އައިޓީއެފްސީއާއެކު 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފި

Sep 7, 2026, 6:10 AM
އައިޓީއެފްސީއާއެކު 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

އައިޓީއެފްސީއާއެކު 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލި މި އެއްބަސްވުމުގެ ދަށުން، ސަރުކާރަށާއި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިން ފެސިލިޓީތައް ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.

އައިޓީއެފްސީއާއެކު 2019 އިން 2024 އަށް ހަދާފައި އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުމުގެ ދަށުން 1.5 ބިލިއަން ޑޮލަރު ކަނޑައެޅި އެވެ. ނަމަވެސް، ރާއްޖެއިން ވަނީ އެ އެއްބަސްވުމުގެ ދަށުން 1.7 ބިލިއަން ޑޮލަރުގެ އެހީ ބޭނުންކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ އިދާރާއިން ވަނީ ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފަ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. 

Advertisement

އާ ފްރޭމްވޯކްގެ ދަށުން ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ އިމްޕޯޓްކުރުމަށާއި، ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޝަރުތު ހަމަވާ އަމިއްލަ ކުންފުނިތަކަށް ބޭންކުތައް މެދުވެރިކޮށް މި ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ވިޔަފާރިއާ ގުޅުންހުރި ފަންނީ އެހީތެރިކަމާއި، ބައިނަލްއަގުވާމީ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ވާސިލުކުރުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެ ރަސްމިއްޔާތުގައި މިނިސްޓަރު ޒަރީރު ވިދާޅުވީ، އައިޓީއެފްސީ އުފެދުނީއްސުރެ ރާއްޖެއަށް ދެމުންދާ އެހީތެރިކަން ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ. ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްދިން އެހީތެރިކަން، މިހާރު ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އިމްޕޯޓްކުރުމުގެ އިތުރުން މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ފޯރުކޮށްދެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

ހާއްސަކޮށް 2017 ވަނަ އަހަރުން ފެށިގެން އެސްޓީއޯ އަށް ދެމުންދާ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި ގަތުމަށް މަގުފަހިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައިޓީއެފްސީގެ ސީއީއޯ އިންޖިނިއާ އަދީބު އަލް-އާމާ ވިދާޅުވީ ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ބޭންކުތަކާއި އަމިއްލަ ސެކްޓަރާ އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.

އަދީބު އަލް-އާމާ ރާއްޖެއަށް ކުރެއްވި ދަތުރުގައި ރައީސް މުހައްމަދު މުއިއްޒާއި، މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރާ ވެސް ބައްދަލުކުރައްވައި، އިގްތިސާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

އައި.ޓީ.އެފް.ސީ އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕްގެ މުއައްސަސާއެކެވެ. މި ކޯޕަރޭޝަންގެ މައިގަނޑު މަގުސަކީ އިސްލާމީ ގައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ފުޅާކޮށް، އިޖުތިމާއީ އަދި އ ޙާލަތު ރަނގަޅު ކުރުމެވެ. 2008 ވަނަ އަހަރުން ފެށިގެން މި މުއައްސަސާއިން ވަނީ މެންބަރު ޤައުމުތަކަށް 100 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިނޭންސިން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox