ދިވެހިންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް ދެވޭ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ 80 ވަނަ އދ. ގެ އަހަރީ އާންމު ޖަލްސާގެ ހަވާސާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު، ޑރ. އަބްދުﷲ ހަލީލް އެވެ. އަޒަރުބަައިޖާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު، ޖޭހުން ބައިރަމޯވް އެވެ.
އެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް އެތެރެވުމާއި، ޓްރާންސިޓްވުން އަދި 90 ދުވަހުގެ މުއްދަތަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ލިބޭނެ އެވެ.
މި އެއްބަސްވުމުގައި ރާއްޖެ އާއި އަޒަރުބައިޖާނުން ސޮއިކުރީ ޗައިނާގެ ޓިއަންޖިންގައި ބޭއްވި އެސްސީއޯ ސަމިޓްގެ ހަވާސާގައި ދެ ގައުމުގެ ރައީސުން ކުރެއްވި ބައްދަލުވުމުގެ މަޝްވަރާތަކަށްފަހު އެވެ.
ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައިވެސް ވިސާ އާނުލައި އަޒަރުބައިޖާނަށް ދަތުރުފަތުރު ކުރުމާގުޅޭ އެއްބަސްވުމެއްގައި މިދިޔަ އަހަރު ސޮއިކުރި އެވެ.













