ސިފައަށް އަމާޒުވާ ފާޑުކިޔުންތަކާއެކު، އެރިއާނާ ގްރާންޑޭ އާންމުންގެ ލޮލަށް ފެންނަ ހިސާބުން ދުރަށް ޖެހިލަނީ

Aug 3, 2026, 9:26 AM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

މަޝްހޫރު ލަވަކިޔުންތެރިޔާ އެރިއާނާ ގްރާންޑޭގެ "އިޓާނަލް ސަންޝައިން" ޓުއާ އަންނަ މަހު ނިމުމާއެކު، އާންމުންގެ ތެރެއަށް ނުކުމެ އުޅުން ހުއްޓާލުމަށާއި ލަންޑަނުގައި ހުށަހަޅައިދޭން އޮތް މިއުޒިކަލް ޕްރޮޑަކްޝަނެއްގައި ބައިވެރިނުވާން ނިންމައިފި އެވެ.

އުމުރުން 33 އަހަރުގެ އެމެރިކާގެ ލަވަކިޔުންތެރިޔާގެ މަންދޫބަކު "ޕީޕަލް" މެގަޒިންއަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ ސިފައާ މެދު އާންމުންގެ މެދުގައި މެދުނުކެނޑި ބަހުސްކޮށް ފާޑުކިޔުންތައް އަމާޒުވަމުންދާތީ، މިހާރު ކުރިއަށްދާ ޓުއާ ނިމުމުން އާންމުންގެ ލޮލަށް ފެންނަ ހިސާބުން އޭނާ ދުރަށް ޖެހިލާނެ ކަމަށެވެ.

ސްޓީވަން ސޮންޑްހައިމްގެ "ސަންޑޭ އިން ދަ ޕާކް ވިތު ޖޯޖް" މިއުޒިކަލް 2027 ވަނަ އަހަރު ލަންޑަނުގެ ބާބިކަންގައި އަލުން ހުށަހަޅައިދޭން ތައްޔާރުވަމުންދާ ކުންފުނިން ވަނީ، އެ ޕްރޮޑަކްޝަންގައި އެރިއާނާ ދެން ބައިވެރިނުވާނެކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި އެ ނިންމުމަށް އެ ކުންފުނީގެ ފުރިހަމަ ތާއީދާއި އިހުތިރާމް އޮތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އެރިއާނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާއި އޭނާގެ ސިއްހީ ހާލަތާ މެދު އާންމުންގެ މެދުގައި ވަނީ ތަފާތު ވާހަކަތަކެއް ދެކެވިފަ އެވެ.

މީގެ ދެ ދުވަސް ކުރިން އޭނާގެ އެންމެ ފަހުގެ އަލްބަމް "ޕެޓަލް" ނެރުމާއި، އެ އަލްބަމް އިޝްތިހާރު ކުރުމަށް އާންމުކުރި ވީޑިއޯތަކުން އޭނާ ފެންނަ ގޮތުން، މި ވާހަކަތައް ވަނީ އިތުރަށް ގަދަވެފަ އެވެ.

އެރިއާނާގެ މަންދޫބު "ޕީޕަލް" މެގަޒިންއަށް އިތުރަށް ބުނީ، އޭނާގެ އަމާޒަކީ މިހާރު ކުރިއަށްދާ ޓުއާ ވަރަށް އުފާވެރިކަމާއެކު ސިއްހަތު ސަލާމަތުން ހުރެ ނިންމާލުން ކަމަށެވެ. އަދި އޭގެ ފަހުން އާންމުންގެ ފާޑުކިޔުންތަކާ ދުރުގައި، މަސައްކަތުން ބްރޭކެއް ނަގައިގެން އަރާމުކުރަން އޭނާ ބޭނުންވާ ކަމަށް ވެސް މަންދޫބު ބުންޏެވެ.

މީގެ އިތުރުން، އެރިއާނާ ހުށަހަޅައިދޭ ޝޯތަކަކީ ހަށިގަނޑަށް ބުރަ، ހަރަކާތްތައް ގިނަ ޝޯތަކެއް ކަމަށާއި، ކޮންމެ ރެއަކު ވެސް އޭނާ ޝޯތައް ހުށަހަޅައިދެނީ ވަރަށް ފުރިހަމަ ސިއްހަތެއްގައި ހުރެގެން ކަމަށް އޭނާގެ ޓީމުން ބުންޏެވެ.

މި ޓުއާގެ އެންމެ ފަހު ޝޯ އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ލަންޑަނުގަ އެވެ.

"ތޭންކް ޔޫ، ނެކްސްޓް" އަދި "7 ރިންގްސް" ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ އެރިއާނާ، ސޮންޑްހައިމްގެ 1984 ވަނަ އަހަރުގެ މަޝްހޫރު މިއުޒިކަލްގައި ފެންނާނެ ކަމަށް ކުރިން އޮތީ އިއުލާންކޮށްފަ އެވެ. މި ޕްރޮޑަކްޝަންގައި އޭނާއާއެކު ފެންނާނީ "ވިކެޑް" ފިލްމުން ވެސް އޭނާއާއެކު ފެނިގެންދާ އިނގިރޭސި އެކްޓަރު ޖޮނަތަން ބެއިލީ އެވެ.

ޕުލިޓްޒާ އިނާމު ހޯދާފައިވާ މި މިއުޒިކަލްގައި އެރިއާނާގެ ބަދަލުގައި ދެން ފެންނާނީ ކާކުކަން އަދި އިއުލާނެއް ނުކުރެ އެވެ.

އެރިއާނާގެ ސިފައާ މެދު ފާޑުކިޔުންތައް އަލުން ގަދަވީ، އޭނާގެ އާ އަލްބަމް "ޕެޓަލް" ގައި ހިމެނޭ އެ ނަމުގެ ލަވައިގެ މިއުޒިކް ވީޑިއޯ ނެރުމާ ގުޅިގެންނެވެ.

އެ ވީޑިއޯގައި އެރިއާނާ ކުޅެފައިވަނީ އޮޑިޝަންތަކުގައި ބައިވެރިވާ ފަންނާނެއްގެ ރޯލެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އޭނާއަކީ "ކުރިއަށްދާން އެކަށީގެންވާ މީހެއް ނޫން" ކަމަށާއި، "މާ ބޮޑަށް މަސައްކަތް ބޭނުންވާ" މީހެއް ކަމަށް ބުނެ މީހުން ފާޑުކިޔަ އެވެ. އަދި އޭނާގެ ސިފަ ރީތިކުރަން "ސާޖަރީ" ހަދަން ޖެހޭ ކަމަށާއި، އަނެއްބައި ފަހަރު "މާ ގިނައިން ސާޖަރީ ހަދާފައިވާ" ކަމަށް ބުނެ މީހުން ދިމާކުރެ އެވެ. އެ ވީޑިއޯ ނިމެނީ އެ ފާޑުކިޔާ މީހުންނަށް އޭނާ ރައްދުދޭ މަންޒަރުންނެވެ.

ފަހުގެ ޚަބަރު

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox