މެންޗެސްޓާ ސިޓީގެ މައްޗަށް 115 މައްސަލައިގެ ކުށް ސާބިތުވާ ކަމަށް ޕްރިމިއާ ލީގުން ނިންމައިފި

Sep 29, 2026, 11:06 PM
މެންޗެސްޓާ ސިޓީގެ މެޗެއްގެ ތެރެއިން އާލިން ހާލަންޑް.

މެންޗެސްޓާ ސިޓީގެ މެޗެއްގެ ތެރެއިން އާލިން ހާލަންޑް.

ލަންޑަން (ސެޕްޓެމްބަރު 29) - މެންޗެސްޓާ ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ގުޅޭ ކަންކަމާ ހިލާފުވެ، ކޮރަޕްޝަން ހިމެނޭ ގޮތަށް މަކަރު ހަދާފައިވާ 115 މައްސަލައިގެ ދައުވާގެ ކަންކަން ނުވަ އަހަރު ވަންދެން ބެލުމަށް ފަހު، ސިޓީގެ މައްޗަށް ހުރިހާ މައްސަލައެއްގައި ކުށް ސާބިތުވާ ކަމަށް ޕްރިމިއާ ލީގުން ނިންމައިފި އެވެ. 

 އެކަމަކު، ސިޓީއާ މެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައިނުވާއިރު، އަންނަ ހުކުރު ދުވަހުގެ ކުރިން އެޕީލް ކުރުމަށް ސިޓީ އަށް ވަނީ ފުރުސަތު ދީފަ އެވެ.

ސިޓީ އަށް އަޅާނެ ފިޔަވަޅުތަކެއްގެ ގޮތުގައި މީޑިއާގައި ދެކެވޭ ވާހަކަ އަށް ބަލާއިރު، އެ ޓީމުގެ ޕޮއިންޓު އުނިކުރުމާއި ލީގުން ބޭރުކުރުމާއި ހޯދާފައިވާ ތަށިތައް އަތުލުން ފަދަ ފިޔަވަަޅުތައް ވެސް ހިމެނެ އެެވެ. 

ތަހުގީގަށް ފާހަގަކުރެވުނު 115 މައްސަލަތަކަށް ބަލާއިރު ހިމެނެނީ، 2009-2010 ސީޒަނުން ފެށިގެން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމުގެ 54 މައްސަަލަ އާއި 2009-2010 އިން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ކުޅުންތެރިންނާއި ކޯޗުންނަށް ދިން މުސާރަތަކުގެ ސީދާ ތަފްސީލް ނުދޭ 14 މައްސަލަ އާއި 2013-2014 އިން 2017-2018 އަށް ފައިނޭންޝިއަލް ފެއާޕްލޭގެ ޔުއެފާގެ މިންގަނޑާ ހިލާފުވެފައިވާ ފަސް މައްސަލަ އަދި 2015-2016 އިން 2017-2018 ޕްރިމިއާ ލީގުގެ ޕީއެސްއާރް ގަވާއިދާ ހިލާފުވެފައިވާ ކަމުގެ 7 މައްސަލަ އެވެ.

ދެން ހިމެނެނީ، މި ކަމާ ގުޅޭގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ކަންކަމާ ބެހޭ ފަރާތްތަކުން ހިންގި ތަހުގީގަށް ޑިސެމްބަރު 2018 އިން ފެބްރުއަރީ 2023 އާ ހަމައަށް އެއްބާރުލުން ނުދީ މާލީ ކަންކަން ހާމަނުކުރި 35 މައްސަލަ އެވެ.

މެންޗެސްޓާ ސިޓީ ހިންގުމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަހުޖަނު، ޝެއިހް މަންސޫރު، ސިޓީ ގަތީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެއީ, ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު, ތަކްޝިން ޝިނަވަޓްރާ އަތުންނެވެ.

އޭގެ ފަހުން، މަންސޫރުގެ ލީޑަޝިޕްގެ ދަށުން، ސިޓީ ފުޓްބޯލް ގްރޫޕްގެ ނަމުުގައި، ކުންފުންޏެއް ހަދައި، އެ ކުންފުނިން ދުނިޔޭގެ އެކި ބައްރުތަކުގައި އަންނަނީ ޓީމު ހިންގަމުންނެވެ.

ސިޓީގެ މައްސަލައިގެ ޓައިމްލައިނެއް

ނޮވެމްބަރު 2018 ވަނަ އަހަރު ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑިއާ ސްޕީއަގަލް އިން ވަނީ ފުޓްބޯލް ލީކްސްގެ ނަމުގައި ސިޓީގެ މި މައްސަލަތަކުގެ ލިޔެކިޔުންތަކެއް އާންމުކޮށްފަ އެވެ. އެއާ އެކު، 2019 ވަނަ އަހަރު ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ރަސްމީކޮށް ސިޓީގެ މައްސަލަތައް ބަލަން ފެށި އެވެ. އެ އަހަރު މެއި މަހު ސިޓީން ވަނީ ނޫހަކުން އާންމުކުރި މި ފަދަ ލިޔެކިޔުންތަކެއްގެ މައްސަލަ ޔުއެފާ އިން ބަލާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި، އެޕީލް ކުރަން ވެސް ވަގުތުން ހުށަހެޅި އެވެ. 

