ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރަން ސަރުކާރަށް ނުވަ ކަމެއް ހުށަހަޅައިފި

އެމްޖޭއޭއިން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރަން އެމްޖޭއޭއިން ނުވަ ޑިމާންޑެއް ސަރުކާރަށް ވަނީ ހުށަހަޅާފައި -- ފޮޓޯ: އަދަދު

އެމްޖޭއޭއިން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރަން އެމްޖޭއޭއިން ނުވަ ޑިމާންޑެއް ސަރުކާރަށް ވަނީ ހުށަހަޅާފައި -- ފޮޓޯ: އަދަދު

ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ މާނައިގައި ކަށަވަރުކޮށް އެ މީހުންނަށް ރައްކާތެރި ފަހި މާހައުލެއް ރާއްޖޭގައި ގާއިމްކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ސަރުކާރަށް ނުވަ ކަމެއް މިއަދު ހުށަހަޅައިފި އެވެ. 

އެމްޖޭއޭ އިން ބުނީ ނޫސްވެރިންނަށް ބިރުދެއްކުމާއި، ނޫސް އިދާރާތަކަށް ފުލުހުން ވަދެ ހިންގާ އަމަލުތަކަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ސަރުކާރު ޖަވާބުދާރީ ކުރުވަން ނޫސްވެރިން ކުރާ މަސައްކަތްތައް ހުއްޓުވައި ބިރުދެއްކުމަށް ހިންގާ އަމަލުތަކެއް ކަމުގައި ދެކޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. 

"ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު އޮތް ނުރައްކާތެރި ހާލަތާމެދު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އިން އިންތިހާއަށް ކަންބޮޑުވޭ. ވަކިން ހާއްސަކޮށް، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ނެރުނު 2026 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލާފައިވާތީ، މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ވަގުތުން ފިޔަވަޅު އަޅަންޖެހިފައިވާ ވަގުތެއްކަމުގައި މި ޖަމިއްޔާއިން ދެކެން،" އެ ޖަމިއްޔާއިން ބުންޏެވެ. 

Advertisement

އެމްޖޭއޭއިން ސަރުކާރަށް ހުށަހަޅާ ނުވަ ޑިމާންޑް:

  1. މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލުން: މީޑިއާތައް ކޮންޓްރޯލްކުރުމަށް މި ސަރުކާރުން ވުޖޫދުކޮށްފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނު" އުވާލައި މީޑިއާ ކޮމިއުނިޓީއާ އެކު މަޝްވަރާކޮށްގެން 'ސެލްފް ރެގިއުލޭޓަރީ' މެކޭނިޒަމެއް ގާއިމުކުރުމުގެ މަސައްކަތް ވަގުތުން ފެށުން.
  2. 'އަދަދު' ނޫހާއި އެ ނޫހުގެ ނޫސްވެރިންނަށް ކުރާ ޖިނާއީ ތުހުމަތުތަކާއި ތަހުގީގުތައް ހުއްޓާލުން: އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ވިދިގެން އެ ނޫހާއި އެ ނޫހުގެ އެޑިޓަރުންކަމަށްވާ ހުސެއިން ފިޔާޒު މޫސާ އާއި ހަސަން މުހައްމަދުގެ މައްޗަށްކޮށްފައިވާ ޖިނާއީ ތުހުމަތުތައް އަނބުރާ ގެނެސް ޖިނާއީ ތަހުގީގުތައް ވަގުތުން ހުއްޓާލުން. އަދި ފުލުހުން އެ ނޫހުގެ އިދާރާ ފާސްކޮށް ގެންދިޔަ ތަކެތި ޝަރުތަކާ ނުލައި އަނބުރާ އެ އިދާރާއާ ހަވާލުކުރުން.
  3. އެޑިޓަރުންގެ ޓްރެވަލް ބޭން އުވާލުން: އަދަދު ނޫހުގެ ދެ އެޑިޓަރުން ކަމަށްވާ ހުސައިން ފިޔާޒު މޫސާ އާއި ހަސަން މުހައްމަދުގެ މައްޗަށް އޮތް ފުރުން މަނާކުރުމުގެ އަމުރު ވަގުތުން އުވާލުން.
  4. ނޫސްވެރިންނާއި މީޑިއާތަކުގެ މައްޗަށް ޖިނާއީ ތަހުގީގުތައް ނުކުރުން: ނޫސްވެރިންގެ މަސައްކަތާއި އެ މީހުން ޝާއިއުކުރާ ކޮންޓެންޓަކާ ގުޅިގެން ނޫސްވެރިންނާއި މީޑިއާ އިދާރާތަކަށް ޖިނާއީ ތުހުމަތުތައްކޮށް ތަހުގީގުތައް ނުހިންގުން. އަދި އެފަދަ އެންމެހާ ކަންކަން ސަރުކާރުން ހުއްޓާލުން.
  5. މަރު ކޮމިޝަނުގެ ރިޕޯޓާއި ޕަބްލިކް އިންކުއަރީ: ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި، އަނިޔާވެރިކޮށް މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި 'މަރާލާފައިވާ މީހުންނާއި ގެއްލުއްވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން' އެކުލަވާލާފައިވާ ރިޕޯޓުތައް އާންމުކޮށް، ހުޅުވާލެވިގެން މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގުން.
  6. ނޫސްވެރިންގެ ރައްކާތެރިކަން: ނޫސްވެރިންނަށާއި އެމީހުންގެ އާއިލާތަކަށް ދޭ އިންޒާރުތަކުގެ މައްސަލަ ސީރިއަސްކޮށް ބަލައި އެކަށީގެންވާ ފިޔަވަޅު އެޅުން އަދި ނޫސްވެރިކަން ރައްކާތެރިކަން ކަވަރުކުރަން ހަރުދަނާ ގައުމީ ނިޒާމެއް ގާއިމުކުރުން. އަދި މުޒާހަރާތައް ފަދަ ހާލަބޮލި ހާލަތްތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ ރައްކާތެރިކަން ލިބޭނޭކަން ކަށަވަރުކުރަން ވަގުތުން ފިޔަވަޅު އެޅުން.
  7. އާރުޓީއައި ގާނޫނު ތަންފީޒުކުރުން: މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކޮށް، ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި ހުރި ހުރަސްތައް ނައްތާލުން.
  8. ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރުން: ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި ހުރި މާއްދާތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އިސްލާހުކުރުން.
  9. މީޑިއާ ގްރާންޓް ދިނުން އިސްލާހުކުރުން: މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓް މިނިވަންކަމާއި އިންސާފުވެރިކަމާ އަދި ދެ ފުށް ފެންނަ ގޮތެއްގައި ދެވޭނޭކަން ކަށަވަރުކުރުން. އަދި އެކަމަށްޓަކައި ނޫސްވެރިންނާއި، އެޑިޓަރުންނާއި ނޫސް އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް އަދި ބައިނައަގުވާމީ ފަރާތްތަކާ އެކު މަޝްވަރާކޮށް އެފަދަ ނިޒާމެއް އެކުލަވާލުން.

ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި އޮވެ، ބާރުވެރި ފަރާތްތައް ޖަވާބުދާރީކުރުވުމުގެ ޒިންމާ އަދާކުރެވޭނީ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް އޮވެގެން ކަމަށް އެމްޖޭއޭއިން ބުންޏެވެ. 

މިގޮތުން ރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑެކްސް އިތުރަށް ދަށަށް ދިޔަ ނުދިނުމަށްޓަކައި، މަތީގައިވާ ކަންކަމަށް ސަރުކާރުން ވަގުތުން އިޖާބަދިނުމަަށާއި އެކަމުގައި މީޑިއާގެ އެންމެހާ ފަރާތްތަކާ އެކު ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް ވެސް އެ ޖަމިއްޔާއިން ގޮވާލި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox