ރައީސް އޮފީސް ކުރިމަތީގައި މިއަދު ނޫސްވެރިން ހިމޭން އިހުތިޖާޖެއް ކޮށްފި އެވެ.
ވޯލްޑް ނިއުސް ޑޭ އަދި ދުނިޔޭގެ ރައިޓް ޓު އިންފޮމޭޝަން ދުވަހާއި ގުޅުވައި ނޫސްވެރިން ވަނީ ރައީސް އޮފީސް ކުރިމަތީގައި މެންދުރު 13:30 އިން ފެށިގެން އެއް ގަޑިރު ވަންދެން ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އިހުތިޖާޖުކޮށްފަ އެވެ.
އަދަދު ނޫހާއި ދައުރު ނޫސް އަދި މީހަރު ނޫސް ވެސް ހިމެނޭ ގޮތަށް ގިނަ މީޑިއާތަކުން ބައިވެރިވި އިހުތިޖާޖުގައި ނޫސްވެރިން ތިބީ އަނގަމަތީ ޓޭޕް އަޅައިގެންނެވެ.
އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިން ހިފައިގެން ތިބި ޕޯސްޓަރުތަކުގައި އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެފައި ވަނީ މައުލޫމާތުތައް ހާމަކުރުމަށާއި މީޑިއާތަކުގެ އަޑު ކަނޑުވާލަން ކުރާ މަސައްކަތް ހުއްޓާލުމަށެވެ.
އޭގެއިތުރުން ބޯޑުތަކުގައި ލިޔެފައިވަނީ މީޑިއާ ކޮންޓްރޯލް ގާނޫނަށް އަމަލު ނުކުރާނެ ކަމަށާއި އެ ގާނޫނު ވަގުތުން ވަގުތަށް އުވާލުމަށެވެ.

ނޫސްވެރިންގެ ހިމޭން އިހުތިޖާޖު ނިންމާލާފައިވަނީ ހުރިހާ ނޫސްވެރިން އެއް އަޑަކުން މީޑިއާ ކޮންޓްރޯލްކުރާ ގާނޫނަށް އަމަލު ނުކުރާނެ ކަމަށް ބުނުމަށްފަހު އެވެ.













