އުރުދުންއަށް ދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ދެ މީހުން މަރުވެއްޖެ

Jul 19, 2026, 11:47 AM
އީރާނުގެ ދެކުނުގައި އެމެރިކާއިން ދިން ހަމަލާއެއްގައި ގެއްލުން ލިބުނު ފާލަމެއް އޮފިޝަލުން ބަލައި ފާސްކުރަނީ. -- ފޮޓޯ: އީޕީއޭ

އީރާނުގެ ދެކުނުގައި އެމެރިކާއިން ދިން ހަމަލާއެއްގައި ގެއްލުން ލިބުނު ފާލަމެއް އޮފިޝަލުން ބަލައި ފާސްކުރަނީ. -- ފޮޓޯ: އީޕީއޭ

އީރާނުގެ އައްސޭރިފަށުގެ ސަަވޭލަންސް ނިޒާމުތަކަށާއި ވައިގެ ދިފާއީ ވަސީލަތްތަކަށް އަމާޒުކޮށް، އެމެރިކާގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހުގެ ރޭ އަނެއްކާވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި ކަމަށް އެމެރިކާގެ އަސްކަރީ އޮފިޝަލުން ބުނެފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި އެމެރިކާގެ ސިފައިން ވަނީ އީރާނުގެ އަސްކަރީ ގާބިލުކަން ނައްތާލުމަށް ކާމިޔާބު ހަމަލާތަކެއް ދީފަ އެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތައް އަމާޒުވީ ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ ގޭޝްމް ރަށަށެވެ.

ހުކުރު ދުވަހު އުރުދުންގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އިތުރު ސިފައިންގެ މީހަކު ގެއްލިފައިވާއިރު، އެ ހަމަލާގެ ޒިންމާ އުފުލަންޖެހޭ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އަށް އަމާޒުކޮ ށްވެސް ހަމަލާތައް ދީފައިވާ ކަމަށް ސެންޓްކޮމް އިން ބުންޏެވެ.

Advertisement

އެމެރިކާއިން ދިން މި ހަމަލާތަކުގެ ރައްދުގައި، ކުވެއިތުގައި ހުންނަ އެމެރިކާގެ ދެ އަސްކަރީ މަރުކަޒަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފަ އެވެ.

ފާއިތުވި ދުވަސްތަކުގައި އެމެރިކާ އާއި އީރާނުން އެއް ގައުމު އަނެއް ގައުމަށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ދެ ފަރާތުން ވެސް ދަނީ އެއް ބަޔަކު އަނެއް ބައެއްގެ މުހިންމު ވަސީލަތްތަކަށް ހަމަލާދޭ ކަމުގެ ތުހުމަތު ކުރަމުންނެވެ.

ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު އީރާނުން ވަނީ "ކަމިކާޒޭ ޑްރޯން" ބޭނުންކޮށްގެން ކުވެއިތުގައި ހުންނަ އެމެރިކާގެ "ކޭމްޕް އުދައިރީ" ގެ އަސްކަރީ ގުދަނަކަށާއި "އަލީ އަލް ސާލިމް އެއާ ބޭސް" އަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

ޖެހިޖެހިގެން އަށް ވަނަ ރޭ އެމެރިކާއިން ދިން މި ހަމަލާތަކަކީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް އީރާނުން ކުރިމަތިކުރާ ނުރައްކާތައް ކުޑަކުރުމަށް ދިން ހަމަލާތަކެއް ކަމަށް ސެންޓްކޮމް އިން ބުންޏެވެ.

ސެންޓްކޮމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ހަމަލާތަކަކީ އުރުދުންގައި ތިބި އެމެރިކާގެ ސިފައިންނަށް ރޭގެ ވަގުތެއްގައި ހަމަލާދިން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ބާރުތަކަށް އަވަސް އަދަބެއް ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.

މި ހަމަލާތައް ދީފައި މިވަނީ ދެ ގައުމުގެ މެދުގައި އޮތް ހަމަނުޖެހުންތައް އަނެއްކާވެސް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައިވާއިރު، އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް އިއުލާންކޮށްފަ އެވެ. މިއާއެކު ދެ ގައުމުގެ މެދުގައި ގާއިމުކުރި ވަގުތީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން، މަސް ދުވަސް ވެސް ނުވަނީސް ވަނީ އުވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox