މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، މާލޭ ރޯމަސް މާރުކޭޓު މަތިން އެއްބަސްވުމަކާއި ނުލައި ތިން ފިހާރަ އަކާއި ލޭބާ ކުއާޓާއެއް ދޫކުރިކަން އެނގިއްޖެ އެވެ.
މިކަން ހާމަވީ، މަސް މާރުކޭޓު އިމާރާތުގެ ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ފަންގިފިލާގައި ހުންނަ ހުސް ޖާގަތައް ކުއްޔަށް ދީފައި ހުރި ގޮތް ބެލުމަށް ސިޓި ކައުންސިލްގެ ހާބާ އެންޑް މާކެޓު މެނޭޖްމަންޓު ސެކްޝަނުން ހިންގި އިންސްޕެކްޝަނަކުންނެވެ.
އެ ސެކްޝަނުން ބަލާފައިވަނީ މާރުކޭޓު މަތީގެ ޖާގަތައް ކުއްޔަށް ދީފައިވާ މީހުންގެ ތަފުސީލާއި އެއްބަސްވުމާއި އެއްގޮތަށް ކުލި ދައްކާތޯ އެވެ.
މިގޮތަށް ބެލި ބެލުމުން ފުރަތަމަ ފަންގިފިލާގެ ތިން ފިހާރަ އަކާއި ދެވަނަ ފަންގިފިލާގެ އެއް ފިހާރަ ހިންގަނީ އެއްބަސްވުމަކާއި ނުލާ ކަން ވަނީ ހާމަވެފަ އެވެ. މިކަން ފާހަގަކޮށް މާރުކޭޓު ސެކްޝަނުން ކައުސިލް ބިއުރޯއަށް ފޮނުވި މެމޯގައި ބުނެފައިވަނީ، މި ފަސް ތަން ހިންގާ ފަރާތްތަކުން ދައްކަން ޖެހޭ ކުލި ވެސް ދައްކަމުން ނުދާ ކަމަށެވެ.
އެއްބަސްވުމަކާއި ނުލައި، ކުލި ނުދައްކާ ފިހާރަ ހިންގަމުންދާ ފަރާތްތައް
- ފުރަތަމަ ފަންގިފިލާގެ ހަތަރު ނަމްބަރު ފިހާރަ: ހއ. ތަކަންދޫ، އެންދެރިމާގެ، އަބްދުލް ލަތީފު ގާސިމް.
- ފުރަތަމަ ފަންގިފިލާގެ ފަސް ނަމްބަރު ފިހާރަ އަދި ދެވަނަ ފަންގިފިލާގެ ލޭބާ ކުއާޓާ: ގ. ސައުތުބްރީޒް، ހަސަން ފަޔާޒް.
- ފުރަތަމަ ފަންގިފިލާ ޓިނު ގުދަން ފިހާރަ: ތ. ތިމަރަފުށި، އަސަރީގެ، މުހައްމަދު ރަޝާދު އާދަމް.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖާގަތައް ކުއްޔަށް ދީފައިވަނީ މުއިއްޒުގެ މޭޔަރު ކަމުގަ އެވެ.

މީގެ އިތުރުން، ފުރަތަމަ ފަންގިފިލާގެ ތިން ނަމްބަރު ފިހާރައިން ކުލި ދައްކަމުން ނުދާކަން އިންސްޕެކްޝަނުން ފާހަގަވެފައިވެ އެވެ. މިއީ އެއްބަސްވުމެއް ހެދުމަށް ފަހު ކުއްޔަށް ދޫކޮށްފައި ހުރި ތަނެކެވެ.
މުއިއްޒުގެ މޭޔަރުކަމުގައި އަދި މޭޔަރުކަން ނިމި، އާދަމް އާޒިމް އިންތިހާބުވުމާއި ދޭތެރޭ ރޯމަސް މާރުކޭޓު ތަރައްގީ ކުރުމަށް ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް ދެ ބަޔަކާއެކު އެއްބަސްވުންތަކެއް ހެދި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
މި މައްސަލަ، ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، ސައިފް ފާތިހް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފަ އެވެ.
ސައިފު ހުށަހެޅުއްވި މައްސަލާގައި ބަލަން އެދިފައިވަނީ މުއިއްޒުގެ މޭޔަރުކަމުގައި 6.1 މިލިއަން ޑޮލަރަށް މަސް މާރުކޭޓު ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވަނިކޮށް، މޭޔަރު ކަމުގެ ގޮނޑި ހުސްވި ދަނޑިވަޅުގައި އެ މަޝްރޫއަށް 3.5 މިލިއަން ޑޮލަރު އިތުރުކޮށް ޖުމްލަ 9.5 މިލިއަން ޑޮލަރަށް އެހެން ބަޔަކާ މަޝްރޫއު ހަވާލުކުރި ކަމަށެވެ.
ސައިފް ވިދާޅުވީ ކައުންސިލްގެ ފަރާތުން މަސްމާރުކޭޓުގެ އައު އެއްބަސްވުމުގައި ސޮއިކުރީ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމް ކަމަށާއި، އެ އެއްބަސްވުމުގައި ސޮއިކުރާން ޖެހުނު ސަބަބާއި، އަގަށް 3.5 މިލިޔަން ޑޮލަރު އިތުރުވީ ގޮތް އޭނާ ސާފުކޮށްދީފައި ނުވާ ކަމަށެވެ.
މި މައްސަލަ ސިޓީ ކައުންސިލުން ބަލަން ތާވަލުކުރި ތިން ބައްދަލުވުން ވެސް ކޯރަމް ހަމަނުވެގެން ބޭއްވޭގޮތް ވަނީ ނުވެފަ އެވެ. މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުންނެވެ.












