ނޫސްވެރިކަމަށް ހުރަސްއެޅުމަށްފަހު، ހައްގުތައް ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވައިފި

May 3, 2026, 7:42 AM
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ހައްގުތަކަށް ސަރުކާރުން ހުރަސް އެޅުމަށް ފަހު، ދިވެހި ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ހުރިހާ ހައްގުތަކެއް އެންމެ މަތީ ދަރަޖައަށް ކަށަވަރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު އަރުވައިފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ހިތޯބުގައި، ނޫސްވެރިކަމަކީ ދައުލަތުގެ ބާރުތައް ގުޅުވައިދޭ ހަތަރުވަނަ ބާރުގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގައި ނޫސްވެރިންނަށް ރައްކާތެރި އަދި ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށް ވިދާޅުވިއެވެ.

"އިންސާނީ ހައްގުކާއި، ދެމެހެއްޓެނިވި ތަރައްގީއާއި އަދި ސުލްހަމަސަލަސްކަން ދެމިއޮތުން ގުޅިފައިވަނީވެސް ނޫސްވެރިކަމުގެ މިނިވަންކަމާއެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މި ދުވަހު، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަގީގަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ އަޒުމު ކަނޑައަޅުއްވަމާ ހިންގަވާށެވެ،" މުއިއްޒު ވިދާޅުވި އެވެ.

"ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަމުން އަންނަ އެންމެ މަތީ އެއް މަސްލަހަތެވެ. ދިވެހި ނޫސްވެރިންނަށް ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އެންމެހައި ހައްގުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން މިއަދުވެސް އަރުވަމެވެ."

ނަމަވެސް މި ސަރުކާރުން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހައްގުތައް ހަނިވާ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ގާނޫނެއް ހަދައި، މީޑިއާތަކާމެދު ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އެ ކޮމިޝަނުން ވަނީ، ޗެނަލް 13 ގެ ލައިވް ކަވަރޭޖު ހުއްޓާލަން އަންގައި، އަދަދު ނޫހުގެ ސިޔާސީ ކާޓޫން ސެގްމަންޓު ހުއްޓާލަން އަންގާފައިވެ އެވެ. 

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ ފުލުހުންގެ އަތުގައި ހުރި އެންމެ ބާރުގަދަ ހަތިޔާރުކަމުގައިވާ ޓޭޒާ ގަން ހިފައިގެން އަދަދު ނޫހަށް ވަދެ، އެތަން ބަލައި ފާސްކޮށް ނޫސްވެރިން ބޭނުން ކުރަމުން ދިޔަ ސާމާނުތައް ގެންގޮސްފަ އެވެ. 

އަދަދު ނޫހަށް ފުލުހުން ވަނީ މުއިއްޒުގެ މައްޗަށް ތުހުމަތުކޮށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ދެއްކި ވާހަކަތަކުގެ މައްޗަށް ހަދާފައިވާ "އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލައިގަ އެވެ.

އެ ޑޮކިއުމެންޓަރީގައި މުއިއްޒު އާއި އެ އަންހެން މުވައްޒަފު ރައީސްގެ ކޮޓަރިކޮޅުގައި ބަދުއަހުލާގީ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށްފައި ވާއިރު، މުއިއްޒުގެ ފަރާތުން އޭނާ އަށް ފައިސާ ދެމުން ދިޔަ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. 

މި ޑޮކިއުމެންޓަރީ ގެނެސްދިންތާ އެއް މަސް ދުވަސް ފަހު އަދަދު ނޫސް ބަލައި ފާސްކުރުމުގެ އިތުރުން  ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް، ގަޒުފުކުރި ކަމުގެ އިތުރުން ޖިނާއީ ގިނަ ތުހުމަތުތަކެއްކޮށް ތަހުގީގު ވަނީ ފަށައިފަ އެވެ. އަދި އެ ދެ މީހުން ރާއްޖޭން ބޭރަށް ފުރުން ވަނީ މަނާކޮށްފަ އެވެ. 

މިއީ ބަދަލު ހިފުމުގެ އަމަލުތަކެއް ކަމަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުން ބުނެފައިވެ އެވެ. 

ދިވެހި ނޫސްވެރިކަން ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު، މުއިއްޒުގެ ހިތޯބުގައި، އެއްވެސް ތަހުގީގެއް ހިންގުމެއް ނެތި ދުނިޔޭގެ ބައެއް ތަންތަނުގައި ނޫސްވެރިންނަށް ގަސްދުގައި ހަމަލާދީ މަރާލުމާއި، ނޫސްވެރިންނަށް އެކިއެކި އަދަބުތައް ދެމުންދާތަން ފެންނަމުންދާކަމީ ވަަރަށް ހިތާމަހުރި ކަމެއް ކަމަށް ފާހަގަ ކުރައްވާފައިވެ އެވެ. 

"މިއީ، މިއަދު ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ނޫސްވެރިންނާ ދެކޮޅަށް ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށް މިއަދު ގޮވާލަމެވެ." އެ މަނިކުފާނު ވިދާޅުވި އެވެ.

މިނިވަން އަދި ރައްކާތެރި ދިވެހި މީޑިއާއެއް ގާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މުއިއްޒު ގޮވާލެއްވި އެވެ. އަދި އެ މަނިކުފާނުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖު ވަރަށް އަވަހާ ހުޅުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

ނޫސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި ނަމަވެސް ނޫސްވެރިކަމަށް އެންމެ ބޮޑަށް ބޭނުންވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް މި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ހުރަސް އަޅައިފަ އެވެ. ނޫސްވެރިންނާއި އާންމުން މައުލޫމާތު ހޯދަން ހުށަހެޅި ނަމަވެސް ބައެއް މައުލޫމާތު ނުދީ ހިފަހައްޓާފައިވެ އެވެ. އޭގެ އެންމެ ފުރިހަމަ އެއް މިސާލަކީ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އަދިވެސް ހާމަކޮށްފައި ނުވުމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox