ސޯޝަލް މީޑިއާ ބޭން ކުރާކަށް ނޫޅެން، އެކަން ކުރަން އުޅެޔޭ ކިޔަނީ ގައުމަށް ހެޔޮނޭދޭ ބަޔަކު: މުއިއްޒު

ރައީސް މުއިއްޒު: އެމަނިކުފާނު ވިދާޅުވީ ސޯޝަލް މީޑިއާ ބޭންކުރަން އުޅޭ ކަމަށް ބުނަނީ ގައުމަށް ހެޔޮނޭދޭ ބަޔަކު ---- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: އެމަނިކުފާނު ވިދާޅުވީ ސޯޝަލް މީޑިއާ ބޭންކުރަން އުޅޭ ކަމަށް ބުނަނީ ގައުމަށް ހެޔޮނޭދޭ ބަޔަކު ---- ފޮޓޯ: ރައީސް އޮފީސް

މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން އަޑީގައި އޮވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށް، މިހާރު ތަސްދީގުކޮށްފައިވާ ގާނޫނުން ސޯޝަލް މީޑިއާގައި އާންމުން ލިޔާ ވާހަކަތައް ބެލޭނެ ކަމަށާއި އެ ގާނޫނުގެ ސަބަބުން ސޯޝަލް މީޑިއާއަށް އަސަރުކުރާނެ ކަމަށް ބުނެ ވާހަކަ ދައްކަނީ ގައުމަށް ހެޔޮނޭދޭ ބައެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.

އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ އަށް ދުވަހުގެ ދަތުރުގެ ތެރެއިން ވ. ފެލިދޫގައި ހުންނަވާ މިރޭ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ގާނޫނާއެކު ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް އެބައޮތް ކަމަށެވެ. ގާނޫނުގެ ދަށުން ސޯޝަލް މީޑިއާ ޕްލެޓް ފޯމުތައް ބޭންކޮށް ވަކި އެކައުންޓުތަކެއް ނުފެންނަ ގޮތް ހެދޭނެ ގޮތަށް އޮތް އޮތުން އެމަނިކުފާނު ވަނީ ދޮގުކުރައްވާފަ އެވެ.

"އެއްގޮތަކަށް ވެސް ނޫޅެ އެއްވެސް މީހެއްގެ ސޯޝަލް މީޑިއާ ބޭން ކުރާކަށް. ޒުވާނުންގެ އެކި ކަހަލަ ޕްލެޓްފޯމުތައް މަނާކުރާކަށް. އެކަހަލަ އެތައް ވާހަކައެއް އެބަ ދައްކައޭ," މުއިއްޒު ވިދާޅުވި އެވެ.

އެފަދަ ވާހަކަ ދައްކަނީ ފިނޑި، ނާގާބިލު، ގައުމާމެދު ހެޔޮ ނޭދޭ ބައެއް ކަމަށާއި އެ މީހުން ކުރަންވީ ކަމަކީ ގާނޫނު އެއްކޮޅުން އަނެއްކޮޅުން ކިޔުން ކަމަށް، ވަރަށް ނުރުހުންވެސް ހުންނަވާ ހަރު އަޑުން މުއިއްޒު މިރޭ ވިދާޅުވި އެވެ.

"މިކަހަލަ އެތައް ވާހަކައެއް ދައްކާ ދެއްކުން އެއީ އެ ވާހަކަ ދައްކާ މީހުންގެ ނިކަމެތިކަން. ފިނޑިކަން. ނާގާބިލުކަން. ގައުމާއި މެދު ހެޔޮ ނޭދޭކަން،" މުއިއްޒު ވިދާޅުވި އެވެ.

ގާނޫނުގައި ހަމައެކަނި އޮތީ ތެދު ހަބަރު ފަތުރަން ޖެހޭ ވާހަކަ އާއި ދޮގު ނުހެދުން ކަމަށް މުއިއްޒު މިރޭ ވިދާޅުވި ނަމަވެސް، ގާނޫނުގެ ދަށުން މިހާރު އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ.

މިކަމަށް ބާރު ދެނީ ގާނޫނުގެ 61 މާއްދާގައި، މި ގާނޫނުގެ ދަށުން ނޫސްތަކަށް އޮތް އުސޫލު "އިލެކްޓްރޯނިކް މީޑިއާ" އަށް ވެސް ކުރާނެ ކަމަށް ބުނެފައި އޮތް އޮތުމެވެ. ގާނޫނުގައި އިލެކްޓްރޯނިކް މީޑިއާ މާނަކޮށްފައި އޮތްއިރު އިންޓަނެޓު މެދުވެރިކޮށް ހަބަރާއި މައުލޫމާތު ފެތުރުން ހިމެނެ އެވެ. ގާނޫނީ މާހިރުން ބުނަނީ މިއީ ސޯޝަލް މީޑިއާއަށް ބާރު ފޯރުވޭނެ މާނަކުރުމެއް ކަމަށެވެ.

އައު ގާނޫނާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރޭ ފަރާތްތަކަށް ވެސް ނުރުހުމުގެ ބަސް ރައްދު ކުރައްވާފަ އެވެ.

"ނުކުރެވޭނެ އެކަމެއް. މި ގައުމަކު ނުކުރެވޭނެ އެކަމެއް. ދެން އެކަން ކުރަން ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަސް އަޅުގަނޑެއް ފަރުވާލެއް ނެތް އެކަމަކަށް،" މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން، ސެލްފް ރެގިއުލޭޓަރީ ނިޒާމު ފުނޑިގެން ދިޔުމުން އެ ގާނޫނަށް ގޮންޖަހައި "ފްރީ ޕްރެސް ކައުންސިލެއް" އެކުލަވާލަން ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ނިންމި ނިންމުމަށް އަމަލުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ނުސީދާކޮށް އެމަނިކުފާނު މިރޭ ވަނީ ވިދާޅުވެފަ އެވެ.

ފަހުގެ ތާރީހެއްގައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމަށް އެންމެ ބޮޑު ހަމަލާއެއް ދެއްވުމަށް ފަހު ފުރަތަމަ ފަހަރަށް އެކަމާ ގުޅޭގޮތުން މުއިއްޒު ދެއްކެވި ވާހަކަތަކުގައި ވެސް ދެއްވީ ހަރުކަށި އިންޒާރެކެވެ. ގާނޫނުއަސާސީގެ ތަރަހައިގެ ބޭރުން އަދި ގާނޫނު ހެދުމުގެ އިޖުރާއަތްތަކާ ހިލާފަށް އެކުލަވާލި ގާނޫނުގެގެ ނަން ވިދާޅުވި ނަމަވެސް މިރޭ ފެލިދޫގައި މުއިއްޒު ނޫސްވެރިންނަށް ދެއްވީ އިންޒާރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox