ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭގެ މައްޗަށް 8-3 އިން ކުރިހޯދައި ޗައިނާ އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ދެކުނު ކޮރެއާ އަތުން 5-1 އިން ބަލިވެފަ އެވެ. އެކަމަކު، ދެ ވަަނަ މެޗުން ހޮންގް ކޮންގްގެ މައްޗަށް ރާއްޖޭން ވަނީ 7-0 އިން ރެކޯޑް މޮޅެއް ހޯދައިފަ އެވެ.
ތިން ވަނަ މެޗުގައި މިއަދު ޗައިނާ ކައިރީގައި ރާއްޖެ ވަނީ 8-3 އިން ބަލިވެފަ އެވެ. ރާއްޖޭން މީގެ 21 އަހަރު ކުރިން، 2005 ވަނަ އަހަރުގެ ފުޓްސަލް އޭޝިއަން ޗެމްޕިއަންޝިޕްގައި ޗައިނާ އަތުން ވަނީ 21-0 އިން ބަލިވެފަ އެވެ.
ޗައިނާ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ފީފާ ރޭންކިން އަށް ބަލާއިރު، ދެކުނު ކޮރެއާ އަކީ ދުނިޔޭގެ 69 ވަނަ އެވެ. ރާއްޖެ އަކީ 99 ވަނަ އެވެ. ހޮންގް ކޮންގް އަކީ ދުނިޔޭގެ 118 ވަނަ އެވެ. ޗައިނާ އަކީ ދުނިޔޭގެ 84 ވަނަ އެވެ.
މި މުބާރާތުގެ ކުރިން ޔޫރަޕްގެ ޓީމުތަކާ ކުޅުނު ޗައިނާ އިން މުބާރާތް ކާމިޔާބުކުރި ތިން މެޗުން ވެސް މޮޅުވެގެންނެވެ. ދެ މެޗުން މޮޅުވި ދެކުނު ކޮރެއާ ދެ ވަނަ އަށް ދިޔައިރު، މެޗަކުން މޮޅުވި ރާއްޖެ ދިޔައީ ތިން ވަނަ އެވެ. އަދި، ހޮންގް ކޮންގް ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
ރާއްޖޭން ފުރަތަމަ ދެ މެޗުގައި ދެކުނު ކޮރެއާ އާއި ހޮންގް ކޮންގް ކައިރީގައި ލީޑު ނެގި ނަމަވެސް ޗައިނާއާ އެކު ދިމާވި މުޅިން ތަފާތު ހާލަތެކެވެ. އެ ގޮތުން، ޗައިނާ އިން ވަނީ ފުރަތަމަ 12 މިނިޓް ތެރޭ ތިން ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ޖެހީ އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އެވެ. ދެ ވަނަ ގޯލު ހާފުގެ މެދެއްހާ ހިސާބު އަރިމަތިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި، ތިން ވަނަ ގޯލު ޖެހީ ރާއްޖޭގެ ފަހަތުން ރީބައުންސް ވެގެން އައި ބޯޅައެއް އަވަހަށް ގޯލަށް ފޮނުވާލައިގެންނެވެ.
މެޗުގެ ތެރެއަށް މަޑުމަޑުން ރާއްޖޭން ވަދެ ހަމަލާތައް ފޮނުވާލަން ފެށިއިރު، ޝަނާން ރަޝާދު ޖެހި ބާރު ޝޮޓެއް ދިޔައީ ދަނޑިކައިރިންނެވެ. ރާއްޖޭގެ ލަނޑު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ ރަނގަޅު މަސައްކަތަކަށް ފަހު ތަނަވަސްކޮށްދިން ފުރުސަތެއްގައި އިޝާން އިބްރާހިމް (ސައްޓު) އެވެ.
ދެ ވަނަ ހާފުގެ ތިން ވަނަ މިނިޓްގައި ޔަން ޒެންހުއާ ވަނީ ރާއްޖޭގެ އޭރިއާތެރޭގައި ހުސްކޮށް ހުރެފައި، ޗައިނާގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ސައްޓު ދިން ބޯޅައަކަށް އަރައި ޝާއްޕެ ވަނީ ރާއްޖޭގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.
މި ހާފުގެ ހަތް ވަނަ މިނިޓްގައި ޗައިނާގެ ފަސް ވަނަ ލަނޑު ޖެހީ ހާފުގެ އަރިމަތިން ފޮނުވާލި ބޯޅައަކުން ސައިޑިއާ އެވެ. އޭގެ ތިން މިނިޓް ފަހުން، ސެޓްޕީސްއަކުން ރާއްޖޭގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ދިން ބޯޅައެއް އަހުމަދު ހަމީދު (އައްމަޑޭ) ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފުގެ 15 ވަނަ މިނިޓްގައި ޗައިނާގެ ހަ ވަނަ ލަނޑު ޖެހި މަން ޒޭންގް އެވެ. ހާފުގެ އަރިމަތިން ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. އޭގެ ފަހުން، ރާއްޖޭން ޕަވަޕްލޭ ބޭނުންކޮށްގެން އެޓޭކް ކުރަން އުޅުމުގެ ތެރޭގައި ޗައިނާ އިން ލިބުނު ފުރުސަތެއްގައި ޒެން ޒިހެން ވަނީ ޗައިނާގެ ހަތް ވަނަ ލަނޑު ޖަހައިފަ އެެވެ. އަދި، ރާއްޖޭގެ ފަހަތުން ހެދި ގޯހަކުން ޗައިނާގެ ޒިއާން ޝެން ވަނީ އެ ޓީމުގެ އަށް ވަނަ ލަނޑު ޖަހައިފަ އެވެ.
ރާއްޖެ އަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދައިދިން އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކީރޯވް، ޓީމާ ގުޅުނީ ޗައިނާ އިންނެވެ. އޭގެ ކުރިން، މާލޭގައި ޓްރެއިނިންތައް ކުރިއަށްެގެންދިޔައީ، އެސިސްޓަންޓް ކޯޗުން ކަމަށްވާ އަހުމަދު ނިޔާޒް (ނިޔާ) އާއި މުހައްމަދު ފުހެއިދު (ޓޯޑް)ގެ ބެލުމުގެ ދަށުންނެވެ. މާލޭގައި އިންޑޯއެއްގައި ޕްރެކްޓިހެއް ކުރަން ފުރުސަތު ނުލިބި މުބާރާތުގެ ކުރިން ރާއްޖެ އަށް އިންޑޯގައި ޕްރެކްޓިސް ކޮށްލަން ލިބުނީ ޗައިނާ އަށް ދިޔަ ފަހުންނެވެ.