ސިޓީން ހުށަހެޅި އެޕީލާ ދެކޮޅަށް ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބަޔާނެއް ނެރެފަ އެވެ. އޭގެ ފަހުން، 2020 ވަނަ އަހަރު ފެބްރުއަރީ މަހު ޔުއެފާ އިން ވަނީ ދެ އަހަރަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ބޭރުކޮށް، 30 މިލިއަން ޔޫރޯ އިން ޖޫރިމަނާ ކޮށްފަ އެވެ. އެކަމަކު، އެ އަހަރު ޖުލައި މަހު ސިޓީން ވަނީ ކާސް މެދުވެރިކޮށް ޔުއެފާގެ އެ ނިންމުމާ ދެކޮޅަށް އެޕީލް ކާމިޔާބުކޮށްފަ އެވެ. 

ކާސްގެ އެ ނިންްމުމުގެ އެއް އަހަރު ފަހުން، ޕްރިމިއާ ލީގުން ވަނީ، 2021 ވަނަ އަހަރު ޖުލައި މަހުގައި ސިޓީގެ މި މައްސަލަތައް ބަލަން ފަށައިފަ އެވެ. އޭގެ ފަހުން، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު، ޑިއާ ސްޕީއަގަލް އިން ވަނީ ސިޓީގެ މާލީ ގޯސްތަކުގެ އިތުރު ލިޔެކިޔުންތަކެއް އާންމުކޮށްފަ އެވެ. އަދި، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ޕްރިމިއާ ލީގުން ވަނީ ސިޓީން މާލީ ގޮތުން އޮޅުވާލައި، މަކަރު ހެދި ކަމުގެ 115 މައްސަލައެއްގައި ސިޓީއާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފަ އެވެ.

އޭގެ ފަހުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ޕްރިމިއާ ލީގާއި ސިޓީން ވަނީ 10 ހަފްތާގެ އަޑުއެހުންތަކެއް މި މައްސަލައިގައި ފަށައިފަ އެވެ. އޭގެ ފަހުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، އޭރު ސިޓީގެ ކޯޗަކަށް ހުރި ޕެޕް ގާޑިއޯލާ ވަނީ މަހެއްހާ ދުވަސްތެރޭ، 115 މައްސަލައިގައި ސިޓީއާ މެދު އަޅާ ފިޔަވަޅެއް އެނގިގެންދާނެ ކަމަށް. ބުނެފަ އެވެ. އޭގެ އެއް އަަހަރު ފަހުން، މިދިޔަ ޖޫން މަހު ގާޑިއޯލާ ވަނީ 10 އަހަރަށް ފަހު ސިޓީގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. 

1.1 ބިލިއަން ޑޮލަރުގެ ބޮޑު އޮޅުވާލުމެއް

ޕްރިމިއާ ލީގުން ކަނޑައެޅި މިނިވަން ޕެނަލަކުން ސިޓީގެ މައްސަލަ ތަހުގީގު ކުރިއިރު، އެ ކްލަބްގެ މާލީ ހިސާބުތައް ވަނީ ވަރަށް ރަނގަޅަށް ދިރާސާ ކޮށްފަ އެވެ.

އެ ގޮތުން، މައްސަލަތައް ބެލި މުއްދަތުގެ ތެރޭގައި، ސިޓީން ކޮންޓްރެކްޓްތަކެއްގެ އެއްބަސްވުންތައް ނުއަގުގައި ތައްޔާރުކޮށް، އެ ކްލަބްގެ ފައިދާގެ ގޮތުގައި، ކްލަބްގެ އެކައުންޓްގެ ރެކޯޑްތަކުން ނުދައްކާ 1.1 ބިލިއަން ޑޮލަރު ވަނީ ކޮންޓްރެކްޓްތަކުގަޔާއި އެހެނިހެން ލިޔެކިޔުންތަކުގައި ހިމަނައިފަ އެވެ. 

ރިޕޯޓްތައް ބުނާގޮތުގައި، ސިޓީގެ މައްޗަށް ކުށް ސާބިތުވެފައިވާ މައްސަލަތަކުގައި އެ ޓީމަށް އެންމެ ހަރުކަށި އަދަބު ދޭން ޖެހޭ ވަރުގެ މައްސަލަތައް ގިނަ އެވެ. 

ޕްރިމިއާ ލީގުން ބަޔާން ނެރުނުތާ އިރުކޮޅެއްގެ ތެރޭގައި، ސިޓީން ވެސް ވަނީ އެ ކްލަބްގެ ދިފާއުގައި ބަޔާނެއް ނެރެފަ އެވެ. އެ ގޮތުން، ސިޓީން ބުނެފައިވަނީ، ޕްރިމިއާ ލީގުން ނެރުނު ބަޔާނާ ގުޅިގެން ލިބުނީ ހައިރާންކަމެއްގެ އިތުރުން ސިހުމެއް ކަމަށެވެ. އަދި، އެޕީލް ކުރުމަށް ލިބިފައިވާ ހައްގުގެ ބޭނުންކޮށް ސިޓީން އެ ޓީމުން ކުށެއް ނުކުރާކަން އިސްތިއުނާފު މަރުހަލާގައި ސާބިތުކޮށްދޭނެ ކަމަށް ސިޓީގެ ބަޔާނުގައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox