ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދީ ޖަލަށް ލުމަށް މިއަދު ހުކުމް ކުރި އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ޝަހުޒާން ވަގުތުން މިނިވަން ކުރުމަށް އެތައް ބަޔަކު ގޮވާލަން ފަށައިފި އެވެ.
ލީވާނަށް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ ނަމުގައި އަދަދު ނޫހުގައި ލިޔެފައިވާ ހަބަރަކާ ގުޅިގެންނެވެ. ޝަހުޒާނަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ މުހައްމަދު މުއިއްޒުއާ އަމާޒުކުރި ސުވާލެއްގެ ސަބަބުންނެވެ.
އަދަދުގެ ދެ ނޫސްވެރިންނަށް ވެސް ހުކުމް އިއްވީ ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދީ އެވެ. ދެ ނޫސްވެރިންނަށް ވެސް ވަކީލެއް އައްޔަނުކުރުމަށް ދިނި އެންމެ ދެ ގަޑިއިރުގެ މުއްދަތަކެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން އަންނަނީ މިއީ ރާއްޖޭގެ ގާނޫނުއަސާސީގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ލިޔުނު ފަހުން އައި ކަޅު ދުވަހެއްގެ ގޮތުގައި ސިފަކުރަމުންނެވެ.














