މަސްތުގެ ހާލަތުގައި އިނދެ ކާރު ދުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް، އޭނާގެ މައްޗަށް އުފުލި ދައުވާއަކަށް އިއުތިރާފުވުމާ ގުޅިގެން ޖަލު ހުކުމަކުން ސަލާމަތްވެއްޖެ އެވެ.
އުމުރުން 44 އަހަރުގެ ލަވަކިޔުންތެރިޔާގެ ވަކީލު ހޯމަ ދުވަހު ކޯޓަށް ހާޒިރުވެ، މަސްތުވާތަކެތި ނުވަތަ ބަނގުރާ ބޭނުންކޮށްގެން އިނދެ ބްރިޓްނީ ކާރު ދުއްވި ކަމަށް އިއުތިރާފުވި އެވެ. މި އަޑުއެހުމަށް ބްރިޓްނީ ހާޒިރުވާކަށް ނުޖެހެ އެވެ.
ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، ބްރިޓްނީ ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ ހަތަރުވަނަ ދުވަހު ކެލިފޯނިއާގެ ހައިވޭއެއްގައި އޭނާގެ ބީއެމްޑަބްލިއު ކާރު "ބާރު ދުވެލީގައި ނުރައްކާތެރިކޮށް" ދުއްވަމުން ދަނިކޮށެވެ.
މި ހާދިސާއަށްފަހު ބްރިޓްނީ އަމިއްލައަށް ރިހެބިލިޓޭޝަން ސެންޓަރެއްގައި ފަރުވާ ހޯދަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާގެ މަންދޫބުން ވަނީ މި ހާދިސާއަކީ "އެއްވެސް ގޮތަކަށް މައާފު ކުރެވޭނެ ކަމެއް ނޫން" ކަމަށް ބުނެފަ އެވެ.
ބްރިޓްނީގެ ވަކީލު މައިކަލް ގޯލްޑްސްޓީން ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ކޯޓުގައި ވީ އިއުތިރާފާއެކު ބްރިޓްނީ އޭނާގެ އަމަލުތަކުގެ ޒިންމާ އުފުލާފައިވާ ކަމަށެވެ.

މިއާއެކު އޭނާއަށް 12 މަސްދުވަހުގެ ޕްރޮބޭޝަންގެ މުއްދަތެއް ކަނޑައަޅައި، މަސްތުގެ ހާލަތުގައި ކާރު ދުއްވުމާ ގުޅޭ ހޭލުންތެރިކުރުވުމުގެ ކްލާސްތަކެއް ފުރިހަމަކުރުމަށާއި، ޖޫރިމަނާ އަދި އެހެނިހެން ފީތައް ދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.
މިއީ މީގެ ކުރިން މިފަދަ ރެކޯޑެއް ނެތް، އިހުމާލުން އެކްސިޑެންޓެއް ނުވަތަ މީހަކަށް އަނިޔާއެއް ލިބިފައި ނުވާ އަދި ލޭގައި ބަނގުރާ ހުރި މިންވަރު ދަށް މީހުންނާ މެދު އަމަލުކުރާ އާންމު އުސޫލެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު ޕޮޕް ތަރިންގެ ތެރޭގައި ހިމެނޭ ބްރިޓްނީ ސްޕިއާސް މަޝްހޫރުކަން ހޯދީ ކުޑަކުއްޖެއްގެ ގޮތުގަ އެވެ. އޭނާގެ "ބޭބީ ވަން މޯ ޓައިމް"، "ޓޮކްސިކް"، "އެވްރީޓައިމް"، "ގިމީ މޯ"، "ވުމަނައިޒާ" އަދި "ސްޓްރޯންގާ" ފަދަ ލަވަތަކަކީ މިއުޒިކް ޗާޓުތަކުގެ ކުރި ހޯދާފައިވާ މަގުބޫލު ލަވަތަކެކެވެ.
ބްރިޓްނީގެ މާލީ ކަންކަމާއި އަމިއްލަ ދިރިއުޅުން އޭނާގެ ބައްޕަގެ ބެލުމުގެ ދަށުން ކޮންޓްރޯލްކުރި 13 އަހަރުވީ "ކޮންސަވޭޓާޝިޕް" ނުވަތަ ގާނޫނީ ބެލެނިވެރިކަން ނިމުމަކަށް އައީ 2021 ވަނަ އަހަރު އެވެ.



