އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު ގަތަރަށް ފުރާވަޑައިގަންނަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނު ފުރާވަޑައިގެންނެވީ މިރޭ ކަމަށެވެ. ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ ކުއްލި ސަމިޓު ތާވަލުކޮށްފައިވަނީ މާދަމާ އަށެވެ.
މި ސަމިޓު ބާއްވަން ނިންމީ ސެޕްޓެމްބަރު 9، ގައި އިޒްރޭލުން ގަތަރަށް ދިން ހަމަލާ އާއި ގުޅިގެންނެވެ. ސުލްހައިގެ މަޝްވަރާތަކެއްގައި ބައިވެރިވުމަށް ގަތަރަށް ދިޔަ ހަމާސްގެ ލީޑަރުންގެ ޓީމަކަށް އިޒްރޭލުން ދިން ހަމަލާ ހަމަ އެ ދުވަހު މުއިއްޒު އަދި ދިވެހި ސަރުކާރުން ކުށްވެރި ކުރި އެވެ.
އެ ރޭ، އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ، އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ދިން ހަމަލާއެއް ކަމަށާއި މިއީ ގަތަރުގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށް ވެސް އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.
މުއިއްޒުގެ ދަތުރާއި ގުޅިގެން ރައީސް އޮފީހުން ބުނީ ސަމިޓުގައި އެމަނިކުފާނު ތަގުރީރުކުރައްވާނެ ކަމަށެވެ. މި ސަމިޓުގައި މުއިއްޒު ބައިވެރިވެވަޑައިގަތުމުން ރާއްޖެއިން ގަތަރާއެކު ބާއްވާ ގާތް ކަމާއި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު ދައްކުވައިދޭ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.















