މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. އަތޮޅާެއި ހދ. އަތޮޅުގެ ރަށްތަކަށް ހުއްޓުމެއް ނެތި ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ ހދ. ނޮޅިވަރަމަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ރަށުގެ 95 ޕަސަންޓު ގެތަކަށް ފެންވަދެ ހިފާ ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ނޮޅިވަރަމުގެ ބައެއް އާއިލާތައް އެހެން ގެތަކަށް ބަދަލުކޮށް، ހާލަތުން އަރައިގަތުމަށް ކައުންސިލުން އެމްއެންޑީއެފްގެ އެހީތެރިކަމަށްވެސް ވަނީ އެދިފަ އެވެ.
"ރެއިން ފެށިގެން ބޯކޮށް ވާރޭވެހި ހދ. ނޮޅިވަރަމުގައި ފެންބޮޑުވެފައިވާތީ 5 ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން. ނަމަވެސް އަދިވެސް ފެންގަނޑު ނުހިނދޭ ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދޭ،" އެންޑީއެމްއޭ އިން ބުންޏެވެ.
ކުޅުދުއްފުށި ސިޓީއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން 190 އަށްވުރެ ގިނަ ގެއަށް ފެން ވަދެގެން އެންޑީއެމްއޭއަށް ވަނީ ރިޕޯޓްކޮށްފަ އެވެ. އެއާއެކު ކައުންސިލުން ރަށުގެ ހާލަތު ބަލައި ފުލުހުންނާއި، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އަދި އެމްއާރްސީ ގުޅިގެން ރަށުގެ ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެއިތުރުން ހދ. ނޮޅިވަރަންފަރަށް ބޯކޮށް ވާރޭވެހި 60 އަށްވުރެ ގިނަ ގެއަކަށް ފެން ވަތް ކަމަށް ރިޕޯޓު ލިބުނު ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެ އޮތޯރިޓީން ބުނީ އޭގެ ތެރެއިން ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާއިރު، ހިފާގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންވެފައި ކަމަށެވެ.

ނަމަވެސް ނޮޅިވަރަންފަރުގެ އެއްވެސް ގެއަކުން މީހުން ހުސްކުރަންޖެހޭ ހާލަތަކަށް ނުދާ ކަމަށާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައިގެ ހާލަތު އެންޑީއެމްއޭއިން ބަލައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ އެންމެންަށް ރަށު ކައުންސިލްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ރޭ ފަތިހުން 4:15 އިން ފެށިގެން 6:15 އަށް ހއ. އަތޮޅުން ފެށިގެން ހދ. އަތޮޅަށް އޮރެންޖު އެލާޓް މެޓް އޮފީހުން ނެރުނެވެ.
މިއަދު މެންދުރު 12:30 އިން ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މެޓުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މެޓުން ބުނީ އެ މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމާއެކު ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.
މީގެއިތުރުން ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް 15:00 ޖެހުމާ ހަމައަށްވެސް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.












