ތައިލެންޑުގެ 14 އަހަރުގެ ކުއްޖަކު ކާފަ އާއި މާމަ މާރާލުމަށް ފަހު ސްކޫލަށް ގޮސް 8 މީހަކު މަރާލައިފި

Aug 8, 2026, 6:30 AM
ތައިލެންޑުގެ ސްކޫލުގައި ދިން ބަޑީގެ ހަމަލާގައި 8 މީހަކު މަރުވި.

ތައިލެންޑުގެ ސްކޫލުގައި ދިން ބަޑީގެ ހަމަލާގައި 8 މީހަކު މަރުވި.

ބެންކޮކްގެ ސްކޫލެއްގައި ކުޑަ ކުއްޖަކު ދިން ބަޑީގެ ހަމަލާތަކެއްގައި އަށް މީހުން މަރުވެ، 22 މީހުން ޒަހަމްވުމާ ގުޅިގެން، ބަޑި ގެންގުޅުމާ ބެހޭ ގާނޫނުތައް އިތުރަށް ހަރުކަށި ކުރައްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް ވައުދުވެވަޑައިގެންފި އެވެ.

އުމަރުން 14 އަހަރުގެ ކުއްޖަކު އިއްޔެ ބަޑިޖަހާފައި ވަނީ އޭނާ ވެސް ކިޔަވަމުން ދިޔަ ނޮންތަބޫރީގައި ހުންނަ ދެބްސިރިން ސުކޫލުގަ އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ ކުއްޖާ އެންމެ ފުރަތަމަ އޭނާ ދިރިއުޅޭ ގޭގައި އޭނާގެ ކާފަ އާއި މާމަ މަރާލުމަށްފަހު، އޭނާ ކިޔަވަމުންދިޔަ ސުކޫލަށް ގޮސް ފަސް ޓީޗަރުން މަރާލި އެވެ. އޭގެ ފަހުން އެ ކުއްޖާ ވަނީ އަމިއްލައަށް މަރުވެފަ އެވެ.

ޒަހަމްވި ދަރިވަރުންގެ ތެރެއިން އެކަކު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފަ އެވެ.

ބޮޑުވަޒީރު އަނޫޓިން ވިދާޅުވީ، އާންމު ތަންތަނުގައި ހަތިޔާރު ގެންގުޅުން މަނާކުރާ އާ ގާނޫނުތަކެއް ތައާރަފު ކުރައްވާނެ ކަމަށެވެ. މި ގާނޫނުގެ ދަށުން ބަޑި ގެންގުޅުމުގެ ހުއްދަ އޮންނާނީ ހަމައެކަނި ރަސްމީ ވާޖިބު އަދާކުރާ ސަރުކާރުގެ އޮފިޝަލުންނަށް އެކަނި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މި ހާދިސާއަކީ ގައުމުގައި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށާއި، މިކަމާ މެދު ނުހަނު ހިތާމަކުރައްވާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، ހަމަލާ ދިނުމަށް ބޭނުންކުރި ބަޑިއާއި ވަޒަނަކީ އެ ކުއްޖާގެ ކާފަގެ އެއްޗިއްސެވެ. އެއީ ގާނޫނީ ގޮތުން ރަޖިސްޓްރީކޮށް، ހުއްދަ ހޯދައިގެން ގެންގުޅުނު ހަތިޔާރެކެވެ.

ތައިލެންޑަކީ ދެކުނު އިރުމަތީ އޭޝިއާގައި އާންމުންގެ އަތުގައި އެންމެ ގިނައިން ހަތިޔާރު ހުންނަ އެއް ގައުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގެ އާންމުންގެ އަތުގައި 10.3 މިލިއަން ހަތިޔާރު ހުރިއިރު، އޭގެ ތެރެއިން ހަތަރު މިލިއަނެއްހާ ހަތިޔާރަކީ ގާނޫނާ ހިލާފަށް ގެންގުޅޭ ތަކެއްޗެވެ.

މި ހަމަލާ ދިން ކުއްޖާގެ އާއިލާއިން ބުނާ ގޮތުގައި އެއީ ވަރަށް މަޑުމައިތިރި ކުއްޖެކެވެ. ނަމަވެސް އޭނާ ގިނަ ވަގުތު ހޭދަކުރަނީ ގޭތެރޭގައި އަނިޔާވެރި ވީޑިއޯ ގޭމް ކުޅުމުގައެވެ. ފުލުހުން އެ ކުއްޖާގެ އިލެކްޓްރޯނިކް ސާމާނުތައް ބެލިބެލުމުން، އެމެރިކާގެ ސުކޫލުތަކުގައި ދީފައިވާ ބަޑީގެ ހަމަލާތަކާ ގުޅޭ ވީޑިއޯތައް އޭނާ ބަލާފައިވާކަން ވަނީ ހާމަވެފައެވެ.

އިއްޔެ ފަތިހު 05:00 ހާއިރު އުމުރުން 73 އަހަރުގެ ކާފަ އާއި 74 އަހަރުގެ މާމަގެ ބޮލަށް ބަޑިޖަހައި މަރާލުމަށް ފަހު، އޭނާ ސުކޫލަށް ދިޔައީ ސުކޫލު ބަހުގަ އެވެ. ސުކޫލަށް ގޮސް ފުރަތަމަ ދެ ގަޑީގައި ކިޔެވުމުގައި ބައިވެރިވުމަށްފަހު، ހަމަލާ ދޭން ފެށީ ދެވަނަ ގަޑި ފެށުނުތާ ބައިގަޑިއިރެއްހާ އިރު ފަހުންނެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، މި ހަމަލާއަކީ ވަރަށް ބޮޑަށް ރޭވިގެން، ވަކި އަމާޒުތަކެއް ކަނޑައަޅައިގެން ދީފައިވާ ހަމަލާއެކެވެ.

ތައިލެންޑުގައި މިހާރުވެސް ހަތިޔާރު ގެންގުޅުމާ ބެހޭ ހަރުކަށި ގާނޫނުތަކެއް އޮވެއެވެ. ގާނޫނާ ހިލާފަށް ހަތިޔާރު ގެންގުޅޭ މީހުންނަށް 10 އަހަރުގެ ޖަލު ހުކުމެއް އާދެއެވެ. ނަމަވެސް މި ގާނޫނުތައް ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރެއެވެ. ބޮޑުވަޒީރު އަނޫޓިން މީގެ ކުރިން ދާހިލީ ވަޒީރުގެ މަގާމުގައި ހުންނެވި އިރުވެސް ވަނީ ހަތިޔާރު އެތެރެކުރުމާއި އާ ލައިސަންސް ދޫކުރުން ވަގުތީ ގޮތުން މަނާކުރުން ފަދަ ފިޔަވަޅުތަކެއް އަޅުއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox