޭ ގާނޫނާ ހިލާފުވުމާއި، ގަވާއިދާ ހިލާފަށް ވޯކީޓޯކީ ގެންގުޅުއްވުމާއި ބިރުވެރިކަން އުފެދޭނެ ފަދަ މައުލޫމާތު ޝާއިއު ކުރެއްވުން ހިމެނެ އެވެ.
ހައްޔަރު ކުރުމުގެ ކުރިން ފިއްލެވި އެންއެލްޑީގެ ސިޔާސީ ވެރިން ދަނީ ހުއްޓުމެއް ނެތި ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ. އަދި މުޒާހަރާ ކުރަމުން ދާއިރު، އަމިއްލަ ސަލާމަތަށް ބެލުމަށް އެމީހުން އެދިފައި ވެއެވެ.
މިހާރު ވެރިކަން ކުރަނީ ކާކު؟
މިހާރު މިޔަންމާގެ އެންމެ އިސްވެރިއަކީ އަސްކަރީ ކޮމާންޑާ އިން ޗީފް މިން އޯންގް ލެއިންގް އެވެ.
އޭނާއަކީ އަސްކަރީ ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމުގައި ކުޅަދާނަ ބޭފުޅެކެވެ. އަސްކަރިއްޔާގެ ތެރޭގައި ވެސް ބާރުގަދަ ލެއިންގް ވަނީ މިޔަންމާ ޑިމޮކްރަސީއަށް ކުރި ދަތުރުގައި ވެސް ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވާފަ އެވެ.

އަސްކަރީ ބަގާވާތާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައިން އޭނާއަށް ފާޑުކިޔާފައި ވާއިރު، ދަތި ކުރުމުގެ ފިޔަވަޅުތައް ވެސް ވަނީ އަޅާފަ އެވެ.
ބަގާވާތަށް ފަހު ލެއިންގް ވިދާޅުވީ އަސްކަރިއްޔާއިން މަސައްކަތް ކުރާނީ "ހަގީގީ، ޒިންމާދާރު ޑިމޮކްރަސީ" ގެނައުމަށް ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން "މިނިވަން، ހަމަހަމަ އިންތިހާބެއް" ބާއްވާން ކަމަށް ވިދާޅުވި އެވެ.
އާއްމުން އަމަލު ކުރީ ކިހިނެއް؟
މިހާރު މިޔަންމާގައި ކުރަމުންދާ މުޒާހަރާތަކަކީ 2007 ވަނަ އަހަރަށް ފަހު ބާއްވަމުންދާ އެންމެ ބޮޑު މުޒާހަރާތަކެވެ. މުޒާހަރާ ކުރަމުންދާ މީހުންގެ ތެރޭގައި ޓީޗަރުންނާއި ގާނޫނީ ވަކީލުންނާއި ދަރިވަރުންނާއި ބޭންކު މުވައްޒަފުންނާއި ސަރުކާރުގެ މުވައްޒަފުން ވެސް ހިމެނެ އެވެ.
އެއްވުންތަކާ ދެކޮޅަށް އަސްކަރިއްޔާއިން ވަނީ ކާފިއު ހިންގާ، އެއްވެވޭނެ އެންމެ ގިނަ އަދަދުގެ މީހުން ކަނޑައަޅާފަ އެވެ. ސަލާމަތީ ބާރުތަކުން އެމީހުންނާ ދެކޮޅަށް ރަބަރު ބުލެޓު އަދި ލައިވް ބުލެޓް ބޭނުންކުރަމުން ދެއެވެ.
ބަގާވާތަށް ފަހު އެންމެ ލޭއޮހޮރުވުން ބޮޑުވި މާޗް 27 ގައި އެކަނިވެސް 100 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
އަންގް ސަން ސޫ ކީ އަކީ ކާކު؟
1990 ގެ އަހަރުތަކުގައި ސޫ ކީ މަޝްހޫރުވެ ވަޑައިގެންނެވީ ޑިމޮކްރަސީ ގެނައުމަށް ފެއްޓެވި ކެމްޕެއިނުގެ ސަބަބުންނެވެ. 1989 އިން 2010 އާ ދެމެދު އެކަމަނާ ގާތްގަނޑަކަށް 15 އަހަރު ހުންނެވީ ހައްޔަރުކޮށްފަ އެވެ. އެކަމަނާއަށް 1991 ގައި ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވިއިރު ވެސް ހުންނެވީ ގޭ ބަންދުގަ އެވެ.

މިޔަންމާ ޑިމޮކްރަސީއަށް ކުރި ދަތުރުގައި 25 އަހަރުގެ ތެރޭގައި ބޭއްވި ފުރަތަމަ މިނިވަން އިންތިހާބުގައި 2015 ވަނަ އަހަރު އެކަމަނާގެ އެންއެލްޑީ ޕާޓީން ކާމިޔާބު ހޯއްދެވި އެވެ.
ރޮހިންޔާ މުސްލިމުންނާ މެދު އަމަލު ކުރީ ކިހިނެއް؟
މިޔަންމާގެ ސަރުކާރުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ މެދު އަމަލުކުރި ގޮތާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގައި ސޫ ކީގެ ނަން ވަނީ ކިލަނބުވެފަ އެވެ.
މިޔަންމާއިން ދެކޭ ގޮތުގައި ރޮހިންޔާ މުސްލިމުންނަކީ ބަންގްލަދޭޝުން އެ ގައުމަށް ގަވާއިދާ ހިލާފަށް އެތެރެވެގެން އުޅޭ ބައެކެވެ. އެމީހުންނަކީ މިޔަންމާގެ ރައްޔިތުންގެ ގޮތުގައި ބަލައިގަތުމުގެ ބަދަލުގައި އެ މީހުންނާ ދެކޮޅަށް އެތައް ލާއިންސާނީ އަމަލެއް ހިންގަ އެވެ.
އެ ކަންކަމުން ސަލާމަތްވުމަށް އެތައް ހާސް ބަޔަކު ވަނީ މިޔަންމާ ދޫކޮށް އެހެން ގައުމުތަކަށް ގޮސްފަ އެވެ. އެގޮތުން އަސްކަރިއްޔާއިން 2017 ވަނަ އަހަރު ހިންގި އަމަލުތަކުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، 700،000 އަށް ވުރެ ގިނަ މީހުން ބޯޑަރު ހުރަސްކޮށް ބަންގްލަދޭޝަށް ދިޔަ އެވެ.

އެ މައްސަލާގައި 2019 ވަނަ އަހަރު ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ސޫ ކީ ހާޒިރު ކުރެއްވުމުން އެކަމަނާ ތުހުމަތުތައް ދޮގުކުރެއްވި އެވެ. އަދި އަސްކަރިއްޔާއިން ލާއިންސާނީ އަމަލެއް ނުހިންގަވާ ކަމަށް ވިދާޅުވި އެވެ.
ބަގާވާތާ މެދު ދުނިޔެއިން ދެކެނީ ކިހިނެއް؟
ގިނަ ގައުމުތަކުން ބަގާވާތް ކުށްވެރިކޮށްފައި ވެއެވެ. އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ސިފަކުރެއްވީ އެއީ "ބިރުވެރި ވެރިކަމެއްގެ" ގޮތުގަ އެވެ.
އެމެރިކާ، އިނގިރޭސިވިލާތް، އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ވަނީ އަސްކަރީ އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.
ބަގާވާތް ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ބަޔާނަކާ ދެކޮޅަށް ޗައިނާއިން ވޯޓު ދިން ނަމަވެސް، އެ ގައުމުން ވަނީ ސޫ ކީ މިނިވަން ކުރުމަށާއި ޑިމޮކްރަސީ އިއާދަކުރުމަށް ގޮވާލާފަ އެވެ.
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ވެސް ދަނީ މިޔަންމާގެ މަޝްރަހު ހައްލު ކުރެވޭތޯ ޑިޕްލޮމެޓިކް މަޝްވަރާތައް ބާއްވަމުންނެވެ.
ދިވެހިރާއްޖެއިން ވެސް މިޔަންމާގެ ބަގާވާތް ކުށްވެރިކޮށްފައި ވެއެވެ. ދިވެހި ސަރުކާރުގެ ބަޔާނުގައި ބަގާވަތް ކުށްވެރި ކުރުމަށް ފަހު، އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ގިނަ ބަޔަކު މަރުވާތީ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
އޭގެ އިތުރުން ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ މިޔަންމާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުންދާ މަސައްކަތުގައި އެމީހުންނާ އެކުގައި ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.










