ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައި ވާއިރު، ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގޮސްފައިވާ މިންވަރާއި ރައީސް މުހައްމަދު މުއިއްޒުގެ ވައުދުތައް ފުއްދިފައިވާ މިންވަރު ދެނެގަތުމުގެ ނަމުގައި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ރަށްރަށަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ކެބިނެޓު އެކުލެވިގެން ވަނީ އެޓާނީ ޖެނެރަލާއެކު ޖުމުލަ 20 މިނިސްޓްރީގެ މައްޗަށެވެ.
ބައެއް މިނިސްޓްރީތަކުގެ ސީނިއާ އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި ރަށްރަށަށް ދަތުރުތައް ފެށުމަށްޓަކައި ކޮންމެ މިނިސްޓްރީއެއްގެ ސިޔާސީ މުވައްޒަފުންގެ ތެރެއިން 3 މީހަކު ކަނޑައަޅަން ވަނީ އަންގައިފަ އެވެ.
އެހެންވެ، މި ދަތުރުތަކުގައި ދާނެ މީހުންގެ ޖުމުލަ އަދަދު 60 އަށް އަރާނެ އެވެ.
"އެ މީހުންގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ،" ނަން ނުޖެހުމަށް ޝަރުތުކޮށް ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ.

މި ފަހަކަށް އައިސް ކޮންމެ މަހެއްގައި ވެސް ކެބިނެޓުގެ ގިނަ އަދަދެއްގެ ވަޒީރުންނާއެކު ރައީސް މުއިއްޒު ރަށްރަށަށް ދަނީ ރަސްމީ ދަތުރުތައް ވެސް ދަނީ ކުރައްވަމުންނެވެ.
"މަޝްރޫއުތަކުގެ އަޕްޑޭޓު ރައީސްގެ ދަތުރުގައި ވެސް ލިބިވަޑައިގަންނަވާނެ. އަދި މިފަދަ ޒަމާނެއްގައި ރަށްރަށަށް ދަތުރު ނުކޮށް ވެސް މަޝްރޫއުތަކާއި ވައުދުތަކުގެ އަޕްޑޭޓު ގެނެވޭނެ،" އޮފިޝަލަކު ވިދާޅުވި އެވެ.
"މިދަނޑިވަޅުގައި މިކަންކަން މި ކުރަނީ ސީދާ ކެމްޕޭނަށް."
ރަށްރަށަށް ދަތުރުތައް ފަށަށް ސަރުކާރުން ތައްޔާރު ވާއިރު، މާލީ ދަތިތައް ކުރިމަތިވެ، ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ހަވާލު ކުރަމުން ދަނީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކާ އެވެ.
އެކި ސަރަހައްދުތަކުގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަޅަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެވެ. މުޅި އެ ޕްރޮޖެކްޓަށް 327 މިލިއަން ރުފިޔާ ހަރަދުވެ އެވެ. ނަމަވެސް، އެއީ ސީއެސްއާރު ޕްރޮޖެކްޓެއް ކަމެއް، ނުވަތަ ސަރުކާރުން ފަހުން ފައިސާ ދޭ ގޮތަށް ހިންގާ ޕްރޮޖެކްޓެއްކަން ހާމައެއް ނުކުރެ އެވެ.
ފަންސާސް ފަސް ރަށެއްގެ ކައުންސިލް އޮފީސް އިމާރާތް ކުރަން ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ކަމަށް ބުނެ އާރުސީސީއާ މަޝްރޫއު ހަވާލު ކުރުމަށް ފަހު، ސަރުކާރުން ޔަގީންކަން ދީގެން ބީއެމްއެލް މެދުވެރިކޮށް 29.2 މިލިއަން ޑޮލަރުގެ ލޯނެއް އާރުސީސީއަށް ހަމަޖައްސައިދީފައި ވާކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެ މަޝްރޫއުގެ ޖުމުލަ އަގަކީ 631 މިލިއަން ރުފިޔާ އެވެ.
ރަށްރަށުގައި އޭޓީއެމް ބަހެއްޓުމަށް ބޮޑު ހަރަދެއް ވެސް ކުރަމުން ދަނީ ބީއެމްއެލްއިންނެވެ.
titledesc













