މައިކު ނެތި ދެ ނޫސްވެރިޔަކު ވާހަކަދެއްކުމުން ރައީސް އޮފީހުން ނަސޭހަތް ދީފި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިކު ނެތީސް ވާހަކަދެއްކި ދެ ނޫސްވެރިއަކަށް ރައީސް އޮފީހުން ނަސޭހަތް ދީފި އެވެ.

ރައީސް އޮފީހުން ސަންގު ޓީވީގެ ނޫސްވެރިޔާ، ނަޖާހު މަސްއޫދު އާއި ޗެނެލް 13 ގެ ނޫސްވެރިޔާ މަރިޔަމް އިސާދާ އިސްމާއިލްއަށް ރައީސް އޮފީހުން ފޮނުވި މެސެޖުގައި ބުނީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ ނޫސްވެރިން އަމަލުކުރި ގޮތާ މެދު އެ އޮފީހުން ހިތާމަކުރާ ކަމަށެވެ.

"ސެޕްޓެމްބަރު 7، 2026 ގައި ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިޔަ ނޫހުގެ ފަރާތުން ބައިވެރިވެވަޑައިގަތް ނޫސްވެރިޔާ ކަންތައް ކުރެއްވި ގޮތާމެދު ހިތާމަކުރަމެވެ. އަދި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދެއްވުމަށް ނަސޭހަތްތެރިވަމެވެ،" ރައީސް އޮފީހުން އެ ނޫސްވެރިންނަށް ފޮނުވި މެސެޖުގައި ބުންޏެވެ.

ނަމަވެސް، ރައީސް އޮފީހުން ހިތާމަކުރަނީ ކޮން ސަބަބަކާހުރެ ކަމެއް ކަމެއް އެ ނޫސްވެރިންނަށް ފޮނުވި މެސެޖުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން މި ނޫހަށް މައުލޫމާތު ދެމުން މަރިޔަމް ބުނީ އޭނާއަށާއި ނަޖާހުއަށް ނަސޭހަތް ދިނީ މައިކު ނެތީސް ވާހަކަދެއްކުމުން ކަމަށެވެ.

"ވީގޮތަކީ ނަޖާހުއަށް ފޮލޯއަޕް ސުވާލުކުރަން ފުރުސަތު ނުދިނީމާ އަޅުގަނޑު އެހީ ނަޖާހު ގާތު ކިހިނެއްހޭ މިވީ، ބުނީމަ އޭނަ ބުނީ ނޭނގެޔޭ، ދެން އޭގެފަހުން، ނަހޫއަށް ދެވަނަ ފަހަރަށް މައިކް ދިނުމުގެ ކުރިން މުންދު ވިދާޅުވީ މިހާރު ތިން ސުވާލުކޮށްފިޔޭ، އެހެން ބުނެފައި މައިކް ދިނީމަ އަޅުގަނޑު ބުނީ ނަޖާހުއަކަށް ނުދެޔޭ ދެވަނަ ސުވާލުކުރާކަށް، އެކަމު ތިން ސުވާލުކުރިއޭ ކިޔާފައި ވެސް ނަހޫއަށް މައިކް ދިނީއޭ." މަރިޔަމް ބުންޏެވެ.

އޭނާ ބުނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން ކޮންމެ ނޫސްވެރިއަކު ވެސް ރައީސް އޮފީހުގެ އުސޫލާ ބެހޭގޮތުން މައުލޫމާތެއް ސާފުކުރަން އޮތްނަމަ، މުންދު އަށް ފޯނުން ގުޅުމަށް އޭނާ އެދުމުން އެކަމާ ގުޅިގެން ވެސް މުންދުއާ ސުވާލުކުރި ކަމަށެވެ.

މި ނޫހާ ވާހަކަދައްކަމުން ނަޖާހު ވެސް ބުނީ، ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހުރަސްއެޅޭ ފަދަ ނުވަތަ އެތަނުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

"އަޅުގަނޑަށް ދެވަނަ ސުވާލުކުރަން މައިކް ނުދިނީމަ އެ ވާހަކަދެއްކީ،" ނަޖާހު ބުންޏެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ނޫސްވެރިއަކު އަމަލުތައް ހުރިގޮތާމެދު ހިތާމަކުރާ ކަމަށް ބުނެ ރައީސް އޮފީހުން ނަސޭހަތް ދިންއިރު، އެފަދަ ކަންކަމަކީ މީގެ ކުރިން ވެސް އާދައިގެމަތިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ހިނގާ ކަންކަމެވެ.

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ރައީސް އޮފީހުގެ މުވައްޒަފުން ވެސް ލައިވް ޓީވީއަށް އަޑު ނާރާ މިންވަރަށް ވާހަކަދައްކައި އުޅެ އެވެ. ނަމަވެސް، މިއީ އެފަދަ ކަމެއްގައި ނޫސްވެރިއަކަށް އެ އޮފީހުން ނަސޭހަތްދިން ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox