ރައްޔިތުންގެ މެދުގައި ދީނީ ނަފްރަތު އުފެއްދުމާއި އިސްލާމްދީނާ އިދިކޮޅު އަމަލުތަކަށް މިހާރު ކަނޑައަޅާފައިވާ އަދަބު ބޮޑުކޮށް، އެއީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ހަދަން ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން މަޖިލީހަށް ހުށަހަޅައިފި އެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނެއް އޮތް ނަމަވެސް، ޖިނާއީ އަދުލުގެ މައި ގާނޫނު ކަމަށްވާ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން، އިސްލާމްދީނާ އިދިކޮޅު އަމަލުތަކަކީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ.
މިހާރު އޮންނަ އުސޫލުން މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން ޖުނަހުގެ ކުށަކަށް ވާތީ، ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާކުރުމާއި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ފުރުސަތު މިހާރު އޮވެ އެވެ.
ނަމަވެސް ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުން، ދުރާލާ ރާވައިގެން ރައްޔިތުންގެ މެދުގައި އިސްލާމްދީނާމެދު ނަފްރަތު އުފެއްދުމަށް ނުވަތަ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ނިޔަތުގައި ކުރާ އަމަލުތައް ދެން ބެލެވޭނީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ.
އެ ކުށަށް އަސާސީ މިންގަނޑުން އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު އަދަބެއް އަންނައިރު، ކުށުގެ ހާލަތަށް ބަލައި ހަތަރު އަހަރާ ހަމައަށް ޖަލަށްލެވޭނެ އެވެ. އަދި އެނޫން ހާލަތްތަކުގައި އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ނުވަ މަހާއި ދެ އަހަރާ ދެމެދުގެ ޖަލު އަދަބެއް ލިބޭނެ އެވެ.

މި ބަދަލާއެކު މި ކުށް ޖިނާޔަތުގެ ކުށަކަށް ބަދަލުވެގެންދާއިރު، ކުރިން އޮންނަ ޖޫރިމަނާގެ ލުއިތަކާއި ކަފާލާތުގެ ފުރުސަތު ހަނިވެ، ކުށުގެ އަދަބު މިހާރަށް ވުރެ ހަރުކަށި ވެގެން ދާނެ އެވެ.
ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށަށް ދޭ އަދަބު ބޮޑު ކުރުމުގެ މާއްދާތައް ސަރުކާރުން ގާނޫނަށް ވައްދަން ހުށަހަޅާފައި ވަނީ، ރަސްމާލެ މަޝްރޫއާ ދެކޮޅަށް އުފެދޭ އަޑުތައް ކަނޑުވާލުމަށް ދައުލަތުގެ އިގުތިސޯދަށް ގެއްލުން ދިނުމާއި ގަތުލުއާންމުގެ ނަމުގައި ބޮޑެތި އަދަބުތައް ކަނޑައަޅައި ހުށަހެޅި ބިލުގެ ތެރޭގަ އެވެ.











