ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ފެށިތާ ތިން ވަނައަށްވީ ދުވަހު ގާނޫނު ބަދަލު ކުރަން ނިންމައިފި

Oct 3, 2026, 10:41 PM
މިނިސްޓަރު މުހައްމަދު އަމީން: ގާނޫނު ފާސް ކުރުމުގެ ކުރިން ވެސް ކަންބޮޑުވުންތައް ފާޅު ކުރި -- ފޮޓޯ: ވީޑިއާ ސްކްރީންޝޮޓް

މިނިސްޓަރު މުހައްމަދު އަމީން: ގާނޫނު ފާސް ކުރުމުގެ ކުރިން ވެސް ކަންބޮޑުވުންތައް ފާޅު ކުރި -- ފޮޓޯ: ވީޑިއާ ސްކްރީންޝޮޓް

ބޭރުގެ ޓުއާ އޮޕަރޭޓަރުން ވެސް ޓީޖީއެސްޓީ ދައްކަންޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ފެށިތާ ތިން ވަނައަށްވީ ދުވަހު، އިންޑަސްޓްރީގެ ކަންބޮޑުވުން ހުރުމުން އެ ގާނޫނު އަނެއްކާ ވެސް ބަދަލު ކުރަން ނިންމައިފި އެވެ. 

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށްޓަކައި ގާނޫނަށް ގެނައި އިސްލާހު ގެޒެޓު ކުރީ އޯގަސްޓް 31، ގަ އެވެ. އެ އިސްލާހާ އެއްގޮތަށް ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން މީރާއިން ޓެކްސް ނަގަން ފެށީ މިދިޔަ ބުރާސްފަތި ދުވަހެވެ. 

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނު ބަދަލު ކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން އިއުލާނު ކުރެއްވީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރަން ބާއްވާ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުހައްމަދު އަމީން އެވެ. 

Advertisement

"މިކަމާ ގުޅިގެން އިންޑަސްޓްރީގެ އިސް ބައެއް ފަރާތްތަކުންނާ އަދި ޓްރެވަލް އެޖެންޓުންގެ ވަރަށް ގިނަ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަނީ ގިނަ ރިކުއެސްޓުތަކެއް ފޮނުވާފައި. މިވަގުތު ރައީސް ނިންމަވާފައި ވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެނައުމަށް،" އަމީން ވިދާޅުވި އެވެ. 

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ފާސް ކުރުމުން އިންޑަސްޓްރީގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް ރައީސް މުއިއްޒާ ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ގާނޫނަށް ބަދަލުތަކެއް ގެނައިމު، އެއީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ދެއްކުމުގެ އިތުރު ބައިތަކެއް ހިމަނައިގެން ގާނޫނަށް ގެނައި ބަދަލުތަކެއް. މިއާއެކީގައި އިންޑަސްޓްރީގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު. އަދި ޓްރެވަލް އެޖެންޓުންގެ ކަންބޮޑުވުންތަކެއް ވެސް ހުރިކަން ފާހަގަ ކުރެވުނު،" މިނިސްޓަރު ވިދާޅުވި އެވެ. 

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގާ ގާނޫނު ފާސް ކުރުމުގެ ކުރިން ވެސް ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރި އެވެ. އެގޮތުން ރަޝިޔާގެ އެންމެ ބޮޑު ޓުއާ އޮޕަރޭޓަރު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ދިވެހި ސަރުކާރަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި އިންޑިއާގެ ޓުއާ އޮޕަރޭޓަރުން ވެސް އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox