ވިލާ ބަލިކޮށް ޕީއެސްޖީން ޔުއެފާ ސުޕަ ކަޕް ދިފާއުކޮށްފި

Aug 13, 2026, 1:57 AM
ޕީއެސްޖީގެ ކުޅުންތެރިން ސުޕަ ކަޕް ތަށްޓާ އެކު އުފާފާޅުކުރަނީ.

ޕީއެސްޖީގެ ކުޅުންތެރިން ސުޕަ ކަޕް ތަށްޓާ އެކު އުފާފާޅުކުރަނީ.

ސަލްޒްބާގް، އޮސްޓްރިއާ (އޮަގަސްޓް 13) - އެސްޓަން ވިލާ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ފެއްޓުމަށްޓަކައި ކުޅޭ، ޔުއެފާ ސުޕަ ކަޕްގެ ތަށި ދިފާއުކޮށްފި އެެވެ. 

ޕީއެސްޖީ އަކީ ރެއާލް މެޑްރިޑާއި އޭސީ މިލާނަށް ފަހު، ޔުއެފާ ސުޕަ ކަޕް ދިފާއުުކުރި ފުރަތަމަ ޓީމެވެ. 

ފާއިތުވި ދެ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޕީއެސްޖީން، މިދިޔަ އަހަރު ސުޕަ ކަޕް ކާމިޔާބުކުރީ ޓޮޓެންހަމް ހޮޓްސްޕާސް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. އެކަމަކު، މި ފަހަރުގެ ސުޕަ ކަޕް މެޗުގައި އެސްޓަން ވިލާ އަތުން ފުރިހަމަ ވަގުތުގެ ތެރޭގައި މޮޅުވީ އެވެ. 

ރެޑްބުލް އެރީނާގައި މިރޭ ކުޅުނު މެޗުގައި ތާރީހީ ކަންތައްތަކެއް ވެސް ހިނގައިދިޔަ އެެވެ. އެ ގޮތުން، މެޗުގެ ރެފްރީ އަކީ، ސޯމާލިއާގެ ރެފްރީ، އޮމާރް އަރްޓާން އެވެ. އޭނާ އަކީ ޔުއެފާ ސުޕަ ކަޕް މެޗެއްގައި އިންސާފުކުރި އެފްރިކާގެ ފުރަތަަމަ ރެފްރީ އެވެ. އަރްޓާން އަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ، މި ފަހަރުގެ ފީފާ ވޯލްޑް ކަޕަށް، އެމެރިކާ އަށް އެތެރެވާން ވިސާ ނުލިބި، އެނބުރި ގައުމަށް ދާން ޖެހުމުންނެވެ. 

މެޗު ފަށައިގެން، 20 ވަނަ މިނިޓްގައި، ޕީއެސްޖީން ވަނީ ލީޑުނަގައިފަ އެވެ. އެ ގޮތުން، ޕީއެސްޖީގެ ފްރާންސް ފޯވާޑް، ޑެޒީރޭ ޑޫއޭ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، އެ ޓީމުގެ ޖޯޖިއާ ތަރި، ކްވިޗާ ކްވަރަޝްކޭލިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެެވެ. 

ޔުއެފާ ސުޕަ ކަޕް ފައިނަލުގައި ޕީއެސްޖީ އާއި އެސްޓަން ވިލާ ކުޅުނު މެޗުގެ ތެރެއިން: ވިލާގެ ޒުވާން ފޯވާޑް މަޑްޖޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ޔުއެފާ ސުޕަ ކަޕް ފައިނަލުގައި ޕީއެސްޖީ އާއި އެސްޓަން ވިލާ ކުޅުނު މެޗުގެ ތެރެއިން: ވިލާގެ ޒުވާން ފޯވާޑް މަޑްޖޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އެސްޓަން ވިލާ އިން ނަތީޖާ ހަމަހަމަކުރެވޭތޯ ކުރި މަސައްކަތް ފުރަތަމަ ހާފުގައި ކާމިޔާބުކުރި އެވެ. މެޗުގެ 45 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ޖޯން މެކްގިން ނެގި ހުރަަހަކަށް އަރައި، 17 އަހަރުގެ ފޯވާޑް، ބްރަޔަން މަޑްޖޯ އެވެ. މަޑްޖޯ އަކީ ސުޕަ ކަޕް ފައިނަލުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. މި ލަނޑު ޖެހުމުގެ ކުރިން ވެސް މަޑްޖޯ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. 

މެޗުން ޕީއެސްޖީ މޮޅުވި ލަނޑު ޖެހީ 61 ވަނަ މިނިޓްގަ އެެވެ. ބަދަލަކަށް ކުޅެން އެރި، އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ޑޫއޭ މި ގޯލު ޖެހިއިރު، ފުރަތަމަ ނިންމީ އޮފްސައިޑް ކަމަށެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، އޮފްސައިޑް ނުވާތީވެ، މެޗުގެ ރެފްރީ އަރްޓާން ވަނީ ގޯލެއް ކަމަށް ބަލައިގަނެފަ އެވެ. 

ވިލާ އިން ދެ ވަނަ ފަަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރަން މަސައްކަތްކުރަމުންދިޔައިރު، އެ ޓީމުގެ ހަމަލާތައް ހުއްޓުވަން، ޕީއެސްޖީގެ ރަޝިއާގެ ކީޕަރު، މަޓްވެއި ސަފޯނޯވް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، މެކްގިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހުއްޓުވި އެވެ. އަދި، އޭރިއާތެރެއިން، ވިލާގެ ޖޮއާއޯ ގޯމޭސް ފޮނުވާލި ޝޮޓެއް، ޕީއެސްޖީގެ ވަރެން ޒައިރް އެމެރީ ވަނީ މަތަކޮށްފަ އެވެ. 

މި މެޗުން މޮޅުވެ، ޕީއެސްޖީގެ ކޯޗުކަމާ މީގެ ތިން އަހަރު ކުރިން ހަވާލުވި ލުއިސް އެންރީކޭ ވަނީ އެ ކްލަބާ އެކު، 13 ވަނަ ޓްރޮފީ ހޯދައިފަ އެވެ. އަނެއްކޮޅުން، ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ކޯޗު، އެސްޓަން ވިލާގައި މި ވަގުތު ހުރި، އުނާއި އެމެރީ ވަނީ ހަތަރު ވަނަ ސުޕަ ކަޕް ފައިނަލުން ބަލިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox